މިއަހަރުގެ ޖޫން މަހު އިންޑިއާގެ އަސާސީ އިންފްރާސްޓްރަކްޗަރ ދާއިރާތަކުގެ އުފެއްދުންތެރިކަން، ވޭތުވެދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު 5.0 އިންސައްތައަށް ކުރިއަރައިފި ކަމަށް ރޮއިޓަރސްއިން ރިޕޯޓްކޮށްފިއެވެ. މިއީ ފާއިތުވި ފަސް މަސްދުވަހުގެ ތެރޭގައި މި ދާއިރާއިން ރެކޯޑުކުރެވުނު އެންމެ އަވަސް ކުރިއެރުމެވެ.
އިންޑިއާގެ ކޮމާސް މިނިސްޓްރީން މިއަދު އާންމުކުރި މައުލޫމާތުތަކަށް ބަލާއިރު، މި އަހަރުގެ މެއި މަހު މި ދާއިރާގެ ކުރިއެރުން ހުރީ 3.2 އިންސައްތައިގައެވެ.
މިފަހަރުގެ ތަފާސްހިސާބުތައް އާންމުކޮށްފައިވަނީ ހިސާބު ކުރާ އަހަރު 2022-23 އަށް ބަދަލުކުރުމަށްފަހުއެވެ. މީގެ ކުރިން ބޭނުންކުރަމުން އައީ 2011-12 ގެ ބޭސް އިޔަރއެވެ. މީގެ އިތުރުން، އިންޑެކްސްގައި ހިމެނޭ ދާއިރާތަކުގެ ތެރެއަށް ދަގަނޑު މައުދަން އިތުރުކޮށް، ކޯރ ސެކްޓަރ ދާއިރާތަކުގެ އަދަދު ވަނީ 9 އަކަށް އިތުރުކޮށްފައެވެ.
ވަކިވަކި ދާއިރާތަކުގެ ނަތީޖާއަށް ބަލާއިރު،
- ދަގަނޑު މައުދަން އުފެއްދި މިންވަރު 43.9 އިންސައްތައަށް އަރާފައިވާއިރު،
- ސިމެންތި އަދި ކަރަންޓު އުފެއްދުންތެރިކަން ވަނީ 9.8 އިންސައްތައިގެ ކުރިއެރުމެއް ހޯދާފަ
- ދަގަނޑު އުފެއްދުމުގެ ދާއިރާއިން 4.6 އިންސައްތައިގެ ކުރިއެރުމެއް ރެކޯޑުކުރި
- ކައްކާ ތެލާއި، ގުދުރަތީ ގޭސް، އަދި ކެމިކަލް އާއި ގަސްކާނާގެ ދާއިރާއިން އުފެއްދުންތެރިކަން ވަނީ ދަށްވެފަ
އިންޑިއާގެ މާލީ އަހަރުގެ ފުރަތަމަ ކުއާޓަރު (އޭޕްރީލް އިން ޖޫން 2026) އަށް ބަލާއިރު، އިންފްރާސްޓްރަކްޗަރ ދާއިރާގެ ޖުމްލަ ކުރިއެރުން އުޅެނީ 3.6 އިންސައްތައިގައެވެ. މިއީ ވޭތުވެދިޔަ އަހަރުގެ މި މުއްދަތުގައި ރެކޯޑުކުރެވުނު 1.0 އިންސައްތައާ އަޅާބަލާއިރު ފާހަގަކޮށްލެވޭ ބޮޑު ކުރިއެރުމެކެވެ.




