ފަތަން ދަސްކޮށްދޭ ކިލާސްތައް އަލުން ބާއްވަންވީ

ދުނިޔޭގައި ގެނބިގެން. މީހުން މަރުވުން ހުއްޓުވުމުގެ ދުވަސްގެ ގޮތުގައި ފާހަގަ ކުރާ ދުވަހަކީ 25 ޖުލައި އެވެ!

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ކޮންމެ އަހަރަކު 300،000 އަށްވުރެ ގިނަ މީހުން ފެނަށް ގެނބިގެން މަރުވާ ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ އިން އިންޒާރުދެއެވެ. މި ހިތާމަވެރި ހާދިސާތަކަކީ، ޚާއްސަކޮށް ކުޑަކުދިންނާއި ޒުވާނުންގެ މެދުގައި މަރުވުމުގެ މައިގަނޑު ސަބަބުތަކުގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށް އެ ޖަމިއްޔާއިން ފާހަގަކުރެއެވެ.

ދުނިޔޭގައި ގެނބިގެން. މީހުން މަރުވުން ހުއްޓުވުމުގެ ދުވަސް، 25 ޖުލައި 2026 ވާ ހޮނިހިރު ދުވަހު ފާހަގަކުރަމުންދާއިރު، މިއަހަރުގެ ޝިއާރަކީ "ޔުނައިޓް ޓު ޓަރން ދަ ޓައިޑް" ފެނަށް ގެނބުން ހުއްޓުވަން އެކަތިގަނޑަކަށް ވުން މިއެވެ. މި މުނާސަބަތުގައި، ސިއްހަތު ޖަމުއިއްޔާގެ ސައުތު-އީސްޓް އޭޝިއާ ސަރަހައްދުގެ އޮފިސަރ އިން-ޗާޖް، ޑރ. ކެތަރީނާ ބޯމޭ ވަނީ ފެނާ ގުޅުންހުރި މަރުތައް ހުއްޓުވުމަށް އެކި ދާއިރާތައް ގުޅިގެން އަވަސް ފިޔަވަޅުތަކެއް އެޅުމަށް ގޮވާލައްވާފައެވެ.

އޭޝިއާގެ ސަރަހައްދުގައި އެކަނިވެސް އަހަރަކު ގާތްގަނޑަކަށް 83،000 މީހުން  ގެނބިގެން މަރުވެއެވެ. "ކޯރުތަކާއި، ފެންގަނޑުތަކާއި، ކަނޑުގެ އައްސޭރިފަށުގެ ސަރަހައްދުތަކުގައި ދިރިއުޅޭ އާއިލާތަކަށް މި ނުރައްކަލަކީ ދުވަހުން ދުވަހަށް ކުރިމަތިވާ ހަގީގަތެކެވެ. މިއީ ހަމައެކަނި ތަފާސްހިސާބެއް ނޫނެވެ،" ޑރ. ބޯމޭ ވިދާޅުވިއެވެ. "ގެނބުމުން ރައްކާތެރިވުމަކީ ވަކި ވުޒާރާއެއްގެ ނުވަތަ ވަކި ފަންނެއްގެ ނުވަތަ ވަކި ބައެއްގެ ޒިންމާއެއް ނޫނެވެ. މިއީ އަޅުގަނޑުމެން އެންމެން ގުޅިގެން ކުރަންޖެހޭ މަސައްކަތެކެވެ." އޭނާ އިތުރަށް ވިދާޅުވިއެވެ.

ގެނބުމުން މަރުވާ މީހުންގެ އަދަދު އިތުރުވި ނަމަވެސް، 2000 ވަނަ އަހަރުން ފެށިގެން ދުނިޔޭގައި ގެނބުމުގެ ނިސްބަތް 38 އިންސައްތަ ދަށަށް ގޮސްފައިވެއެވެ. އަދި އޭޝިއާގެ ސަރަހައްދުގައި މި އަދަދު ވަނީ ގާތްގަނޑަކަށް ދެބައިކުޅަ އެއްބަޔަށް ކުޑަވެފައެވެ. ޑރ. ބޯމޭ ވަނީ ކާމިޔާބު ބައެއް ހަރަކާތްތައް ފާހަގަކުރައްވާފައެވެ. އޭގެ ތެރޭގައި ފަތަން ދަސްކޮށްދިނުމުގެ ޕްރޮގްރާމްތަކާއި، މޫސުމީ އިންޒާރު ދޭ ނިޒާމުތައް އަދި ކުޑަކުދިންގެ ރައްކާތެރިކަމަށް ހިންގާ ހާއްސަ ޕްރޮގްރާމްތައް ހިމެނެއެވެ.

މި މަސައްކަތް ހަލުވިކުރުމަށްޓަކައި، ސިއްހަތު ޖަމުއިއްޔާއިން ވަނީ 'ޕްރޮޓެކްޓް’ގެ ނަމުގައި އާ ފަންނީ މޭޒުމަތީ މަގުދައްކާ ފޮތެއް ނެރެފައެވެ. މިއީ 2035 ވަނަ އަހަރު އަންނަންވާއިރަށް ގެނބިގެން މަރުވާ މީހުންގެ އަދަދު 35 އިންސައްތަ ދަށްކުރުމަށް އެހީތެރިވެދޭނެ އޮނިގަނޑެކެވެ. މި އޮނިގަނޑުގައި ފިޒިކަލް އިންފްރާސްޓްރަކްޗަރ ވަރުގަދަކުރުމާއި، ކުއްލި ހާލަތްތަކުގައި ސަލާމަތްކުރާނެ ގާބިލުކަން އިތުރުކުރުމާއި، ދަތުރުފަތުރުގެ ރައްކާތެރިކަމާއި، ފެތުމުގެ ތައުލީމު ފޯރުކޮށްދިނުން އަދި ފެންބޮޑުވުމުގެ ހާދިސާތަކަށް ތައްޔާރުވުން ފަދަ މުހިންމު ކަންކަމުގެ މައުލޫމާތު މި ފޮތުގައި ހިމަނާފައި ވެއެވެ.

ތިބާގެ ގައުމުގައި ގެނބިގެން މަރުވުން ހުއްޓުވުމަށް ސަރުކާރުން ޕްރޮގްރާމްތަކއް ރާވާފައި ވޭތޯއެވެ. އަދި އެކަމަށް ތައުލީމީ ނިޒާމުގެ ތެރޭން މަސައްކަތެއް ކުރެވޭތޯއެވެ؟

ހިއްސާ ކުރައްވާ!