އިންޑިގޯއާއި އެއާ އިންޑިއާއިން ވެރިކަންކުރާ ބާޒާރެއްގައި މި ބަދަލުގެ ސަބަބުން ވާދަވެރިކަން މުޅިން ބަދަލުވެގެން ހިނގައިދާނެއެވެ.
އިންޑިއާގެ ބިލިއަނަރު ގޯތަމް އަދާނީގެ ގްރޫޕުން އައު އެއާލައިނެއް ފެށުމާމެދު ވިސްނަމުންދާ ކަމަށާއި، މި ބަދަލުގެ ސަބަބުން އިންޑިގޯއާއި އެއާ އިންޑިއާގެ ކޮންޓްރޯލް އޮތް ބާޒާރެއްގައި ވާދަވެރިކަން މުޅިން ބަދަލުވެގެން ހިނގައިދާނެ ކަމަށް މިކަމާ ބެހޭ ސީދާ މައުލޫމާތު އެނގޭ ދެ މަސްދަރަކުން ބުނެފިއެވެ.
ބަނދަރުތަކުން ފެށިގެން ސިމެންތިއާ ހަމައަށް ވިޔަފާރިކުރާ އަދި އިންޑިއާގެ 8 އެއާޕޯޓެއް ހިންގާ، އަދި 11 ބިލިއަން ޑޮލަރުގެ ފުޅާކުރުމުގެ ސްޓްރެޓަޖީއެއް އޮތް މި ގްރޫޕުން ކުރިން ބުނެފައިވަނީ އެއާލައިން ވިޔަފާރިއަށް ވަންނަން ނުވިސްނާ ކަމަށެވެ.
އަދާނީ ކުންފުންޏަކީ މުމްބާއިގެ ދެ އެއާޕޯޓް ހިނގާ ފަރާތެވެ.
ނަމަވެސް އެއާލައިނެއް އުފެއްދުމަށް އިންވެސްޓްކުރުމުން އެ ކުންފުނީގެ ސިޔާސަތަށް ބަދަލެއް އަންނަން އުޅޭކަން ވެސް ހާމަވެއެވެ. ނަން ހާމަކުރަން ބޭނުންނުވި ފުރަތަމަ މަސްދަރު ބުނިގޮތުގައި، މިއީ ފައިސާ ހޯދަން އުނދަގޫ އަދި ނުރައްކާތެރި ވިޔަފާރިއަކަށްވާތީ، އެއާލައިނެއް ފަށަންޖެހޭނެތޯ ނުވަތަ ނޫންތޯ އާމެދު އަދި ވަނީ ގޮތެއް ނިންމާނުލެވިފައެވެ.
އަދާނީ މިފަދައިން ވިސްނަން ފަށާފައިވަނީ، ފާއިތުވި އަހަރު ހިނގި އެއާ އިންޑިއާގެ އެކްސިޑެންޓަށްފަހު އެ ކުންފުންޏަށް ކުރިމަތިވި މައްސަލަތަކާއި، އަދި ޑިސެމްބަރު މަހު ބާޒާރުގެ އެންމެ ކުރީގައި އޮތް އިންޑިގޯއަށް ދިމާވި އޮޕަރޭޝަނަލް މައްސަލަތަކުގެ ސަބަބުން ވައިގެ ދަތުރުފަތުރަށް ބޮޑެތި ހުރަސްތަކެއް ކުރިމަތިވުމާ ގުޅިގެން، އިންޑިއާ ސަރުކާރުން އަދާނީ ފަދަ ބޮޑެތި ވިޔަފާރި ގްރޫޕުތަކަށް އަމިއްލަ އެއާލައިނެއް ފެށުމާމެދު ވިސްނުމަށް އެދުމުންނެވެ.
"މިއީ އުނދަގޫ ވިޔަފާރިއެއް، ނަމަވެސް ގައުމީ މަސްލަހަތަށްޓަކައި އަދާނީ މިކަމާމެދު ވިސްނަން ބޭނުންވޭ،" ސަރުކާރަށް އެއާ އިންޑިއާގެ ދަތިތަކާއި އިންޑިގޯގެ ކާރިސާގެ ސަބަބުން އިތުރު ބޮޑު އެއާލައިނެއް ބޭނުންވާކަން ވިސްނިފައިވާކަން ފާހަގަކުރަމުން އެ މަސްދަރު ބުންޏެވެ.
