ކުޑަކުދިންނަށް ޖިންސީ ގޯނާކޮށް ލައިވްސްޓްރީމްކުރުމުގެ ބޮޑު ވިއުގައެއްގައި އެމެރިކާ މީހުން

މާލީ މަންފާ ހޯދުމުގެ ބޭނުމުގައި ފިލިޕީންސްގެ ބައި މިލިއަނެއްހާ ކުޑަކުދިންނަށް ޖިންސީ ގޯނާކޮށް، އެ މަންޒަރުތައް އިންޓަނެޓު މެދުވެރިކޮށް ލައިވްސްޓްރީމް ކުރަމުންދާ ބޮޑު ވިއުގައެއްގެ ތަފްސީލުތައް ހާމަވެއްޖެއެވެ. ބައިނަލްއަގުވާމީ މީޑިއާއިން އާންމުކޮށްފައިވާ މި ތަހުގީގީ ރިޕޯޓުގައިވާ ގޮތުން، މި ޖަރީމާ ހިންގުމަށް އެންމެ ބޮޑަށް ޚަރަދުކުރަނީ އެމެރިކާ މީހުންނެވެ.

އާބާދީގައި 117 މިލިއަނަށްވުރެ ގިނަ މީހުން ދިރިއުޅޭ ޖަޒީރާ ގައުމެއް ކަމަށްވާ ފިލިޕީންސް ވެފައިވަނީ އިންޓަނެޓު މެދުވެރިކޮށް ކުޑަކުދިންނަށް ކުރާ ޖިންސީ ގޯނާގެ ވީޑިއޯއާއި ތަސްވީރު ވިއްކައިގެން ފައިސާ ހޯދާ ދުނިޔޭގެ މައި މަރުކަޒަކަށެވެ. ފިލިޕީންސްގެ އެންޓި-މަނީ ލޯންޑްރިންގ ކައުންސިލް (އޭއެމްއެލްސީ) ގެ ތަފާސްހިސާބުތަކަށް ހަވާލާދީ ސީއެންއެން އިން ރިޕޯޓުކޮށްފައިވާ ގޮތުގައި، 2020 އާއި 2022 އާ ދެމެދު އެކަނިވެސް އެމެރިކާގެ ކަސްޓަމަރުން ވަނީ މިފަދަ މަންޒަރުތައް ބެލުމަށް 7 މިލިއަނަށްވުރެ ގިނަ އެމެރިކާ ޑޮލަރު ފިލިޕީންސްގެ ފަރާތްތަކަށް ފޮނުވާފައެވެ.

އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމިއްޔާއެއް ކަމަށްވާ އިންޓަނޭޝަނަލް ޖަސްޓިސް މިޝަން (އައިޖޭއެމް) ގެ ރިޕޯޓެއްގައިވާ ގޮތުން، ފިލިޕީންސްގެ ކޮންމެ 100 ކުދިންގެ ތެރެއިން އެކަކީ މިފަދަ ޖިންސީ ގޯނާގެ ޝިކާރައެކެވެ. މެސެޖިންގ އެޕްލިކޭޝަންތަކާއި ގްރޫޕްތައް މެދުވެރިކޮށް ހުޅަނގުގެ ގައުމުތަކުގެ ފިރިހެނުންނަށް ކުޑަ އަގެއްގައި މި ވީޑިއޯތައް ވިއްކަމުންދާއިރު، ފުލުހުންގެ ތަހުގީގުތަކުން ދައްކާ ގޮތުގައި ކުދިން މި އަމަލުތަކަށް މަޖުބޫރުކުރުވަނީ އެ ކުދިންގެ އާއިލާގެ އަންހެން މެންބަރުންނެވެ.

ފިލިޕީންސް ނޭޝަނަލް ޕޮލިސްގެ މަޢުލޫމާތުތަކަށް ބަލާއިރު، މިދިޔަ އަހަރު ކުޑަކުދިންނަށް ޖިންސީ ގޯނާކޮށް، އެ މަންޒަރުތައް އިންޓަނެޓުގައި އާންމުކުރި މައްސަލައިގައި ހައްޔަރުކުރި 50 އަންހެނުންގެ ތެރެއިން 32 މީހުންނަކީ އަނިޔާ ލިބުނު ކުދިންގެ އަމިއްލަ މައިންނެވެ. އައިޖޭއެމްގެ އޮފިޝަލެއް ކަމަށްވާ ޖޯން ތަނާގޯ ވިދާޅުވި ގޮތުގައި، މިފަދަ ލާއިންސާނީ އަމަލުތައް ހިންގުމުގެ މައިގަނޑު ސަބަބަކީ އެމެރިކާ ފަދަ ގައުމުތަކުގައި ތިބި މީހުން އެކަމަށް ފައިސާ ދޭން ތައްޔާރަށް ތިބުމެވެ.

މި ކުށްތަކުގެ ޝިކާރައަކަށް ވެފައިވާ ކުދިންގެ ތެރޭގައި އުމުރުން 5 އަހަރުގެ ކުދިންވެސް ހިމެނެއެވެ. ކޮވިޑް-19 ގެ އާލަމީ ވަބާގެ ދުވަސްވަރު މާލީ ދަތިކަން ކުރިމަތިވުމުން، އާއިލާއަށް އާމްދަނީ ހޯދުމުގެ ނަމުގައި ކުޑަކުދިން ލައްވައި މިފަދަ އަމަލުތައް ހިންގުވާފައިވާކަން ތަހުގީގުތަކަށް ވަނީ އެނގިފައެވެ. ބޭރު ގައުމުތަކުގެ މީހުންގެ އެދުމުގެ މަތިން، ދެކޮޅު ހެދުމުގެ ފުރުސަތެއް ނެތި، ނިދާފައި ތިބޭ ކުދިން ގަދަކަމުން ނަގައިގެންވެސް ކެމެރާގެ ކުރިމައްޗަށް ނެރެފައިވެއެވެ.

ހިއްސާ ކުރައްވާ!