ރާއްޖެއިން މިއަހަރު ޙައްޖަށް މީހުން ގެންދިއުމަށް ލިބިފައިވާ ކޯޓާގެ ތިންބައިކުޅަ އެއްބައި ޚާއްސަކޮށް، ޙައްޖު ކިއުގައި ތިން އަހަރުވެފައިވާ އުމުރުން 70 އަހަރުން މަތީގެ އެންމެހާ ފަރާތްތައް މިއަހަރު ޙައްޖަށް ގެންދިޔުމަށް ދިވެހި ސަރުކާރުން ނިންމަވައިފިއެވެ. މި ނިންމުމާ ގުޅޭގޮތުން މައުލޫމާތު ދެއްވަމުން މޯލްޑިވްސް ޙައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު މުޙައްމަދު ފިރުޒުލް ޢަބްދުލް ޚަލީލް ވިދާޅުވީ، ސަރުކާރުގެ މި ސިޔާސަތުގެ ދަށުން މިއަހަރު 70 އަހަރުން މަތީގެ 324 މީހުން ޙައްޖުގެ އަޅުކަމަށް ގެންދެވޭނެ ކަމަށެވެ.
މި އުސޫލު އެކުލަވާލާފައިވަނީ ދުވަސްވީ ބޭފުޅުންނަށް ދީނީ ވާޖިބު އަދާކުރުމަށް ލުއިފަސޭހަތަކެއް ހޯދައިދިނުމުގެ މަގުސަދުގައެވެ. ފިރުޒުލް ފާހަގަކުރެއްވި ގޮތުގައި، މި 324 ފަރާތްތަކުގެ ތެރޭގައި 75 އަހަރުން މަތީގެ 86 މީހުން ހިމެނެއެވެ. އަދި އުމުރުން 75 އަހަރުން މަތީގެ ބޭފުޅުންނަށް އެމަނިކުފާނުގެ އާއިލާގެ މެންބަރަކާއެކު ޙައްޖަށް ދަތުރުކުރުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ކިއުގައި ތިބޭތާ ތިން އަހަރު ވެފައިވާ ފަރާތްތައް ކަމަށް ބަލާނީ 2023 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް ޙައްޖަށް ދިއުމަށް ފައިސާ ދައްކާފައިވާ، އުމުރުން 70 އަހަރުން މަތީގެ ހުރިހާ ފަރާތްތަކެކެވެ. އުމުރުފުރާ ކަނޑައެޅުމުގައި ބަލާނީ 2026 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް އުމުރުން 70 އަހަރު ފުރިފައިވާ ފަރާތްތަކަށެވެ. މި އުސޫލުގެ ސަބަބުން ކިއުގައި ތިބޭ އެހެން ފަރާތްތަކަށް އެއްވެސް ނޭދެވޭ އަސަރެއް ނުކުރާނެ ކަމަށް ޙައްޖު ކޯޕަރޭޝަނުން ކަށަވަރުކޮށްދީފައިވެއެވެ.
މި އުސޫލު ތަންފީޒުކުރުމާއެކު، އަންދާޒާކޮށްފައިވާ ގޮތުން 1448 ވަނަ އަހަރު ޙައްޖަށް ދެވޭނެކަމަށް ބެލެވޭ އުމުރުން 65 އަހަރާއި 69 އަހަރާ ދެމެދުގެ ބޭފުޅުންނަށް ފުރުސަތު ލިބުމުގައި އެއްވެސް ލަސްވުމެއް ކުރިމައްޗެއް ނުވާނެއެވެ. ޙައްޖު ކޯޕަރޭޝަނުން ބުނީ މިފަދަ ފަރާތްތަކުން އެކުގައި ދިއުމަށް ފައިސާ ދައްކާފައިވާ އަދި އާއިލީ މެންބަރުންގެ ތެރެއިން ކިއުގައި ތިބި ފަރާތްތަކަށް ވެސް ފުރުސަތު ނުގެއްލޭނެހެން ކަންކަން އިންތިޒާމުކުރެވިފައިވާ ކަމަށެވެ.
މި ހުރިހާ ފުރުސަތުތަކެއް ލިބިގެންދާނީ މީގެ ކުރިން ޙައްޖުގެ އަޅުކަން އަދާކޮށްފައިނުވާ، އަދި ހަމައެކަނި ފަރުޟު ޙައްޖު އަދާކުރުމަށް ޝައުގުވެރިވާ ފަރާތްތަކަށްކަމަށް ވެސް ކަނޑައަޅިފައިވެއެވެ.