އަދާނީއާއި އިންޑިއާގެ ސިވިލް އޭވިއޭޝަން މިނިސްޓްރީން މީޑިއާގެ ސުވާލުތަކަށް ވަގުތުން ޖަވާބެއް ދީފައެއް ނުވެއެވެ.
އަދާނީއަކީ އޭޝިއާގެ ދެވަނައަށް އެންމެ މުއްސަނދި މަހުޖަނެވެ. އޭނާގެ މިލްކިއްޔާތުގައި ގާތްގަނޑަކަށް 89 ބިލިއަން ޑޮލަރު ހުރިއިރު، އޭވިއޭޝަން ދާއިރާއަށް ވަނުމަކީ އެ ބިލިއަނަރުގެ ކާމިޔާބު ކެރިއަރުގައި ނަގާނެ އެންމެ ހިތްވަރުގަދަ އެއް ފިޔަވަޅަށް ވެގެންދާނެއެވެ.
ޓެކްސް ނެގުމާއި ވަރުގަދަ ވާދަވެރިކަމާއި ސަޕްލައި ޗެއިންގެ ދަތިތަކުގެ ސަބަބުން ފާއިތުވި 15 އަހަރުގެ ތެރޭގައި އިންޑިއާގެ ކިންގްފިޝަރ، އަދި ޖެޓް އެއަރވޭސް އަދި ގޯ ފަސްޓް ފަދަ އެއާލައިނުތައް ވަނީ ބަނގުރޫޓުވެފައެވެ.
އިންޑިއާއަކީ ދުނިޔޭގައި އެންމެ ބާރަށް ކުރިއަރަމުން އަންނަ އޭވިއޭޝަން ބާޒާރުތަކުގެ ތެރެއިން އެއް ބާޒާރެވެ. ނަމަވެސް، ގައުމުގެ އެންމެ ބޮޑު އެއާލައިން ކަމަށްވާ އިންޑިގޯއިން ޑޮމެސްޓިކް ބާޒާރުގެ 65.4 އިންސައްތަ ހިއްސާކުރާއިރު، އެއާ އިންޑިއާއިން 25 އިންސައްތަ ހިއްސާކުރުމުން، ދެ ކުންފުންޏަކުން ވިޔަފާރި ކޮންޓްރޯލު ކުރުމުން ކަންބޮޑުވުންތައް ވަނީ ބޮޑުވެފައެވެ.
އަދާނީ ވިސްނަމުންދާ އަނެއް ގޮތަކީ މިހާރު ހިންގަމުންދާ އެއާލައިނަކުން ހިއްސާއެއް ގަތުން ކަމަށް ވެސް ދެވަނަ މަސްދަރު ބުންޏެވެ. އަދި ހުރިހާ ގޮތަކާ މެދު ވިސްނުންވެސް އެއީ އޮތް ކަމެއް ކަމަށް އެ ފަރާތުން ބުންޏެވެ.
އިންޑިއާގައި ޕައިލެޓުން މަދުވުމުގެ ސަބަބުން ހާހުން ފްލައިޓުތައް ކެންސަލްކޮށް، ފަސިންޖަރުން ތާށިވެ، އަދި މި ކާރިސާގެ ސަބަބުން އިންތިހާއަށް ޓިކެޓްގެ އަގުތައް ބޮޑުވެ އަގުތައް ކޮންޓްރޯލް ކުރުމަށް ސަރުކާރުން ފިޔަވަޅު އަޅަން މަޖުބޫރުވުމާ ގުޅިގެން، ޑިސެމްބަރު މަހު އިންޑިއާއިން ވަނީ އިންޑިގޯއަށް ރެގިއުލޭޓަރީ ފިޔަވަޅު އަޅާނެކަމުގެ އިންޒާރުދީފެވެ.
ފާއިތުވި އަހަރު 260 މީހުން މަރުވި ޑްރީމްލައިނަރ އެކްސިޑެންޓަށްފަހު އެއާ އިންޑިއާއަށް ވަނީ ސަލާމަތީ ކަންކަމާ ގުޅޭ ހަރުކަށި ބެލުންތަކާ ކުރިމަތިލާންޖެހިފައެވެ. އަދި އިންޑިއާގެ ޕްރައިވެޓް އަނެއް އެއާލައިން ކަމަށްވާ ސްޕައިސްޖެޓް ވެސް އަންނަނީ މާލީ ދަތިތަކާ ހަނގުރާމަ ކުރަމުންނެވެ.
