އިންޑިއާގައި ތައުލީމީ ނިޒާމަށްވުރެ ބޮޑަށް އެގައުމުގެ "އިމްތިހާނު އިންޑަސްޓްރީ" ކުރިއަރައިގެން ގޮސްފައިވާކަމަށް ބުނެ ސޯޝަލް މީޑިއާގައި ބަހުސެއް އުފެދިއްޖެއެވެ. މިހާރު އިންޑިއާގެ ވެރިރަށް ދިއްލީގެ ޖަންތަރުމަންތަރުގައި ހިނގަމުންދާ މުޒާހަރާތަކަކީވެސް އިމްތިހާނާ ގުޅިފައިވާ މައްސަލައެކެވެ. އިންޑިއާގެ ޒުވާނުން ކުރިމަގުގައި މަތީ މަގާމުތައް ހޯދުމަށާއި ފެންވަރު މަތީ ތައުލީމަށް ކުރިމަތިލާނަމަ އެކަމާ ގުޅޭ ދާއިރާއަކުން އިމްތިހާނެއް ހަދަން ޖެހެއެވެ. އެގޮތުން އިންޑިއާގައި ކޮންމެ އަހަރަކުވެސް ބޮޑު 5 އިމްތިހާން ބާއްވައެވެ. އެއީ:
1. އެން.އީ.އީ.ޓީ (ނެޝަނަލް އެލިޖިބިލިޓީ ކަމް އެންޓްރެންސް ޓެސްޓް)
ބޭނުން: އިންޑިއާގެ ސަރުކާރު އަދި އަމިއްލަ މެޑިކަލް ކޮލެޖުތަކުން (އޭއައި.އައި.އެމް.އެސް ފަދަ) މެޑިސިން، ޑެންޓިސްޓްރީ އަދި ސިއްހީ ދާއިރާގެ ބެޗްލަރސް ޑިގްރީ ފެށުމަށް ހަދަންޖެހޭ އެކަނި އިމްތިހާނެވެ.
ނެޝަނަލް ޓެސްޓިންގ އެޖެންސީ އިން ބާއްވާ މި އިމްތިހާނުގައި އަހަރަކު 2.2 މިލިއަނަށްވުރެ ގިނަ ދަރިވަރުން ބައިވެރިވެއެވެ. ނަމަވެސް، ލިބެންހުންނަނީ އެކުއެކީ 110,000 އާއި 115,000 އާ ދެމެދުގެ ޖާގައެވެ. މީގެ ތެރެއިން ސަރުކާރުގެ ކޮލެޖުތަކުން އަގުހެޔޮކޮށް ކިޔެވޭނީ އެންމެ 60,000 ކުދިންނަށް ކަމަށްވާތީ، ސަރުކާރު ކޮލެޖަކުން ޖާގަ ލިބުމުގެ ފުރުސަތަކީ 3 އިންސައްތައަށްވުރެ ކުޑަ ފުރުސަތެކެވެ.
އިމްތިހާނު އޮންނަ ގޮތް: 11 އަދި 12 ވަނަ ގްރޭޑްގެ ފިޒިކްސް، ކެމިސްޓްރީ، އަދި ބަޔޮލޮޖީ (ބޮޓަނީ އަދި ޒޫއޮލޮޖީ) މާއްދާތަކުން ނަގާ އިމްތިހާނެކެވެ.
2. ޖޭ.އީ.އީ /ޖޮއިންޓް އެންޓެރެންސް އެގްޒާމް
ބޭނުން: އިންޑިއާގެ އެންމެ ފެންވަރު މަތީ އިންޖިނިއަރިންގ އަދި ޓެކްނޮލޮޖީ ކޮލެޖުތަކުން ބީޓެކް އަދި ބީއޭއަށް ކިޔވުމަށް ޖާގަ ހޯދުމަށް ދޭ ވަދެވޭ އިމްތިހާނެވެ.
މި އިމްތިހާނު ބެހިގެންވަނީ މައިގަނޑު ދެ ބަޔަކަށެވެ. ނޭޘަނަލް ތެސްޓިން އެޖެންސީން ޖޭއީއީ މެއިން އަހަރަކު ދެފަހަރު ބާއްވާ މި އިމްތިހާނުގައި 1.2 އާއި 1.4 މިލިއަނާ ދެމެދުގެ ދަރިވަރުން ބައިވެރިވެއެވެ. މިއީ އިންޑިއާގެ ތެކްނޮލޮޖީގެ އެންމެ މަތީ ފެންވަރުގެ އެންއައިޓީސްއާއި އައިއައިޓީސް ފަދަ ނޭޝަނަލް އިންސްޓިޓިއުޓްތަކަށް ވަނުމަށް ހަދާ އިމްތިހާނެކެވެ.
