އަންހެން ކުދިންގެ ތަޢުލީމީ ޙައްޤު ނިގުޅައިގަތުމުން ބައްޕައިންގެ ހިތްތަކަށް ލިބޭ އަނިޔާ

އަފްޣާނިސްތާނުގެ ވެރިރަށް ކާބުލްގެ ފިނި ކޮޓަރިއެއްގައި، އޭނާގެ ދަރިފުޅަށް ނޭނގޭނެހެން ކަރުނަތައް ފޮރުވަމުންދިޔަ ބައްޕައަކު ބުންޏެވެ: "އަހަރެން ދާނީ އެހެން ކޮޓަރިއަކަށް… އެތާނގައި ފިލައި، އިނދެގެން ރޯނަމެވެ." މިއީ ހަމައެކަނި އެއް ޢާއިލާއެއްގެ ހިތާމައެއް ނޫނެވެ. މިއީ ދުނިޔޭގެ އެހެން ޤައުމަކުން ފެނިފައިނުވާ ފަދަ، އަންހެން ކުދިންނަށް ސާނަވީ ތަޢުލީމު މަނާކުރުމުގެ ސިޔާސަތުގެ ސަބަބުން، ޤައުމެއްގެ ޖީލެއްގެ އުންމީދުތަކުގެ މައްޗަށް އެޅިފައިވާ ކަޅު ހިޔަންޏެކެވެ.

ތާލިބާނުން 2022 ވަނަ އަހަރުގެ މާޗު މަހު ތަންފީޒުކުރަން ފެށި އަންހެން ކުދިން ތައުލީމުން މަހުރޫމު ކުރުމުގެ މި އަމުރަށް، މިއަދު ހަތަރު އަހަރު ފާއިތުވެގެންދާއިރު، އެތައް މިލިއަން އަންހެން ކުދިންގެ މުސްތަޤުބަލު ބަނަކޮށްލާފައިވާ ބާރުގަދަ ހަތިޔާރެކެވެ.

އދގެ ގެ އެންމެ ފަހުގެ ހިސާބުތަކުން ދައްކާގޮތުގައި، މި ފިޔަވަޅުގެ ސަބަބުން މަދުވެގެން އެއް މިލިއަން އަންހެން ކުދިންނަށް ތަޢުލީމުގެ ދޮރުތައް ވަނީ ބަންދުވެފައެވެ.

ދީނީ ވިސްނުމާއި ޙަޤީޤަތް: ބައްޕައިންގެ ސުވާލު

ތާލިބާނުންގެ އޮފިޝަލުން މި އުނގެނުމުގައި ތަޅު އަޅުވައި ބަންދުކުރުން ދިފާޢުކުރަނީ އިސްލާމީ ޝަރީޢަތް އެމީހުންގެ ޚާއްޞަ މާނަކުރުންތަކަކަށް ރިޢާޔަތްކޮށް، "ވަގުތީ" ފިޔަވަޅެއްގެ ގޮތުގައެވެ. ނަމަވެސް، ޤައުމުގެ އެކި ހިސާބުތަކުން ވާހަކަދެއްކި ދީނީ ވިސްނުމުގެ ބައްޕައިންގެ ހިތްތަކުގައި ވަނީ ބޮޑެތި ސުވާލުތަކެކެވެ.

"ތިޔަފަދަ ވާހަކަތަކެއް، ޤުރުއާނުގެ އެއްވެސް ތަނަކުން، ފެންނާކަށް ނެތް…. ތަޢުލީމަކީ ހަމައެކަނި ފިރިހެނުންނަށް ޚާއްޞަ އެއްޗެއް ކަމަށް ބުނެފައިވާތަނެއް ނުފެންނާނެ،" ނަން ހާމަނުކުރުމަށް އެދުނު ބައްޕައަކު ބުންޏެވެ. އަފްޣާނިސްތާނުގެ ފިރިހެނުންގެ ތެރެއިން 60 އިންސައްތައަށްވުރެ ގިނަ މީހުން ދެކޭގޮތުގައި، ދަރިންނަށް ތަޢުލީމު ހޯދައިދިނުމަކީ ޤައުމީ އަދި ދީނީ ވާޖިބެކެވެ.

