ގައުމީ ތަރައްގީގައި އަމަލީގޮތުން ބައިވެރިވެވޭނެ މަގުފަހިކޮށްދީ، އަންހެންކުދިންނާއި ޒުވާން އަންހެނުން މުސްތަގުބަލުގައި ގައުމީ ލީޑަރުންނަށް ހެދުމަށް ބޭނުންވާ ފުރުސަތުތައް ހޯދައިދިނުމަކީ މި ސަރުކާރުން އެންމެ އިސްކަމެއް ދޭނެ އެއް ސިޔާސަތު ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ބައިނަލްއަގުވާމީ އަންހެންކުދިންގެ ދުވަހުގެ މުނާސަބަތުގައި މީސް މީޑިއާ ގައި ކުރެއްވި ޕޯސްޓެއްގައި ރައީސް މުއިއްޒު ވިދާޅުވީ، ދުނިޔޭގެ އެކި ކަންކޮޅުތަކުގައިވާ އަންހެންކުދިންގެ ހައްގުތައް ރައްކާތެރިކޮށް ކުރިއެރުވުމަށް ކުރެވޭ ބައިނަލްއަގުވާމީ މަސައްކަތްތަކުގައި ދިވެހި ސަރުކާރުން އަބަދުވެސް ސާބިތުކަމާއެކު ބައިވެރިވާނެ ކަމަށެވެ. އަދި އަންހެންކުދިންގެ ފުރިހަމަ ގާބިލުކަން ހާސިލުކުރުމަށް ބޭނުންވާ ތަމްރީނާއި ވަސީލަތްތައް ފޯރުކޮށްދިނުމަކީ މުހިންމު ކަމެއްގެ ގޮތުގައި ފާހަގަކުރެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި އަލިއަޅުވާލައްވާފައިވަނީ އަންހެންކުދިންނަށް ރައްކާތެރި، އެހީތެރިކަން ފޯރުކޮށްދޭ މާހައުލެއް ބިނާކުރުމުގެ މުހިންމުކަމުގެ މައްޗަށެވެ. އެގޮތުން ގައުމީ ތަރައްގީގެ ބައިވެރިންގެ ގޮތުގައި އަންހެނުންނާއި ޒުވާނުން ހިމެނުމަށްޓަކައި ހަރުދަނާ ސިޔާސަތުތަކެއް އެކުލަވާލައި، އެ ސިޔާސަތުތައް އަމަލީގޮތުން ތަންފީޒުކުރަންޖެހޭ ކަމަށް ރައީސް ވިދާޅުވިއެވެ.
މިފަދަ އިޖުތިމާއީ އަދި ގައުމީ އަމާޒުތަކަށް ވާސިލުވެވޭނީ މުޅި މުޖުތަމައުގެ އެއްބާރުލުން ލިބިގެން ކަމަށްވެސް ރައީސް މުއިއްޒު ފާހަގަކުރެއްވިއެވެ. އެގޮތުން ފަރުދީ ފެންވަރުގައި އަދި އާއިލާތަކުގެ ތެރެއިންނާއި، މުޖުތަމައުގެ އިތުރުން ދައުލަތުގެ ކަމާބެހޭ މުއައްސަސާތަކުގެ ފުރިހަމަ ބައިވެރިވުން މިކަމުގައި ބޭނުންވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
"އަންހެން ދަރީންނަށް މިއަދު ކުރާ އިންވެސްޓްމަންޓަކީ އެންމެންނަށްވެސް ހަމަހަމަކަމާއި ޝާމިލުކަން އަދި ފާގަތި މުސްތަގުބަލެއް ބިނާކުރުމަށް ކުރެވޭ އިންވެސްޓްމެންޓެއް،" މީސް މީޑިއާ ގައި ރައީސުލްޖުމްހޫރިއްޔާ ހިއްސާކުރެއްވި ބަޔާނުގައި ވިދާޅުވިއެވެ.