ޖޭއީއީ މެއިން އިމްތިހާނުން އެންމެ މަތިން މާކްސް ހޯދާ 2 ލައްކަ 50 ހާސް ދަރިވަރުންނަށް ޖޭއީއީ އެޑްވާންސް އިމްތިހާނު ހެދުމުގެ ފުރުސަތު ލިބެއެވެ. މިއީ އިންޑިއާގެ އެންމެ މަޝްހޫރު އިންޑިއަން އިންސްޓިއުޓ ްއޮފް ޓެކްނޮލޮޖީ ތަކަށް ވަނުމަށް އޮންނަ މަގެވެ.
އިމްތިހާނު އޮންނަ ގޮތް: މިއީ އެޑްވާންސް މެތެމެޓިކްސް، ފިޒިކްސް، އަދި ކެމިސްޓްރީއަށް އަމާޒުކޮށްގެން ކޮމްޕިއުޓަރު މެދުވެރިކޮށް ހަދާ އިމްތިހާނެކެވެ.
3. ޔޫ.ޕީ.އެސް.ސީ
ބޭނުން: މިއީ އިންޑިއާގެ ސަރުކާރުގެ އެންމެ މަތީ އިދާރީ ސާވިސްއާއި، ސިވިލް ސާވިސް، ފޮރިން ސާވިސް އަދި ޕޮލިސް ސާވިސްގެ މަގާމުތަކަށް މީހުން ހޮވުމަށް ޔޫނިއަން ޕަބްލިކް ސާވިސް ކޮމިޝަނުން ބާއްވާ އިމްތިހާނެކެވެ.
މުޅި ދުނިޔޭގައިވެސް ހެދޭ އެންމެ އުނދަގޫ އިމްތިހާންތަކުގެ ތެރޭގައި ގުނާލެވޭ މި އިމްތިހާނުގައި އަހަރަކު 1 މިލިއަން ކެންޑިޑޭޓުން ބައިވެރިވެއެވެ. ނަމަވެސް، އެންމެ މަތިން މާކްސް ހޯދާ ކެންޑިޑޭޓުންނަށް ލިބެންހުންނަނީ ގާތްގަނޑަކަށް އެއްހާސް ވަޒީފާއެވެ. އެހެންކަމުން ހޮވޭ ނިސްބަތަކީ 0.1 އިންސައްތައަށްވުރެ ކުޑަ އަދަދެކެވެ.
މިއިމްތިހާނު އޮންނަނީ މުޅި އަހަރަށް ދެމިގެންދާ ގޮތަށް 3 މަރުހަލާއަށެވެ.
- ޕްރިލިމިނަރީ: މީގަިއ ހިމެނެނީ މަލްޓިޕްލް ޗޮއިސް ދެ ޕޭޕަރެވެ.
- މެއިންސް: މީގައި ތަފްސީލުކޮށް ލިޔަންޖެހޭ 9 އިމްތިހާނެއް ހިމެނެއެވެ.
- އިންޓަވިއު: ސީދާ ޕެނަލް ކުރިމަތީގައި އިނދެގެން ސުއާލުތަކަށް ޖަވާބުދީ އިންޓަރވިއު ކުރެވެއެވެ.
4. އެސް.އެސް.ސީ
ބޭނުން: އިންޑިއާގެ މަރުކަޒީ ސަރުކާރުގެ ތަފާތު މިނިސްޓްރީތަކާއި، ޑިޕާޓްމަންޓްތަކުގެ (ޓެކްސް އިންސްޕެކްޓަރުން، އިންޓެލިޖެންސް އޮފީސަރުން، އަދި އެސިސްޓެންޓް ސެކްޝަން އޮފީސަރުން ފަދަ) ގްރޫޕް 'ބީ' އަދި 'ސީ' ގެ އިދާރީ މަގާމުތަކަށް މީހުން ނެގުމަށް ބާއްވާ އިމްތިހާނެކެވެ.
ސްޓާފް ސެލެކްޝަން ކޮމިޝަނުން އަހަރަކު އެއްފަހަރު ބާއްވާ މި އިމްތިހާނުގައި 2.5 އާއި 3.5 މިލިއަނާ ދެމެދުގެ މީހުން ބައިވެރިވެއެވެ. މި އެންމެން ކުރިމަތިލަނީ 8,000 އާއި 15,000 އާ ދެމެދުގެ ވަޒީފާގެ ޖާގައަށެވެ.
އިމްތިހާނު އޮންނަ ގޮތް: މިއީ ދެ މަރުހަލާއަކަށް ބަހާލައިގެން ކޮމްޕިއުޓަރު މެދުވެރިކޮށް ދެވޭ ޓެސްޓެކެވެ. މީގައި މެތެމެޓިކްސް، ރީޒަނިންގ، އިނގިރޭސި، ޖެނެރަލް ނޮލެޖް އަދި ކޮމްޕިއުޓަރުގެ މާއްދާތައް ހިމެނެއެވެ.
