ޕޯލަންޑުގެ ބޮޑުވަޒީރު އަވަހާރަކޮށްލަން އުޅުނު ކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފި

ޕޯލަންޑުގެ ބޮޑުވަޒީރު ޑޮނަލްޑް ޓުސްކް އަވަހާރަކޮށްލަން ރާވަމުންދިޔަ ކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފައިވާ ކަން އެ ގައުމުގެ ކަމާބެހޭ އިދާރާތަކުން އިއްޔެ އިއުލާނުކޮށްފިއެވެ. މިއީ ބޮޑުވަޒީރު ޓުސްކް އާއި ދިފާއީ ވަޒީރު ވްލާޑިސްލާވް ކޮސިނިއަކް-ކާމިޝްއަށް އަމާޒުކޮށް ނުރައްކާތެރި ހަމަލާތަކެއް ދޭން އުޅޭކަމުގެ އިތުބާރު ހުރި ސަލާމަތީ މައުލޫމާތުތަކެއް ލިބިގެން ހިންގި ތަހުގީގުތަކަށްފަހު އެޅި ފިޔަވަޅެކެވެ.

ބޮޑުވަޒީރު ޓުސްކް އާއި ދާޚިލީ ވަޒީރު މާސިން ކޭރްވިންސްކީ ވަނީ މީސް މީޑިއާ ޕްލެޓްފޯމް 'އެކްސް' ގައި ކުރެއްވި މެސެޖުތަކެއްގައި މި ތުހުމަތުގައި މީހަކު ހައްޔަރުކޮށްފައިވާކަން ކަށަވަރުކޮށްދެއްވާފައެވެ. ސަލާމަތީ އޮފިޝަލުން ހާމަކުރެއްވި ގޮތުގައި ހައްޔަރުކުރީ އުމުރުން 60 އަހަރުގެ ފިރިހެނެކެވެ. އަދި އޭނާއާ ނަސްރާނީ ހަރުކަށި ފިކުރުގެ ޖަމާއަތްތަކާ އޮތްތޯ ބަލަމުންދާއިރު، މި ކަމުގައި ބޭރުގެ އެއްވެސް ފަރާތެއްގެ ބައިވެރިވުމެއް އޮތްކަން އަދި ކަށަވަރެއް ނުވެއެވެ.

ޕޯލަންޑުގެ ޓީވީޕީ ޓީވީއަށް މައުލޫމާތު ދެއްވަމުން ދާޚިލީ ވަޒީރު ކޭރްވިންސްކީ ވިދާޅުވީ، ހައްޔަރުކުކުރި މީހާއަކީ ލޯވަ ސިލޭސިއާ ސަރަހައްދަށް ނިސްބަތްވާ މީހެއް ކަމަށާއި، އޭނާއަކީ ސަރަހައްދީ ނަސްރާނީ ހަރުކަށި ފިކުރުގެ ހަރަކާތްތަކުގައި އުޅޭ މީހެއް ކަމަށް ބެލެވޭ ކަމަށެވެ. މީގެއިތުރުން، ޕޯލަންޑުގެ ޚާއްސަ ޚިދުމަތްތަކާ ބެހޭ ވުޒާރާގެ ތަރުޖަމާނު ޔާސެކް ދޮބްރެޒިންސްކީ ވިދާޅުވީ، ތުހުމަތުކުރެވޭ މީހާ ހައްޔަރުކުރީ ގައުމުގެ ދެކުނު ހުޅަނގު ސަރަހައްދުން ކަމަށެވެ.

ހިއްސާ ކުރައްވާ!