އާންމުކޮށް ބޭނުންކުރާ ސާމާނަށްވުރެ އޭއައިގެ ރައްކާތެރިކަމުގެ ގަވާއިދުތައް ދޯހަޅި: މައިކްރޯސޮފްޓްގެ ރައީސް 

އާންމުކޮށް ގޭގޭގައި ބޭނުންކުރާ އިލެކްޓްރޯނިކް ސާމާނާއި ކާބޯތަކެއްޗަށްވުރެ އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ޓެކްނޮލޮޖީގެ ރައްކާތެރިކަމަށް ހަދާފައިވާ ގަވާއިދުތައް ދޯހަޅި ކަމަށް މައިކްރޯސޮފްޓްގެ ރައީސް ބްރެޑް ސްމިތު އިންޒާރު ކުރައްވައިފިއެވެ. އަދި އޭއައި ސިސްޓަމްތައް އިންސާނުންގެ ކޮންޓްރޯލުން ނެއްޓޭ ހާލަތްތަކުގައި ވަގުތުން ނިއްވާލެވޭނެ "ކިލް ސްވިޗް" ނުވަތަ އިމަރޖެންސީ ނިޒާމުތައް ގާއިމުކުރުމަށާއި، ގާނޫނީ ގޮތުން ވަރުގަދަ ރައްކާތެރިކަމުގެ ފިޔަވަޅުތަކެއް އެކުލަވާލުމަށް އޭނާ ވަނީ ގޮވާލައްވާފައެވެ.

ބީބީސީގެ "ބިގް ބޮސް އިންޓަވިއު" ޕޮޑްކާސްޓަށް ދެއްވި އިންޓަވިއުއެއްގައި ސްމިތު ވިދާޅުވީ، އޭއައި އަކީ އެއްވަގުތެއްގައި "އާލަތެއްގެ" އިތުރުން ވަރުގަދަ "ހަތިޔާރެއްގެ" ގޮތުގައިވެސް ބޭނުންކުރެވިދާނެ އެއްޗެއް ކަމަށެވެ. އެހެންކަމުން، މިފަދަ ޓެކްނޮލޮޖީތައް އިންސާނުންގެ ކޮންޓްރޯލުން ނެއްޓޭ ހާލަތްތަކުގައި، ސިސްޓަމްތައް ހުއްޓުވުމަށް ނުވަތަ މަޑުޖައްސާލުމަށް އިމަރޖެންސީ ނިޒާމުތައް ޓެކްނޮލޮޖީ ކުންފުނިތަކުގައި ހުރުން މަޖުބޫރުކުރަންޖެހޭ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

"މިހާރުގެ ހާލަތަށް ބަލާއިރު، ގޭގައި ބޭނުންކުރާ އާދައިގެ ދޮންނަ މެޝިނުގައިވެސް އޭއައިއަށްވުރެ ވަރުގަދަ ރައްކާތެރިކަމުގެ ގަވާއިދުތައް އެބަހުރި. ފިހާރަތަކުން ގަންނަން ލިބޭ ކިރު ދަޅުގައިވެސް ރައްކާތެރިކަމުގެ ގަވާއިދުތަކާއި އިންސްޕެކްޝަންގެ މިންގަނޑުތައް ހުރޭ،" ސްމިތު ވިދާޅުވިއެވެ. އޭނާ އިތުރަށް ވިދާޅުވީ އެހެނިހެން އުފެއްދުންތަކަށް ރައްކާތެރިކަމުގެ މިންގަނޑުތައް ކަނޑައަޅާނެ ގޮތް ތަޖުރިބާގެ އަލީގައި ކަންކަން އެނގޭއިރު، އެ މައުލޫމާތާއި ތަޖުރިބާގެ ބޭނުންކޮށްގެން އޭއައި ސިސްޓަމްތަކަށްވެސް ގަވާއިދުތައް އެކުލަވާލަންޖެހޭ ކަމަށެވެ.

ސްމިތު ވަނީ އޭއައި ސިސްޓަމްތަކުން ނުރައްކާތެރި އަމަލެއް ފެނިއްޖެނަމަ ނުވަތަ ހާދިސާއެއް ހިނގައިފިނަމަ، އެކަން ސަރުކާރުގެ އިދާރާތަކަށް ރިޕޯޓުކުރުމާއި، އެކަމަކުން އަސަރުކުރި ފަރާތްތަކަށް އެކަން އެންގުން ކުންފުނިތަކަށް ގާނޫނުން މަޖުބޫރުކުރުމަށްވެސް ގޮވާލައްވާފައެވެ. މީގެ އިތުރުން، އާ އޭއައި ޓެކްނޮލޮޖީތައް އާންމުންނާ ހަމައަށް ދޫކުރުމުގެ ކުރިން، އޭގައި ހުރެދާނެ ނުރައްކާތައް ވަޒަންކުރުމަށް ސަރުކާރުގެ މިނިވަން އިދާރާތަކުން އިވެލުއޭޝަންތައް ހެދުމުގެ މުހިންމުކަން އޭނާ ފާހަގަކުރެއްވިއެވެ.

މައިކްރޯސޮފްޓްގެ ރައީސްގެ މި ވާހަކަފުޅުތައް އައިސްފައިވަނީ، ވަރުގަދަ އޭއައި ސިސްޓަމްތައް އުފެއްދުމާއި އާންމުކުރުން މަޑުޖައްސާލައި، ގާނޫނީ ރައްކާތެރިކަން ގާއިމުކުރުމާ މެދު ދުނިޔޭގެ ޓެކްނޮލޮޖީ މައިދާނުގައި ބޮޑެތި ބަހުސްތަކެއް ހިނގަމުންދާ ދަނޑިވަޅެއްގައެވެ.

"އިންސާނުންގެ ކޮންޓްރޯލުން ނެއްޓިފައިވާ އޭއައި އޭޖެންޓުންނަށް ބަލާއިރު، އަދި މުޅި ދުނިޔޭގެ ސައިބަރ ސެކިއުރިޓީ ނުރައްކަލުގެ ތެރެއަށް ވައްޓާލެވޭފަދަ ވަރުގަދަ މޮޑެލްތަކަށް ބަލާފައި އަހަރެން ދަންނަވާނީ: މިއީ ފިޔަވަޅު އަޅަންވީ ވަގުތޭ،" ސްމިތު ވިދާޅުވިއެވެ.

ހިއްސާ ކުރައްވާ!