ޕާކިސްތާނުގެ އެންމެ ބޮޑު، ނަމަވެސް އާބާދީ އެންމެ މަދު ޕްރޮވިންސް ކަމަށްވާ ބަލޫޗިސްތާނަށް ކުރިމަތިވެފައިވާ ވެރިކަމާއި، އިގްތިސާދީ މައްސަލަތަކާއި ސިޔާސީ ގޮތުން އެކަހެރިކުރުމުގެ ސަބަބުން އެ ސަރަހައްދުގައި ހޖަމނިޖެހުންތަކަށ ްމަގުފަހި ވެފައި ވެއެވެ. 'ސެންޓަ ފޯ ޕީސް ސްޓަޑީޒް' އިން ނެރުނު ރިޕޯޓެއްގައި ބުނާ ގޮތުން، އިސްލާމްއާބާދުން ގެންގުޅޭ ސަލާމަތީ ފިޔަވަޅުތައް ނާކާމިޔާބުވެ، މި ޕްރޮވިންސް މިހާރު މިވަނީ ގިނަ ޖަމާއަތްތަކުން ހަމަނުޖެހުންތައް ހިނގާ ސަރަހައްދަކަށް ބަދަލުވެފަ އެވެ.
ފާއިތުވި ހަފްތާތަކުގައި ހަނގުރާމަވެރިންގެ ޓެރަރިސްޓް ހަމަލާތައް ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ. އޭގެ ތެރޭގައި އަސްކަރީ ކޮންވޯއީތަކާއި، ފުލުހުންގެ ޗެކްޕޮއިންޓްތަކާއި، އުމްރާނީ ތަރައްގީގެ މަޝްރޫއުތަކަށް އަމާޒުކޮށްދޭ ހަމަލާތައް ހިމެނެ އެވެ.
ބޭރުގައި ހުންނަވާ ބަލޫޗް ނޭޝަނަލިސްޓް ލީޑަރު މިރު ޔާރު ބަލޫޗް، ބަލޫޗިސްތާނަކީ މިނިވަން "ޖުމްހޫރިއްޔާއެއް" ކަމަށް މިދިޔަ ޖުލައި މަހު އިއުލާންކުރިއެވެ. މިއީ، ޕާކިސްތާންގެ އިއްތިހާދަށް މި ސަރަހައްދުން ކުރިމަތިވެފައިވާ ނުތަނަސްކަން ހާމަކޮށްދޭ ކަމެކެވެ.
މީގެ އިތުރުން ޒިއާރަތް ޑިސްޓްރިކްޓްގައި ހިންގި ހަމަލާއެއްގައި ފުލުހުންތަކެއް މަރާލި މައްސަލައިގައި، ބަދަލު ހިފުމަށް ދިން ހަމަލަތަކަށް ރައްޔިތުން ގެންދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. ރައްޔިތުން ބުނަނީ މިފަދަ ހާދިސާތައް ބޭނުންކޮށްގެން ސަރުކާރުން އަސްކަރީ އޮޕަރޭޝަންތައް ހިންގައި، އާންމުންނަށް ބިރުދައްކާ ކަމަށެވެ. މީގެ އިތުރުން، އެތައް ބަޔަކު އެ ޕްރޮވިސްގައި ނިޒާމުން ގެއްލުވާލާފައިވާ މައްސަލައަކީ ވެސް ރައްޔިތުންނާއި ސަރުކާރާ ދެމެދު އޮތް އިތުބާރު ކުޑަވާން މެދުވެރިވި ބޮޑު ސަބަބެކެވެ.
އިގްތިސާދީ ގޮތުން ބަލާއިރު، ގުދުރަތީ ގޭހާއި، ކޮޕަރ އަދި ރަނުގެ މުއްސަނދިކަން ލިބިފައިވީ ނަމަވެސް، ބަލޫޗިސްތާނަކީ ޕާކިސްތާނުގެ އެންމެ ފަގީރު ޕްރޮވިންސެވެ. ސުއީގެ ގޭސް ޕަންޖާބުގެ ސިނާއަތްތަކަށް ފޯރުކޮށްދެމުންދާއިރު، އެ ގޭސް ނަގާ ސަރަހައްދުގެ މީހުންނަށް އަސާސީ ހިދުމަތްތައްވެސް ނުލިބެ އެވެ. އަދި ގްވާދަރު ބަނދަރުގެ އާމްދަނީ ބޮޑުބައި ޗައިނާގެ ކުންފުނިތަކަށާއި ފެޑެރަލް ސަރުކާރަށް ލިބޭއިރު، ޕްރޮވިންސަށް ލިބޭ ފައިދާއެއް ނެތެވެ.
މީގެ އިތުރުން، ބޭރުގެ ކުންފުނިތަކުން ކަނޑުގެ ސަރަހައްދުގައި މަސްވެރިކަން ކުރުމުގެ ސަބަބުން، ހާލަތު އިތުރަށް ގޯސްވެ، މަސްވެރިންނަށް ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފަ އެވެ.
ތަފާސްހިސާބުތަކާ ހަލާވާދީ ޕީސް ސްޓަޑީޒްގެ ރިޕޯޓްގައި ބުނަނީ ބަލޫޗިސްތާނުގެ 70 ޕަސެންޓް މީހުން އުޅެނީ ފަގީރު ހާލުގަ އެވެ. އަދި 69 ޕަސެންޓް ކުޑަކުދިން ސްކޫލަށް ނުދެ އެވެ. މިއީ ޕާކިސްތާނުގައި މި ނިސްބަތް އެންމެ މަތީ ސަރަހައްދެވެ.
ރިޕޯޓްގައި ނިންމާފައިވަނީ ބަލޫޗިސްތާނުގެ މައްސަލައަކީ ހަމައެކަނި ސަލާމަތީ މައްސަލައެއް ނޫން ކަމަށާއި، އެއީ ސިޔާސީ މައްސަލައެއް ކަމަށެވެ. ހައްލަކީ އަސްކަރީ ބާރުގެ ބޭނުންކުރުން ހުއްޓާލައި، ބަލޫޗް ލީޑަރުންނާއެކު އިހްލާސްތެރިކަމާއެކު މަޝްވަރާކޮށް، އިންސާނީ ހައްގުތައް ކަށަވަރުކޮށްދީ، ތައުލީމާއި ސިއްހަތަށް ހަގީގީ އިންވެސްޓްމަންޓްތައް ކުރުން ކަމަށް ރިޕޯޓްގައިވެ އެވެ.





