ޕާކިސްތާނުގެ ސަލާމަތީ މައްސަލަތަކަކީ އެ ގައުމުގެ އަމިއްލަ މައްސަލައެއް: ތާލިބާން

ޕާކިސްތާނުގެ ސަލާމަތީ މައްސަލަތަކުގެ ޒިންމާ ތާލިބާންގެ ބޮލުގައި ނޭޅުވުމަށް އެ ޖަމާއަތުގެ ތަރުޖަމާނު ޒަބީހުﷲ މުޖާހިދު ގޮވާލައްވައިފިއެވެ. އޭނާ މިކަން ހާމަކުރެއްވީ އަފްޣާނިސްތާނުގައި ހަނގުރާމަވެރި ޖަމާއަތްތައް ހަރަކާތްތެރިވާ ކަމަށް ޕާކިސްތާނުން ކުރި ތުހުމަތުތައް ދޮގުކުރައްވަމުންނެވެ.

ޕާކިސްތާނުގެ ހާރިޖީ ވަޒީރު އިސްހާގް ދާރު މީގެ ކުރިން ވަނީ ޝަންހާއީ ކޯޕަރޭޝަން އޮގަނައިޒޭޝަންގެ މެމްބަރުންގެ ކިބައިން، ޓެރަރިޒަމާ ދެކޮޅަށް ފިޔަވަޅު އެޅުމަށާއި އަފްޣާނިސްތާނުގައި ހުރި ހަނގުރާމަވެރިންގެ މަރުކަޒުތައް ނައްތާލުމަށް ތާލިބާނަށް ޕްރެޝަރު ކުރުމަށް އެދިވަޑައިގެންފައެވެ. އަދި އަފްޣާނިސްތާނުން އުފެދޭ ޓެރަރިޒަމަކީ ޕާކިސްތާނަށް ކުރިމަތިވެފައިވާ އެންމެ ބޮޑު ސަލާމަތީ ގޮންޖެހުން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މި ވާހަކަތަކަށް ރައްދު ދެއްވަމުން މުޖާހިދު ވިދާޅުވީ، އެއްވެސް ގައުމަކާ ދެކޮޅަށް އަފްޣާނިސްތާނުގެ ބިން ބޭނުންކުރުމުގެ ފުރުސަތު ދީފައި ނުވާނެ ކަމަށާއި، އެކަން ހުއްޓުވުމަށް ތާލިބާން ދެމިއޮތް ކަމަށެވެ. އަދި އަފްޣާނިސްތާނުގައި އެއްވެސް ޓެރަރިސްޓް ޖަމާއަތެއް ހަރަކާތްތެރިވަމުން ނުދާ ކަމަށް އޭނާ ތަކުރާރުކޮށް ވިދާޅުވިއެވެ.

ޕާކިސްތާނުގައި މިހާރު ހިނގަމުންދާ ހަމަނުޖެހުންތަކަކީ އަހަރުތަކެއް ކުރިން ފެށިގެން އައިސްފައިވާ މައްސަލަތަކެއް ކަމަށާއި، އެކަމާ އަފްޣާނިސްތާނުގެ މިހާރުގެ ހާލަތާ އެއްވެސް ގުޅުމެއް ނެތް ކަމަށް މުޖާހިދު ތުހުމަތު ކުރެއްވިއެވެ.

ތާލިބާނުން ތަކުރާރުކޮށް މި ތުހުމަތުތައް ދޮގު ކުރަމުން ދިޔަ ނަމަވެސް، ބައިނަލްއަގްވާމީ އެކި ޖަމިއްޔާތަކުން ވަނީ އަފްޣާނިސްތާނުގައި ހަނގުރާމަވެރި ޖަމާއަތްތައް އަދިވެސް ހަރަކާތްތެރިވަމުންދާކަން ސާބިތުކޮށްދޭ ރިޕޯޓްތައް ތަކުރާރުކޮށް އާންމުކޮށްފައެވެ.

ހިއްސާ ކުރައްވާ!