ސިއްރު ސްކޫލްތަކާއި ނުރައްކާތެރި އުންމީދުތައް

ސަރުކާރުގެ ރަސްމީ ދަތިކުރުންތަކާއެކު، ބައެއް ޢާއިލާތައް ވަނީ ފުރާނަ އަތްމަތީގައި ބާއްވައިގެން ސިއްރު މަދަރުސާތަކަށް ދަރިން ފޮނުވަން ފަށާފައެވެ. ޑޮކްޓަރެއްގެ ވަޒީފާ އަދާކުރާ މުޙައްމަދު އޭނާގެ ދެ ދަރިންގެ ތަޢުލީމަށްޓަކައި މަހަކު 10,000 އަފްޣާނީ ޚަރަދުކުރެއެވެ. އެކުދިން ދާ ސްކޫލް ފަޅާއަރައިފިނަމަ ދަރިން ހައްޔަރުކުރެވިދާނެ ކަމުގެ ބިރުވެރިކަމުގެ ތެރޭގައި އޭނާ ހުރެއެވެ.

"އެންމެ މުހިންމު ކަމަކީ އެ ކުދިން ކިޔެވުން ކުރިއަށް ގެންދިއުން،" މުޙައްމަދު ބުންޏެވެ. "އަހަރެން ދުނިޔޭގައި ހުރިހާ ހިނދަކު، އެ ކުދިންގެ ތަޢުލީމަށް މަގެއް ހޯދައިދޭނަމެވެ." ނަމަވެސް، މިފަދަ މަސައްކަތްތައް ދުވަހުން ދުވަހަށް ދަތިވަމުންދާކަން އެ ޢާއިލާތަކުން ފާހަގަކުރެއެވެ. ބައިނަލްއަޤުވާމީ އެހީތެރިކަން ދަށްވެ، އިޤްތިޞާދީ ހީނަރުކަން ބޮޑުވުމުން، ގިނަ ބައްޕައިންނަށް މިހާރު ތަޢުލީމީ ޚަރަދުތައް ބެލެހެއްޓުމަކީވެސް ގޮންޖެހުމެކެވެ.

ނަފްސާނީ ހަލާކާއި ޒުވާން ޖީލުގެ މާޔޫސްކަން

އިޖުތިމާޢީ ދިރިއުޅުމުން އެކަހެރިވެ، ސްކޫލް ދައުރު މުޅިން ގެއްލިގެންދާ 13 އަހަރުގެ އަންހެން ކުއްޖެއްގެ ބައްޕަ 'އެމް' ބުނިގޮތުގައި، ކުދިންގެ ނަފްސާނީ ހާލަތު ވަނީ ވަރަށް ދަށުގައެވެ.

"އަހަރެން ކުރިއަށް ދިޔަޔަސް، އަހަރެންގެ މުސްތަޤުބަލެއް ނެތް،" ދަރިފުޅު ބައްޕަގެ ކުރިމަތީގައި ބުނާ ބަސްތަކަކީ އެ ބައްޕައިންގެ ހިތްތަކަށް ލިބޭ އެންމެ ބޮޑު އަނިޔާއެވެ.

އަފްޣާނިސްތާނުގެ މި ހިތްދަތި މަންޒަރުތަކުން ދޭހަވަނީ، އެއްފަރާތުން ސަރުކާރުގެ ހަރުކަށި ސިޔާސަތުތަކާއި، އަނެއްފަރާތުން ދަރިންގެ ޢިލްމީ މުސްތަޤުބަލަށްޓަކައި ހަނގުރާމަކުރާ ބައްޕައިންގެ ދެމެދުގައި އޮތް ނިމުމެއްނެތް ނުތަނަވަސްކަމެވެ. އެތައް ޤަރުނެއްގެ ޢިލްމީ ތަރިކަ ދޫކޮށްފައިވާ ޤައުމެއްގެ ޒުވާން އަންހެން ކުދިންނަށް، މިއަދު އޮތް އެންމެ ބޮޑު ސުވާލަކީ "އަހަރެމެން އަލުން އާދައިގެ ދިރިއުޅުމަކަށް ރުޖޫޢަވާނީ ކޮންއިރަކު ހެއްޔެވެ؟" މިއީ ޖަވާބެއް ނުލިބިވާ ތާރީޚީ ސުވާލެކެވެ.

ހިއްސާ ކުރައްވާ!