އަފްޣާނިސްތާނުގެ ވެރިކަމަށް ތާލިބާނުން އަލުން އައިތާ ފަސް އަހަރު ފުރުނުއިރު، ގައުމުގެ އަމަންއަމާންކަން ގާއިމުކުރުމާއި ކޮރަޕްޝަން ނައްތާލުމުގައި ބޮޑެތި ކުރިއެރުންތަކެއް ހޯދާފައިވާ ކަމަށް ތާލިބާން ސަރުކާރުން ބުނެއެވެ. އެއާއެކު ބައިނަލްއަގުވާމީ މުޖުތަމައުގެ ފާޑުކިޔުންތަކާއި އިގްތިސާދީ ދަތިތަކުން ގައުމު އަދިވެސް ވަނީ މިންޖުނުވެވިފައެވެ.
އޯގަސްޓް 2021 ގައި އެމެރިކާ ސިފައިން އަފްޣާނިސްތާނުން ފައްސާލުމަށްފަހު ވެރިކަމަށް އައި ތާލިބާން ސަރުކާރުން ފާހަގަކުރާ ގޮތުގައި، ވޭތުވެދިޔަ ފަސް އަހަރުގެ ތެރޭގައި ހޯދި އެންމެ ބޮޑު ކާމިޔާބީއަކީ އެތައް އަހަރަކަށް ދެމިގެންދިޔަ ހަނގުރާމަ ހުއްޓުވައި، ގައުމުގެ އެކި ކަންކޮޅުތަކުގައި ސުލްހަ އާއި އަމާންކަން ގާއިމުކުރުމެވެ.
ކުރީގެ ސަރުކާރުތަކުގައި އާންމުވެފައިވި ކޮރަޕްޝަނާއި ރިޝްވަތުގެ ވަބާ ކުޑަކޮށްލުމާއި، ޓެކްސް ފައިސާ އެއްކުރުމުގެ ނިޒާމު ހަރުދަނާކޮށްފައިވާ ކަމަށްވެސް އެފަރާތުން ބުނެއެވެ.
އިގްތިސާދީ ދާއިރާއަށް ބަލާއިރު، މަސްތުވާތަކެތި އުފެއްދުމަށް ބޭނުންކުރާ އަފިހޫން ހެއްދުން މުޅި ގައުމުގައި މަނާކޮށް، މަސްތުވާތަކެތީގެ ވިޔަފާރި ވަރަށް ބޮޑަށް ދަށްކޮށްފައިވާކަން ބައިނަލްއަގުވާމީ ޖަމްއިއްޔާތަކުންވެސް ގަބޫލުކުރެއެވެ.
މީގެއިތުރުން، އުމްރާނީ ތަރައްގީގެ ބައެއް ބޮޑެތި މަޝްރޫއުތައް، އަދި ދަނޑުވެރިކަމަށް މުހިންމު މަޝްރޫއުތައް އަމިއްލަ އާމްދަނީން ކުރިއަށްދިއުމަކީ ތާލިބާނުން ފާހަގަކުރާ ކާމިޔާބީއެކެވެ.
ނަމަވެސް، މި ކާމިޔާބީތަކާއެކުވެސް، ބައިނަލްއަގުވާމީ މުޖުތަމައުން ތާލިބާން ސަރުކާރު ރަސްމީކޮށް ބަލައިގެންފައެއް ނުވެއެވެ. އަންހެނުންގެ ހައްގުތަކަށް އަރައިގަނެ، އަންހެންކުދިން ސެކަންޑަރީ އަދި މަތީ ތައުލީމު ހާސިލުކުރުން މަނާކުރުމާއި، ވަޒީފާގެ ފުރުސަތުތައް ހުއްޓުވުން ފަދަ ފިޔަވަޅުތަކުގެ ސަބަބުން ބައިނަލްއަގުވާމީ މުޖުތަމައުގެ ނުރުހުން ވަނީ އިންތިހާއަށް ބޮޑުވެފައެވެ.
އަފްޣާނިސްތާނުގެ މަރުކަޒީ ބޭންކުގެ އެސެޓްތައް ފްރީޒްކޮށް، ދެވިފައިވާ އިގްތިސާދީ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން ގައުމުގެ އާންމު ރައްޔިތުން ދަނީ އިންތިހާ ދަތިހާލުގައި ދިރިއުޅެމުންނެވެ. ވަޒީފާނެތް މީހުންގެ އަދަދު އިތުރުވެ، ފަގީރުކަން އިންތިހާއަށް އުފުލިފައިވާއިރު، އާންމު ހިދުމަތްތައް ދިނުމުގައި ސަރުކާރަށް ބޮޑެތި ގޮންޖެހުންތަކާ ވަނީ ކުރިމަތިލާންޖެހިފައެވެ.
ތާލިބާނުންނަށް ގައުމުގެ އިދާރީ އަދި ސެކިއުރިޓީ ކޮންޓްރޯލް ހޯދެނު ނަމަވެސް، އަންހެނުންގެ ހައްގުތަކާއި އިންސާނީ ހައްގުތަކަށް އިހުތިރާމްނުކުރާ ނަމަ، ބައިނަލްއަގުވާމީ މާލީ އިދާރާތަކުގެ އެހީތެރިކަމާއެކު ގައުމުގެ އިގްތިސާދު ހަމައަކަށް އަޅުވައި، ދެމެހެއްޓެނިވި ތަރައްގީއެއް ހޯދުމަކީ ނާދިރު ކަމެކެވެ.







