ފިލިޕީންސްގެ މެނީލާގައި ކުރިއަށްދާ އާސިއާންޚާރިޖީ ވަޒީރުންގެ ބައްދަލުވުމުގެ ހަވާސާގައި، އިންޑިއާގެ އެކްސްޓަރނަލް އެފެއާޒް މިނިސްޓަރު އެސް. ޖައިޝަންކަރު ވަނީ ސިންގަޕޫރުގެ ޚާރިޖީ ވަޒީރު ވިވިއަން ބާލަކްރިޝްނަންއާއެކު މެންދުރުގެ ސަޔެއްގައި ބައްދަލުކުރައްވައި، ސަރަޙައްދީ އަދި ދުނިޔޭގެ މުހިންމު ކަންކަމާ މެދުޚިޔާލު ބަދަލުކުރައްވާފައެވެ.
މި ބައްދަލުކުރެއްވުމާ ގުޅޭގޮތުން ސޯޝަލް މީޑިއާ އެކްސްގައި ހިއްސާކުރެއްވި މެސެޖެއްގައި ޖައިޝަންކަރު ވިދާޅުވީ، ސިންގަޕޫރުގެ ޚާރިޖީ ވަޒީރާއެކު އެކުވެރި މާހައުލެއްގައި މެންދުރުގެ ސަޔެއްގައި ބައްދަލުވެވަޑައިގަތުމުން ވަރަށް އުފާފުޅުކުރައްވާ ކަމަށެވެ. އަދި މި ބައްދަލުކުރެއްވުމުގައި ސަރަޙައްދީ އަދި ދުނިޔޭގެ މަސްރަޙުގައި ހިނގަމުންދާ މުހިންމު ކަންކަމާމެދު ދެބޭފުޅުން ފުޅާދާއިރާއެއްގައި މަޝްވަރާކުރެއްވި ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.
މީގެއިތުރުން، މެނީލާގައި ކުރިއަށްދާ އާސިއާން-އިންޑިއާ މިނިސްޓީރިއަލް ބައްދަލުވުމުގެ ތެރެއިން، ޖައިޝަންކަރު ވަނީ އާސިއާންގެ އިސްވެރިންނާ ބައްދަލުކުރައްވައި، އިންޑިއާއާއި އާސިއާންއާ ދެމެދު އޮތް ގުޅުން އިތުރަށް ވަރުގަދަކުރުމާ ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ.
އިންޑިއާއިން ދަނީ "އެކްޓް އީސްޓް" ސިޔާސަތުގެ ދަށުން އާސިއާންގެ ޤައުމުތަކާއެކު އޮންނަ އިޤްތިޞާދީ، އަސްކަރީ އަދި ސަގާފީ ގުޅުންތައް ބަދަހިކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.