5. އާރު.އާރު.ބީ
ބޭނުން: މިއީ ދުނިޔޭގެ އެންމެ ބޮޑު އެއް ވަޒީފާދޭ ކުންފުނި ކަމަށްވާ އިންޑިއަން ރެއިލްވޭސްގެ ތަފާތު ފަންނީ އަދި އިދާރީ މަގާމުތައް ކަމަށްވާ ސްޓޭޝަން މާސްޓަރުން، ގާޑުން، އަދި ޓެކްނިކަލް އެސިސްޓެންޓުންގެ މަގާމަށް މީހުން ނެގުމަށް ރެއިލްވޭ ރިކްރޫޓްމަންޓް ބޯޑުން ބާއްވާ އިމްތިހާނުތަކެކެވެ.
މުޅި ދުނިޔޭގައިވެސް އެންމެ ގިނަ މީހުން އެއްފަހަރާ ބައިވެރިވާ އިމްތިހާނުތަކުގެ ތެރޭގައި އާރު.އާރު.ބީ ހިމެނެއެވެ. އެންމެ އިއުލާނަކަށް 10 މިލިއަނާއި 12 މިލިއަނާ ދެމެދުގެ އަދަދަކަށް މީހުން ކުރިމަތިލައެވެ. މިއީ ގާތްގަނޑަކަށް 35,000 އާއި 100,000 އާ ދެމެދުގެ ވަޒީފާއަށެވެ.
އިމްތިހާނު އޮންނަ ގޮތް: ކޮމްޕިއުޓަރު މެދުވެރިކޮށް ދެވޭ ސައިންސް، މެތެމެޓިކްސް އަދި ޖެނެރަލް ނޮލެޖް އިމްތިހާނުތަކުގެ އިތުރުން، ޖިސްމާނީ ގާބިލުކަން ބަލާ ފިޒިކަލް ޓެސްޓް އަދި މެޑިކަލް ޓެސްޓްތައް ހިމެނެއެވެ.
އިންޑިއާގައި މިހާރު އުފެދިފައިވާ ބަހުސަކީ މި އިމްތިހާނުތައް ބާއްވަން ޖެހުމުން މިކަން ވަނީ ކިޔަވައި ދިނުމާއި ޓިއުޘަން ދިނުމުގެ ބޮޑު ވިޔަފާރިއަކަށް ވެފައި ވުމެވެ.
މި ފަސް އިމްތިހާނު ހެދުމަށް އިންޑިއާގެ އާއިލާތަކުން އަހަރަކު 3,500 ބިލިއަން ރުޕީސް (3.5 ޓްރިލިއަން ރުޕީސް) ހަރަދުކުރާކަމަށް ވެއެވެ.
މި ޚަރަދުތައް އިންޑިއާގެ ބަޖެޓްތަކާ އަންދާސާކޮށް ބަލާނަމަ އެއީ:
-
ސަރުކާރުގެ ބަޖެޓަށްވުރެ ބޮޑު އަދަދެއް: އާއިލާތަކުން އިމްތިހާނުތަކަށް ކުރާ ޚަރަދަކީ އިންޑިއާ ސަރުކާރުގެ މުޅި ތައުލީމީ ބަޖެޓަށްވުރެ 3 ގުނަ އިތުރު އަދަދެކެވެ.
-
މިނިސްޓްރީތަކުގެ ބަޖެޓަށްވުރެ އިތުރު އަދަދެެއް: ތައުލީމީ ދާއިރާއާއި، ސިއްހަތާ ބެހޭ ދާއިރާއާއި، މަސައްކަތްތެރިކަން، ސައިންސް، އަދި އަންހެނުންނާއި ކުޑަކުދިންގެ ރައްކާތެރިކަމާ ބެހޭ 5 މިނިސްޓްރީގެ ބަޖެޓް އެއްކޮށްލުމުންވެސް، އާއިލާތަކުން އިމްތިހާނުތަކަށް ކުރާ ޚަރަދު އިތުރު ކަމަށް ދައްކައެވެ.
-
މަތީ ތައުލީމަށް ކުރާ ޚަރަދާ އަޅާބަލާއިރު: 2026-27 ވަނަ އަހަރު އިންޑިއާ ސަރުކާރުން މަތީ ތައުލީމަށް މުޅިއެކު ކަނޑައެޅީ 557.27 ބިލިއަން އިންޑިއަން ރުޕީސް އެވެ. އައި.އައި.ޓީ ތަކަށް 121.23 ބިލިއަން އިންޑިއަން ރުޕީސް އަދި އެން.އައި.ޓީ ތަކަށް 62.60 ބިލިއަން އިންޑިއަން ރުޕީސް އެވެ.
މި އިމްތިހާނުތަކުގައި ބައިވެރިވާން ބޭނުންވާ ކުދިން އަމިއްލައަށް ކޯޗިން ސެންޓަރުތަކަށް ގޮސް ކިޔަވައި ހެދުމުގައި ހޭދަކުރާ 3.5 ޓްރިލިއަން އިންޑިއަން ރުޕީސްގެ ފައިސާއިން ސަރުކާރަށް ޖީއެސްޓީއާއި އިންކަމް ޓެކްސް ލިބެއެވެ.






