ހޮސްޕިޓަލެއްގައި އެޗްއައިވީ ފެތުރި، 6 ކުދިން މަރުވެ 94 ކުދިންނަށް ބަލިޖެހިއްޖެ

ޕާކިސްތާނުގެ އެންމެ ބޮޑު ސިޓީ ކަރާޗީގެ ސަރުކާރު ހޮސްޕިޓަލެއްގައި އެޗްއައިވީ ފެތުރެން ފެށިފަހުން، 2025 ވަނަ އަހަރުގެ ނޮވެމްބަރު މަހުން ފެށިގެން މިހާތަނަށް 6 ކުދިން މަރުވެ، 94 ކުދިންނަށް ބަލިޖެހިފައިވާ ކަމަށް އޮފިޝަލުން ބުދަ ދުވަހު ވިދާޅުވެއްޖެއެވެ.

ސިންދު ޕްރޮވިންސްގެ ހެލްތް ސެކްރެޓަރީ ތާހިރު ހުސައިން ސަންގީ ޕީޓީއައި އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، ސިންދު އެމްޕްލޯޔީސް ސޯޝަލް ސެކިއުރިޓީ އިންސްޓިޓިއުޝަނުން ހިންގާ ކަރާޗީގެ ކުލްސޫމް ބާއީ ވަލީކާ ހޮސްޕިޓަލުން މި ބަލި ފުރަތަމަ ފާހަގަކުރެވުނީ 2025 ވަނަ އަހަރުގެ ނޮވެމްބަރު މަހު ކަމަށެވެ.

"ހެލްތް މިނިސްޓްރީގެ އަމުރަށް އަހަރެމެން އަމިއްލައަށް ތަހުގީގެއް ހިންގިން. އަދި ހޮސްޕިޓަލުން ލިބުނު ރެކޯޑުތަކުން ދައްކާ ގޮތުގައި މި ބަލި ފެތުރެން ފެށީ މިދިޔަ ނޮވެމްބަރު މަހު. އަދި އޭގެ ފަހުން އެޗްއައިވީ/އޭޑްސް ވައިރަސް ޖެހިގެން 6 ކުދިން ވަނީ މަރުވެފައި،" އޭނާ ވިދާޅުވިއެވެ.

ސަންގީ ވިދާޅުވި ގޮތުގައި މި މަހު އެކަނިވެސް ކުޑަކުދިންގެ ތެރެއިން އެޗްއައިވީގެ އައު 16 ކޭސް ވަނީ ކަށަވަރުވެފައެވެ. އޭގެއެކު، މިދިޔަ ނޮވެމްބަރު މަހުން ފެށިގެން މި ބަލިޖެހުނު ކުދިންގެ ޖުމްލަ އަދަދު ވަނީ 94 އަށް އަރާފައެވެ.

އޭނާ ވިދާޅުވީ، މި ބަލި ފެތުރެން ފެށުމާއެކު، ސިންދު ހެލްތް ޑިޕާޓްމަންޓުން ވަނީ ހޮސްޕިޓަލް ހުރި ސަރަހައްދުގެ މީހުން ޓެސްޓުކުރުމަށް ޓީމުތައް ފޮނުވާފައެވެ.

ސަންގީ ވިދާޅުވި ގޮތުގައި، ހޮސްޕިޓަލް ކައިރީގައި ދިރިއުޅޭ ގާތްގަނޑަކަށް 10،000 މީހުންގެ ތެރެއިން، ބޮޑެތި މީހުންނާއި ކުޑަކުދިން ހިމެނޭހެން 120 މީހުން ވަނީ އެޗްއައިވީއަށް ޕޮޒިޓިވްވެފައެވެ. އެޗްއައިވީއަށް ޕޮޒިޓިވްވި މީހުންނަށް ސަރުކާރުގެ ޚަރަދުގައި މިހާރު ދަނީ ފަރުވާ ދެމުންނެވެ.

