ސައުދީ އަރަބިއްޔާއިން ދިފާއަށް ބޮޑު ހަރަދެއް ކުރާއިރުވެސް ހޫސީންގެ ގޮންޖެހުންތައް 

 

ދުނިޔޭގެ އެންމެ ޒަމާނީ އަދި ވަރުގަދަ ހަތިޔާރުތަކުން މުއްސަނދިވެފައިވާ ސައުދީ އަރަބިއްޔާގެ ސިފައިންނަށް، ހޫސީން ދެމުންދާ މިސާއިލާއި ޑްރޯން ހަމަލާތަކުން އެ ގައުމުގެ މުހިންމު އިންފްރާސްޓްރަކްޗާތައް ސަލާމަތްކުރުމުގައި ބޮޑެތި ގޮންޖެހުންތަކަކާ ކުރިމަތިލާން ޖެހިފައިވެއެވެ. މިދިޔަ ހަފްތާ ބަންދުގައި ރިޔާޟުގެ ކިންގް ޚާލިދު އިންޓަނޭޝަނަލް އެއާޕޯޓަށް އަމާޒުކޮށް ދިން ހަމަލާތަކެއްގައި 12 މީހުން މަރުވެ، 300 އަށްވުރެ ގިނަ މީހުން ޒަޚަމްވުމާ ގުޅިގެން ސައުދީގެ ދިފާއީ ގާބިލުކަމާ މެދު ވަނީ ސުވާލު އުފެދިފައެވެ.

ކުރީގެ އަހަރުތަކާ އަޅައިބަލާއިރު ސައުދީ އަރަބިއްޔާއިން ދިފާއީ ކަންކަމަށް ބޮޑެތި ހަރަދުތަކެއް ކުރަމުންދެއެވެ. އެގޮތުން 2025 ވަނަ އަހަރު އެ ގައުމުގެ އުފެއްދުންތެރިކަމުގެ 6.5 އިންސައްތަ، ނުވަތަ ގާތްގަނޑަކަށް 83 ބިލިއަން ޑޮލަރު ދިފާއީ ކަންކަމަށް ހަރަދުކޮށްފައިވެއެވެ. މިއީ ދުނިޔޭގައި ދިފާއީ ކަންކަމަށް އެންމެ ބޮޑު ހަރަދެއްކުރާ 8 ވަނަ  ގައުމެވެ. އެމެރިކާ، އިނގިރޭސިވިލާތް އަދި ފްރާންސް ފަދަ ހުޅަނގުގެ ގައުމުތަކުން އެންމެ ޒަމާނީ އެފް-15 ގެ މަތިންދާބޯޓުތަކާއި، ޔޫރޯފައިޓާ ޓައިފޫން އަދި ޕެޓްރިއޮޓިކް މިސާއިލް ނިޒާމުތައް ގަނެފައިވީ ނަމަވެސް، ހޫތީން ފޮނުވާ އޮމާން ޓިނުން ހަދާފައިވާ އަގުހެޔޮ ޑްރޯންތަކާއި މިސާއިލްތައް ހުއްޓުވުމުގައި ސައޫދީ ދިފާއީ ނިޒާމުތަކަށް ވަނީ ލަސްތަކެއް ކުރިމަތިވެފައެވެ.

ސައުދީ އަރަބިއްޔާގެ ބިން ބޮޑުވުމަކީވެސް ދިފާއީ ނިޒާމުތަކަށް އޮތް ބޮޑު ގޮންޖެހުމެކެވެ. ގާތްގަނޑަކަށް 2.2 މިލިއަން އަކަ ކިލޯމީޓަރުގެ ބޮޑު ސަރަހައްދެއް އޮތް އިރު، ރިޔާޟާއި، އެއާޕޯޓުތަކާއި، ތެޔޮ އުފައްދާ މަރުކަޒުތަކާއި، އަސްކަރީ މަރުކަޒުތައް އަދި މުހިންމު އެހެނިހެން އިންފްރާސްޓްރަކްޗާތައް އެއްފަހަރާ ހުރިހާ ދިމާލަކުން ހުއްޓުމެއްނެތި ދިފާއުކުރުމަކީ ނުހަނު އުނދަގޫ ކަމެކެވެ.

އޮޓާވާ ޔުވަރސިޓީގެ ސެކިއުރިޓީ އެނަލިސްޓް ތޮމާސް ޖޫނޯ ވިދާޅުވި ގޮތުގައި، ސައުދީ ސިފައިންނަށް ބައެއް ހަމަލާތައް ހުއްޓުވުނު ނަމަވެސް، ގައުމުގެ ބޮޑުކަމުން ހުރިހާ ހަމަލާއެއް އެއްގޮތަކަށް ހުއްޓުވުމަކީ މުސްތަހީލު ކަމެކެވެ.

މި ހަމަލާތައް ވަނީ ސައުދީ ވަލީއަހުދު މުޙައްމަދު ބިން ސަލްމާން އިސްވެ ހުންނަވައިގެން، އިގްތިސާދު ސިންދަފާތުކުރުމަށާއި، ބޭރުގެ އިންވެސްޓްމަންޓްތައް ގެނައުމަށް ކުރަމުންދާ މަސައްކަތްތަކަށް ހުރަސްއެޅިފައެވެ. ޚާއްސަކޮށް، 'ސައުދީ ވިޝަން 2030′ ގެ ދަށުން މައިގަނޑު މަރުކަޒެއްގެ ގޮތުގައި ތަރައްގީކުރަމުންދާ ރިޔާޟުގެ އެއާޕޯޓަށް އަމާޒުކޮށް ހަމަލާތައް ދިނުމަކީ ވިޔަފާރިއަށާއި އިގްތިސާދަށް ލިބޭ ބޮޑު ގެއްލުމެކެވެ.

ހޫތީން މިފަދަ ހަމަލާތައް ވަރުގަދަކޮށްފައިވަނީ ޔަމަނުގެ ދާޚިލީ ހަނގުރާމަ އަލުން ހޫނުވެ، ސައުދީ ސިފައިން ޔަމަނުގައި ހަރަކާތްތެރިވަމުންދާތީއެވެ.

އީރާންގެ އެހީތެރިކަން ލިބެމުންދާ ހޫތީން ބޭނުންވަނީ ސައުދީ އަރަބިއްޔާއިން އެމީހުންގެ ސަރަހައްދުތަކަށް ދޭ ހަމަލާތަކުގެ ބަދަލު ހިފައި، ސުލްހައިގެ އަގު ބޮޑުކުރުމަށް ކަމަށް މާހިރުން ފާހަގަކުރެއެވެ.

ހިއްސާ ކުރައްވާ!