ރާއްޖޭގެ އެންމެ ބޮޑު މާލީ އިދާރާ، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އަށް ފޯބްސްއާއި މާކެޓް ރިސާޗް ފާމް 'ސްޓެޓިސްޓާ' ގުޅިގެން އެކުލަވައިލި 2026 ވަނަ އަހަރުގެ ދުނިޔޭގެ އެންމެ ކާމިޔާބު އަދި ހިންގުންތެރި ބޭންކުތަކުގެ ލިސްޓުން ޖާގަ ހޯދައިފިއެވެ.
މި ރޭންކިންގެ ފުރަތަމަ އެޑިޝަންގައި 89 ގައުމަކުން ހޮވުނު 500 ބޭންކުގެ ތެރޭގައި ބީއެމްއެލް ހިމެނިފައިވާއިރު، މިއީ ރާއްޖޭގެ ބޭންކިން ދާއިރާއަށް ލިބުނު ބޮޑު ކުރިއެރުމެއް ކަމަށް އެ ބޭންކުން ފާހަގަކުރެއެވެ. މިއީ ދުނިޔޭގެ ނަން މަޝްހޫރު ބޭންކުތަކާ އެއް ސަފެއްގައި ރާއްޖޭގެ މާލީ އިދާރާއެއް ހިމެނިގެންދިޔަ ތާރީޚީ ކާމިޔާބީއެކެވެ.
ފޯބްސް އާއި ސްޓެޓިސްޓާ ގުޅިގެން އެކުލަވައިލި "ވޯލްޑްސް ޓޮޕް ޕާފޯމިން ބޭންކްސް 2026″ ރޭންކިންގައި ބޭންކުތައް ވަޒަންކޮށްފައިވަނީ މާލީ އަދި ހިންގުމުގެ ދާއިރާގެ މުހިންމު ހަތަރު މިންގަނޑަކަށް ބަލައިގެންނެވެ. އެއީ ފައިދާލިބޭ މިންވަރު، ކުރިއެރުމާއި އާމްދަނީގެ ފެންވަރު، ރައުސްމާލާއި ފަންޑިންގެ ވަރުގަދަކަން، އަދި އެސެޓްގެ ފެންވަރާއި ހިންގުންތެރިކަމެވެ. މި ރޭންކިން އެކުލަވައިލުމުގައި އެސް އެންޑް ޕީ ކެޕިޓަލް އައިކިއު ފަދަ އިތުބާރު ހުރި މާލީ މައުލޫމާތު ފޯރުކޮށްދޭ ފަރާތގެ ޑޭޓާއަށް ރިއާޔަތްކޮށްފައިވެއެވެ.
ބީއެމްއެލް ހިމެނިފައިވަނީ ޖުމްލަ އެސެޓް 3 ބިލިއަން ޑޮލަރާއި 10 ބިލިއަން ޑޮލަރާ ދެމެދުގެ އަދަދަކަށް ހުރި ބޭންކުތައް ހިމެނޭ ހަވަނަ ޓިޔަރގައެވެ. މި ޓިއަރގައި ބީއެމްއެލް ވަޒަންކޮށްފައިވަނީ ދުނިޔޭގެ އެހެން ގައުމުތަކުގައި ހުރި އެ ބޭންކާ އެއްވަރުގެ މާލީ އިދާރާތަކާ އަޅައިކިޔައިގެންނެވެ.
މި ކާމިޔާބީއާ ގުޅޭގޮތުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑައިރެކްޓަރ މުޙައްމަދު ޝަރީފް ވިދާޅުވީ، މިއީ ބޭންކުގެ ނަތީޖާތަކުން އަބަދުވެސް ފެންނަމުންދާ ހަގީގަތާ އެއްގޮތަށް ބީއެމްއެލް އަކީ ވަރުގަދަ، ފުދުންތެރި ރައުސްމާލެއް ހުރި އަދި ހަރުދަނާ ހިންގުމެއްގެ މައްޗަށް ބިނާވެފައިވާ މުއައްސަސާއެއްކަން ހާމަކޮށްދޭ ކަމެއް ކަމަށެވެ. އަދި ގައުމީ ބޭންކުގެ ހައިސިއްޔަތުން، ރާއްޖޭގެ އިގްތިސާދަށްޓަކައި އަދާކުރަންޖެހޭ ޒިންމާ ފުރިހަމައަށް އުފުލައި، ބޭންކުގެ ބިންގާ ވަރުގަދަކޮށް، މުވައްޒަފުންނާއި ޓެކްނޮލޮޖީއަށް އިންވެސްޓްށް، ވިޔަފާރިތަކާއި މުޖުތަމައުގެ ކުރިއެރުމަށް މަސައްކަތްކުރުމުގައި ދެމިތިބޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.




