ފަތުރުވެރިކަމުގެ ދާއިރާއިން ލިބުނު ޓެކްސް އާމްދަނީއަށް ބޮޑު ކުރިއެރުމެއް އައިސް، ދައުލަތަށް ލިބުނު ޖުމްލަ އާމްދަނީ އުފުލުނު ނަމަވެސް، ސަބްސިޑީއާއި ރިކަރަންޓް ޚަރަދުތައް އިންތިހާއަށް އިތުރުވުމުގެ ސަބަބުން ދައުލަތުގެ މާލީ ހާލަތު ބަޖެޓް ޑެފިސިޓަކަށް ވެއްޓިއްޖެއެވެ.
މާލީ ކަންކަމާއި ސަރުކާރު ކުންފުނިތަކާ ބެހޭ ވުޒާރާއިން އާންމުކޮށްފައިވާ އެންމެ ފަހުގެ ވީކްލީ ފިސްކަލް ޑިވަލޮޕްމަންޓްސް ރިޕޯޓުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، ޖުލައި 16 ވަނަ ދުވަހުގެ ނިޔަލަށް ފަތުރުވެރިކަމުގެ ދާއިރާގެ މުދަލާއި ޚިދުމަތްތަކުން ނެގޭ ޓެކްސް (ޓީޖީއެސްޓީ) ގެ ގޮތުގައި ދައުލަތަށް 6.7 ބިލިއަން ރުފިޔާ ވަނީ ލިބިފައެވެ. މިއީ ފާއިތުވި އަހަރުގެ އެ މުއްދަތުގައި ލިބުނު 6.2 ބިލިއަން ރުފިޔާއާ އަޅާބަލާއިރު 475 މިލިއަން ރުފިޔާ ނުވަތަ 7.7 އިންސައްތައިގެ ކުރިއެރުމެކެވެ.
ޓީޖީއެސްޓީ އަދި އާންމު ޖީއެސްޓީ ހިމެނޭހެން މުދަލާއި ޚިދުމަތުގެ އަގުން ނެގި ޖުމްލަ ޓެކްސް އާމްދަނީ 9.7 ބިލިއަން ރުފިޔާއަށް އަރާފައިވާއިރު، މީގެ ތެރެއިން އާންމު ޖީއެސްޓީގެ ގޮތުގައި 3.0 ބިލިއަން ރުފިޔާ ވަނީ ލިބިފައެވެ. މިއާއެކު، ދައުލަތަށް ލިބުނު ޖުމްލަ ޓެކްސް އާމްދަނީ ވަނީ 15.8 ބިލިއަން ރުފިޔާއިން 17.6 ބިލިއަން ރުފިޔާއަށް (11.3 އިންސައްތަ) އުފުލިފައެވެ. ހިލޭ އެހީގެ ގޮތުގައި ލިބުނު ފައިސާ 438.8 މިލިއަން ރުފިޔާއަށް (130.3 އިންސައްތަ) އިތުރުވި ނަމަވެސް، ޓެކްސް ނޫން އާމްދަނީ ވަނީ 5.1 ބިލިއަން ރުފިޔާއިން 4.9 ބިލިއަން ރުފިޔާއަށް ދަށްވެފައެވެ.
އާމްދަނީގެ އަދަދު އުފުލެމުން ދިޔަ ނަމަވެސް، މާލީ ދާއިރާގެ މާހިރުން ކަންބޮޑުވުން ފާޅުކުރަނީ ދައުލަތުގެ ޚަރަދުތައް ކޮންޓްރޯލެއް ނެތި އިތުރުވަމުންދާތީއެވެ. ޖުލައި 16 އާ ހަމައަށް ދައުލަތުގެ ޖުމްލަ ޚަރަދު އުޅެނީ 24.5 ބިލިއަން ރުފިޔާގައެވެ. މިއީ ކުރީ އަހަރުގެ 20.3 ބިލިއަން ރުފިޔާއާ އަޅާބަލާއިރު 21 އިންސައްތަ ނުވަތަ 4.2 ބިލިއަން ރުފިޔާގެ އިތުރުވުމެކެވެ.
ޚަރަދުތައް ބޮޑުވި އެންމެ މުހިންމު ސަބަބުތަކުގެ ތެރޭގައި ސަބްސިޑީއަށް ކުރި ހޭދަ 1.7 ބިލިއަން ރުފިޔާއިން 3.1 ބިލިއަން ރުފިޔާއަށް (86.3 އިންސައްތަ) އިތުރުވުން ހިމެނެއެވެ. އޭގެ އިތުރުން، ޕޭ ހާމަނައިޒޭޝަންގެ ސަބަބުން މުސާރަތަކަށް ކުރި ހޭދަ އިތުރުވެ، ހިނގަމުންދާ ޚަރަދު (ރިކަރަންޓް އެކްސްޕެންޑިޗަރ) ވަނީ 21.4 ބިލިއަން ރުފިޔާއަށް އަރާފައެވެ. ކައުންސިލްތަކަށް ދޫކުރާ ބްލޮކް ގްރާންޓުގެ ގޮތުގައި 1.5 ބިލިއަން ރުފިޔާ (16 އިންސައްތައިގެ އިތުރުވުމެއް) ހޭދަކޮށްފައިވެއެވެ.
މި ބޮޑެތި ޚަރަދުތަކުގެ ނަތީޖާއެއްގެ ގޮތުން، ފާއިތުވި އަހަރުގެ މި މުއްދަތުގައި 817.3 މިލިއަން ރުފިޔާގެ ސަރޕްލަސްއެއް އޮތް ބަޖެޓު، މިއަހަރު ވަނީ 1.5 ބިލިއަން ރުފިޔާގެ ޑެފިސިޓަކަށް ވެއްޓިފައެވެ. ސަރުކާރުން މި މާލީ ހިސާބުތައް ލާމަރުކަޒީ ނިޒާމަށާއި އިޖުތިމާއީ ރައްކާތެރިކަމަށް ދޭ އިސްކަމުގެ ދަލީލެއްގެ ގޮތުގައި ސިފަކުރި ނަމަވެސް، އާމްދަނީއަށްވުރެ ޚަރަދު ބޮޑުތަނުން އިތުރުވަމުންދާ މި މިސްރާބަކީ ދައުލަތުގެ މާލީ ނިޒާމުގެ ދެމެހެއްޓެނިވިކަމާމެދު ސުވާލު އުފެދޭ ކަމެއްގެ ގޮތުގައި ފާހަގަކުރެވެއެވެ.







