އާޖެންޓީނާގެ ގައުމީ ފުޓްބޯޅަ ޓީމުގައި ކެޕްޓަން ލިއޮނެލް މެސީ ކުޅޭ އެންމެ ފަހު މެޗުގެ ޓިކެޓުތައް ކަޅު ބާޒާރުގައި އިންތިހާއަށް އަގުބޮޑުކޮށް ވިއްކަމުންދާ މައްސަލައިގައި އާޖެންޓީނާގެ ސަޕޯޓަރުންގެ މެދުގައި ޚިލާފުތަކެއް އުފެދިއްޖެ އެވެ.
ބުއެނޮސް އައިރީސްގެ މަޝްހޫރު "މޮނުމެންޓަލް" ސްޓޭޑިއަމްގައި ބެނިންއާ ދެކޮޅަށް ކުޅުމަށް ހަމަޖެހިފައިވާ މި އިހުތިފާލީ މެޗަކީ ފުޓްބޯޅައިގެ ތާރީޚުގައި އުފެދުނު އެންމެ މޮޅު އެއް ކުޅުންތެރިޔާއަށް އަލްވިދާޢު ކިޔުމަށް އާޖެންޓީނާގެ އެތައް ހާސް ސަޕޯޓަރުންނެއް އިންތިޒާރުކުރަމުންދާ މެޗެކެވެ. ނަމަވެސް، މެޗުގެ ޓިކެޓުތައް ނަހަމަ ގޮތުގައި ބޭނުންކޮށްގެން ބޮޑު ފައިދާއެއް ހޯދުމަށް މެދުވެރިންނާއި ވިޔަފާރިވެރިން މަސައްކަތްކުރަމުންދިއުމުގެ ސަބަބުން މުޅި މަސްރަހު ވަނީ ނުތަނަވަސްވެފައެވެ.
އާޖެންޓީނާގެ ނޫހެއް ކަމަށްވާ "ލާ ނޭޝަން" އިން ރިޕޯޓުކޮށްފައިވާ ގޮތުގައި، މި މެޗުގެ ޓިކެޓުގެ މައްސަލައިގައި އާންމުންގެ ބޮޑެތި ފާޑުކިޔުންތަކެއް ވަނީ އަމާޒުވެފައެވެ. ފާޑުކިޔުންތައް މައިގަނޑު ގޮތެއްގައި އަމާޒުވެފައިވަނީ ސޯޝަލް މީޑިއާގެ ނުފޫޒުގަދަ ފަރާތްތަކަށާއި އެންޓަޓެއިންމަންޓް ދާއިރާގެ މީހުންނަށް ގިނަ އަދަދެއްގެ ޓިކެޓު ޚާއްސަކޮށްފައިވާ މައްސަލައަށާއި، ރަސްމީ އަގަށްވުރެ އެތައް ގުނައެއް ބޮޑު އަގުގައި ކަޅު ބާޒާރުގައި ޓިކެޓު އަލުން ވިއްކަމުންދާ މައްސަލައަށެވެ. އެ ނޫހުން ފާހަގަކުރި ގޮތުގައި، ކަޅު ބާޒާރުގައި ޓިކެޓުތައް ދަނީ ރަސްމީ އަގަށްވުރެ 567 އިންސައްތަ ބޮޑު އަގެއްގައި ވިއްކަމުންނެވެ.
މި މައްސަލަ އިތުރަށް ހޫނުވެގެންދިޔައީ އިންސްޓަގްރާމްގައި މިލިއަނަކަށްވުރެ ގިނަ ފޮލޯވަރުން ތިބޭ "ޗާޕޯ" ގެ ނަމުން މަޝްހޫރު ކޮންޓެންޓް ކްރިއޭޓަރު މާޓިން މާޓިނޭޒް، އޭނާގެ ސޯޝަލް މީޑިއާ އެކައުންޓް މެދުވެރިކޮށް ޓިކެޓު ވިއްކުމަށް އިޝްތިހާރުކުރުމާ ގުޅިގެންނެވެ. އޭނާ ވަނީ "ތާރީޚުގައި އުފެދުނު އެންމެ މޮޅު ކުޅުންތެރިޔާ، ލިއޮނެލް އެންޑްރޭސް މެސީގެ އަލްވިދާޢު މެޗުގެ ޓިކެޓުތަކެއް އަލުން ލިބެން އެބަހުރި" ކަމަށް ބުނެ، ޓިކެޓު ބޭނުންވާ ފަރާތްތަކުން ޕްރައިވެޓް މެސެޖު ކުރުމަށް އެދިފައެވެ.
އޭގެ ފަހުން ވަޓްސްއެޕް މެދުވެރިކޮށް އޭނާ އާންމުކުރި ޓިކެޓުގެ އަގުތަކަށް ބަލާއިރު، އެންމެ އަގުހެޔޮ ޓިކެޓެއްގެ އަގު އުޅެނީ 600،000 އާޖެންޓީނާ ޕޭސޯ (ގާތްގަނޑަކަށް 350 ޑޮލަރު) އަށެވެ. އަދި އެންމެ އަގުބޮޑު ޓިކެޓެއްގެ އަގު ވަނީ 1،550،000 ޕޭސޯ (ގާތްގަނޑަކަށް 905 ޑޮލަރު) އަށް އަރާފައެވެ. އިދާރާތަކުން ރަސްމީކޮށް އާންމުންނަށް ޓިކެޓު ވިއްކުމަށް ކަނޑައެޅި އެންމެ ދަށް އަގަކީ 90،000 ޕޭސޯ (53 ޑޮލަރު) އެވެ.
މިކަމާ ގުޅިގެން އާޖެންޓީނާގެ ފުޓްބޯޅަ އެސޯސިއޭޝަނުން ވަނީ ސަޕޯޓަރުންނަށް އިންޒާރުދީފައެވެ. އެސޯސިއޭޝަނުން ބުނެފައިވަނީ އަލުން ޓިކެޓު ވިއްކުމުގެ ތެރޭގައި ސައްހަ ނޫން ނަކަލު ޓިކެޓުތައް ވިއްކައި، މަކަރާއި ހީލަތް ހެދުމުގެ ފުރުސަތު ބޮޑުކަމަށެވެ. އަދި ރަސްމީ އުސޫލުތަކުން ބޭރުން އަލުން ޓިކެޓު ވިއްކުމަކީ ގާނޫނާއި އެސޯސިއޭޝަނުގެ ސުލޫކީ ގަވާއިދާ ޚިލާފު، ފިޔަވަޅު އަޅާނެ ކުށެއް ކަމަށްވެސް އެސޯސިއޭޝަނުން ވަނީ އަންގާފައެވެ.