އަދާނީ އެއާޕޯޓްސްގެ ޑިރެކްޓަރެއް ކަމަށްވާ، އަދާނީގެ އެންމެ ހަގު ދަރި ޖީތު މީޑިއާއަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވެފައިވަނީ، އެއާލައިން ވިޔަފާރީގައި ލިބޭ މާޖިން ކުޑަވުމާއި އަދި އެއާލައިނެއް ހިންގަން ބޭނުންވާ ވިސްނުން އެ ގްރޫޕުގައި ނެތުމުން އެ ވިޔަފާރިއަށް ޝައުގުވެރިނުވާ ކަމަށެވެ.
"އަޅުގަނޑުމެންގެ އަރާމަކާއި އަޅުގަނޑުމެންގެ އަސާސީ ގާބިލުކަން އޮތީ ބިމުގައި ހަރުދަނާ އުމްރާނީ ވަސީލަތްތަކާއި، ދިގު މުއްދަތަކަށް ދެމިގެންދާ ވަސީލަތްތައް އުފައްދައި، ވަރަށް ފުރިހަމައަށް އެ ތަކެތި ހިންގުމުގައި،" އެ ވަގުތު އޭނާ ވިދާޅުވިއެވެ.
އެއަށްފަހު ވެސް އަދާނީ އަންނަނީ އޭވިއޭޝަންގެ އުމްރާނީ ވަސީލަތްތަކަށް ބޮޑެތި އިންވެސްޓްމަންޓުތައް ކުރަމުންނެވެ. އަދި ހޮޓާ އަދި ރީޓެއިލް ސެންޓަރު އަދި އޮފީސް ޖާގަ ހިމެނޭ ގޮތަށް ގައުމުގެ ހަ ސަރަހައްދެއްގައި އެއާޕޯޓާ ގުޅިފައިވާ ވިޔަފާރި މަރުކަޒުތައް ތަރައްގީ ކުރުމަށް 2 ބިލިއަން ޑޮލަރަށްވުރެ ގިނައިން އިންވެސްޓްކުރުމުގެ ރޭވުންތައް އެ ކުންފުނިން ގެންގުޅޭ ކަމަށް ފާއިތުވި މަހު ވަނީ ބުނެފެވެ.
މީގެއިތުރުން، ޝެޑިއުލްޑް އެއާލައިންތަކުގައި ހިއްސާވުމަށް ބައެއް އެއާޕޯޓު އޮޕަރޭޓަރުންނަށް ހުރަސްއަޅާ މާއްދާއެއް ދޫކޮށްލުމަށް އެދި އަދާނީން ސަރުކާރަށް ހުށަހަޅާފައިވާ ކަމަށް ވެސް އިކޮނޮމިކް ޓައިމްސް ނޫހުން ރިޕޯޓުކޮށްފައިވެއެވެ.
"ކިރްގިސްތާން، ތައިލެންޑް އަދި ވިއެޓްނާމް ފަދަ ބާޒާރުތަކުގައި އެއާޕޯޓުތަކުން އަމިއްލަ އެއާލައިން ގެންގުޅުމުގެ މަދު މިސާލުތަކެއް ހުރި ނަމަވެސް، މުމްބާއީ ފަދަ ބޮޑު އެއާޕޯޓެއް ހިންގާ ފަރާތަކަށް ޝެޑިއުލްޑް އެއާލައިނެއްގެ ހިއްސާ އޮންނަން ސަރުކާރަކުން ހުއްދަ ދިނުމަކީ ހައިރާންވާން ޖެހޭނެ ކަމެއް،" މިނިވަން އޭވިއޭޝަން އެނަލިސްޓް ބްރެންޑަން ސޮބީ ވިދާޅުވިއެވެ. އިންޑިއާގެ އެހެން އެއާލައިންތަކާއި މި ކަމުން މަސްލަހަތު ފުށުއަރާފާނެ ކަމާމެދު ޗައްކެއް ނެތް ކަމަށް އޭނާ ވިދާޅުވިއެވެ.