އޭނާ ވިދާޅުވި ގޮތުގައި، ސަރުކާރުގެ ސީދާ އަމުރަށް، ހެލްތް ޑިޕާޓްމަންޓުން ދަނީ މަޝްހޫރު ޑޮކްޓަރުންގެ ކޮމިޓީއަކާ ގުޅިގެން، ބަލިޖެހިފައިވާ މީހުންނަށް މުޅި އުމުރަށް ދޭންޖެހޭ ފަރުވާގެ ކަންކަން އިންތިޒާމުކުރަމުންނެވެ.

ސިންދު ޕްރޮވިންސްގެ ލޭބަރ މިނިސްޓަރު ސައީދު ޣަނީ ބުދަ ދުވަހު މީޑިއާއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، ބަލިޖެހިފައިވާ ކުދިންގެ ދިގު މުއްދަތުގެ ފަރުވާއަށް ހަމަޖައްސާފައިވާ 2 ބިލިއަން ޕާކިސްތާން ރުޕީސްގެ ފަންޑު ބެލެހެއްޓުމަށާއި ފަރުވާގެ ސްޓްރެޓެޖީ ސުޕަވައިޒްކުރުމަށް ސީނިއަރ މެޑިކަލް އެކްސްޕާޓުންގެ ދާއިމީ ކޮމިޓީއެއް އެކުލަވާލެވޭނެ ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި، ބަލިޖެހިފައިވާ އެންމެހައި ކުދިންނަށް ދަނީ އިންޑަސް ހޮސްޕިޓަލް، އޭކޭޔޫއެޗް އަދި ޑޯ ޔުނިވަރސިޓީ އޮފް ހެލްތް ސައިންސަސް ފަދަ އެންމެ ކުރިއަރާފައިވާ 5 މުއައްސަސާއަކުން ފަރުވާ ދެމުންނެވެ.

ސިންދު ހައިކޯޓުން ވަނީ ޕްރޮވިންޝަލް ލޭބަރ ޑިޕާޓްމަންޓުގެ ދަށުން ހިންގާ މި ހޮސްޕިޓަލުގައި އެޗްއައިވީ ފެތުރެން މެދުވެރިވި ސަބަބު އޮޅުންފިލުވައިދިނުމަށް ޕްރޮވިންސްގެ ސަރުކާރަށް ތިން ހަފުތާގެ މުއްދަތެއް މިދިޔަ ހަފުތާގައި ދީފައެވެ.

ސިންދު އޮމްބަޑްސްމަންގެ އެޑްވައިޒަރު ހާނީ ޖަމާލް ޚާން އަންގާރަ ދުވަހުގެ އަޑުއެހުމަށް ހުށަހެޅުއްވި ރިޕޯޓުގައި، އެޗްއައިވީ ޖެހިފައިވާ ކުދިންގެ ޖުމްލަ އަދަދަކީ 94 ކަމަށް ވަނީ ދައްކާފައެވެ.

ކޯޓުން ވަނީ މި މައްސަލައިގެ އަޑުއެހުންތައް ކުރިއަށްގެންދިއުމަށް ޕްރޮވިންސްގެ އޮމްބަޑްސްމަންއަށް އަންގާފައެވެ. މިއީ ތަގައްޔަރުވެފައިވާ ސިރިންޖު އަލުން ބޭނުންކުރުމުގެ ސަބަބުން ކުޑަކުދިންނަށް އެޗްއައިވީ/އޭޑްސް ޖެހުނު މައްސަލައިގައި އާންމު ފަރާތަކުން ހުށަހެޅި މައްސަލައަކާ ގުޅިގެންނެވެ. އެ ފަރާތުން ވަނީ މި މައްސަލައިގެ މިނިވަން ތަހުގީގެއް ހިންގުމަށާއި، މައްސަލަ ރެޖިސްޓްރީކުރުމަށާއި، މުޅި އުމުރަށް މެޑިކަލް ފަރުވާ ދިނުމުގެ އިތުރުން، ބަލިޖެހުނު ކުދިންނަށް އެކަށީގެންވާ ބަދަލެއް ދިނުމަށް ހައިކޯޓުގައި އެދިފައެވެ.

ހިއްސާ ކުރައްވާ!