ވާލްޑް ކަޕް ފައިނަލްގައި ސްޕެއިން އަތުން ބަލިވުމަށްފަހު، މަދު ދުވަސްކޮޅަކަށް އަރާމުކޮށްލުމަށް ލިއޮނެލް މެސީ އަންގާރަ ދުވަހު އެނބުރި އާޖެންޓީނާއަށް ގޮސްފިއެވެ.
ފްލޮރިޑާގެ ފޯޓް ލޯޑަރޑޭލްއިން ފުރައިގެން އައި މެސީގެ އަމިއްލަ ޖެޓު، އޭނާގެ އުފަން ރަށް ކަމަށްވާ ރޮސާރިއޯ ކައިރިއަށް ޖައްސާފައިވަނީ ހެނދުނު 6:27 ގައެވެ. ގިނަ އަދަދެއްގެ ސަޕޯޓަރުން ބޯޑުތަކާއި ދިދަތައް ހިފައިގެން އިންތިޒާރުގައި ތިބި ނަމަވެސް، އޭނާ އާންމުންގެ ކުރިމައްޗަށް ނުކުމެފައެއް ނުވެއެވެ.
ސަޕޯޓަރުންނަށް ފެނުނީ މެސީއާއި އޭނާގެ އާއިލާ، ބުއެނޯސް އައިރީސްގެ އުތުރުން ގާތްގަނޑަކަށް 300 ކިލޯމީޓަރު (185 މޭލު) ދުރުގައިވާ ފޫނެސްގެ އަމިއްލަ އަވަށަށް ގެންދިއުމަށް ރަންވޭ މައްޗަށް އައި އެސްޔޫވީ ކާރުގެ ކުޑަ ހިލަމެކެވެ.
އާޖެންޓީނާގެ ކެޕްޓަން ދަތުރުކުރީ އޭނާގެ އަންހެނުން އެންޓޮނެލާ ރޮކޫޒޯއާއި އެމީހުންގެ ތިން ދަރިންނާއެކު ކަމަށް ރިޕޯޓުކޮށްފައިވެއެވެ. އެ އެންމެންވެސް ވަނީ އުތުރު އެމެރިކާގައި އޮތް މުބާރާތުގައި މެސީއާއެކު ބައިވެރިވެފައެވެ. ރޮސާރިއޯގައި އޭނާގެ އިންތިޒާރުގައި ހުރީ އުމުރުން 68 އަހަރުގެ ބައްޕަ ޖޯޖްއެވެ. އޭނާ ބައްޔަކަށް ފަރުވާ ހޯދަމުންދާކަން އާއިލާއިން ވަނީ ވާލްޑް ކަޕްގެ ތެރޭގައި ހާމަކޮށްފައެވެ.
ތަރި ފެނިލާނެކަމުގެ އުންމީދުގައި ސަޕޯޓަރުން ވަނީ ފަތިހު 3:30 އިން ފެށިގެން އެއާޕޯޓަށް އެއްވެފައެވެ. އޭގެ ތެރޭގައި އާޖެންޓީނާގެ ޖާޒީގައި ތިބި ދެ އަންހެން ކުދިން މަރުޙަބާގެ ބޯޑެއް ހިފައިގެން ތިއްބެވެ. އެ ބޯޑުގައި ލިޔެފައިވެއެވެ: "މެސީ: ތިއީ ލެޖެންޑެއް. އަހަރެމެންގެ ހިތްތަކަށް އުފާވެރިކަން ގެނެސްދިނީތީ ޝުކުރިއްޔާ.!"
މެސީ އެނބުރި އިންޓަ މިއާމީއާ ގުޅޭނީ މިހާރު ކުރިއަށްދާ އެމްއެލްއެސް ސީޒަނަށް ޖުލައި މަހުގެ ފަހުކޮޅު ނުވަތަ އޯގަސްޓް މަހުގެ ކުރީކޮޅު ކަމަށް ބެލެވެއެވެ.
ހެޑް ކޯޗު ލިއޮނެލް ސްކަލޯނީ އިސްވެ ހުރެ، އާޖެންޓީނާގެ 26 ކުޅުންތެރިންގެ ވާލްޑް ކަޕް ސްކޮޑުގެ 15 ކުޅުންތެރިން ހޯމަ ދުވަހު ޗާޓަރު ފްލައިޓެއްގައި ބުއެނޯސް އައިރީސްގެ އެޒޭޒާ އެއާޕޯޓަށް ވަނީ ޖައްސާފައެވެ.
ޓީމު އެނބުރި އައީ އާދީއްތަ ދުވަހު ނިއު ޖަރސީގެ އީސްޓް ރަޑަފޯޑްގައި ކުޅުނު ވާލްޑް ކަޕް ފައިނަލް މެޗުގައި އިތުރު ވަގުތު ކުޅެ 1-0 އިން ސްޕެއިން އަތުން ބަލިވުމަށްފަހުއެވެ. އެ މެޗު ނިމުނީ ފެރާން ޓޮރޭޒް ޖެހި ލަނޑުންނެވެ.
މިއީ 2014 އާއި 2022 ގެ ފަހުން މެސީ ވާލްޑް ކަޕް ފައިނަލް މެޗެއްގައި ކުޅުނު ތިންވަނަ ފަހަރެވެ. އޭނާ މުބާރާތް ނިންމާލީ އަށް ލަނޑާއެކު ގޯލްޑަން ބޫޓް ރޭހުގެ ދެވަނައިގައެވެ. އެއީ 10 ލަނޑު ޖެހި ފްރާންސްގެ ކީލިއަން އެމްބާޕޭއަށްވުރެ ދެ ލަނޑު މަދުންނެވެ.
އެމްބާޕޭ މިހާރު ވަނީ ވާލްޑް ކަޕްގެ ތާރީޚުގައި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ މަޤާމު 22 ލަނޑާއެކު ހޯދާފައެވެ. އެއީ މެސީއަށްވުރެ އެއް ލަނޑު އިތުރެވެ.





