ކުރަފި ޕާޓީގެ ކުދިންނަށް ކުރެއްޕެއްގެ އިއްޒަތްތެވެސް ސުޕްރީމް ކޯޓުގައި ނުލިބުނު

މަގުމަތީގައި ތިބި ކުދިންގެ ގައިގައި ފުލުހުން ތަލައި ގަތީ ލަޓި ބުރިންނެވެ. ފައި ބިންދާލި އެވެ. ބޯ ފަޅާލި އެވެ. އަންހެނެއް ފިރިހެނެއް ތަފާތެއް ނުކުރެއެވެ. މައްސަލައަކީ "ނީޓް" އިމްތިހާނުގެ ކޮރަޕްޝަނާ ދެކޮޅަށް އަޑުއުފުލުމެވެ. ކަރުނަގޭސް ވެއް ޖެއްސެވެ. ފުރަތަމަ ދުވަހުގެ ހަމަލާ ތަކާ މެދު އުފެދުނު ނުރުހުންތަކާއެކު އަލަށް އިތުރު ބަޔަކާއެކު ދެ ވަނަ ދުވަހު އަލުން ފައި އިނދޭ ފުރައިން ޒުވާނުން ދިއްލީގެ ޖަންތަރު މަންތަރަށް އެއްވިއެވެ.

ފުރަތަމަ ދުވަހުގެ ހަމަލާތަކަށް އިންސާފު ހޯދުމަށް ދެވަނަ ދުވަހު ޒުވާނުން ޓަކި ޖެހީ ސުޕްރީމް ކޯޓުގެ ދޮރުގައެވެ. ލިބުނީ ހީވެސް ނުކުރާފަދަ އިހާނެތި ޖަވާބެކެވެ.

"ތިޔަ އުޅެނީ އަހަރެމެންގެވެސް ވަގުތު ބޭކާރުކުރަން!" އިންޑިއާގެ އުއްތަމަ ފަނޑިޔާރު ސޫރްޔާ ކާންޓްގެ އަޑުފުޅު ކޯޓު ރޫމުގެ ތެރޭގައި ގުގުމާލިއެވެ.

އެއީ ހަމައެކަނި ގާނޫނީ ބަހުސެއް ނޫނެވެ. އެއީ އުންމީދާއެކު އިންސާފަށް އެދި ސުޕްރީމް ކޯޓުގެ ސަރަހައްދަށް ވަން އެތައް ސަތޭކަ ކުދިންގެ ކުދިންގެ މޫނުމަތީގައި ޖެހި އެތިފަހަރެކެވެ.

"ކޮކްރޯޗް ޖަންތާ ޕާޓީ" ސީޖޭޕީގެ މުޒާހަރާގެ ތެރެއިން ފުލުހުން ދިން އަނިޔާވެރި ހަމަލާތަކުގެ ވީޑިއޯތައް ދައްކައި، އެ ކުދިންގެ ހައްގުގައި އަވަސް އިންސާފަކަށް އެދި ވަކީލު ނަރެންދުރަ މިޝްރާ އާދޭސް ކުރެއްވިއެވެ.

ނަމަވެސް، އުއްތަމަ ފަނޑިޔާރުގެ ނިންމެވުން މާ ހަރުކަށިއެވެ. "އަހަރެމެންގެ މާ ގިނަ މަސައްކަތްތައް އެބަހުރި. ތިޔަ ވީޑިއޯތައް ބަލާކަށް އަހަރެމެންގެ އެއްވެސް ޝައުގުވެރިކަމެއް ނެތް!" އިންޑިއަގެ އުއްތަމ،ަ ފަނޑިޔާރު ވިދާޅުވިއެވެ.

ވަކީލު ޗީފް ޖަސްޓިސްގެ މި ހަރުކަށި ރައްދާއެކު ހައިރާންކަމެއްގެ ތެރެއަށް ގެނބިގެން ދިޔައެވެ. ސީޖޭއައިގެ މި ޖުމްލައާއެކު، އެ ކޯޓު ރޫމުގައި އިންސާފު ލިބުމުގެ އެންމެ ފަހު އުއްމީދުވެސް ފަނޑުވެ ދިޔައެވެ.

ކޯޓުގެ ނިންމުމަކީ، މި މައްސަލައަކީ އާންމު އުސޫލުން ހުށަހެޅިފައިވާ މައްސަލައަކަށް ނުވާތީއާއި، ހައިކޯޓުގައިވެސް މައްސަލަ ހިނގަމުންދާތީ އިތުރަށް ވަދެގަންނަންޖެހޭ ސަބަބެއް ނެތް ކަމަށެވެ.

ޒުވާނުން އަދިވެސް ތިބީ މަގުމަތީގައެވެ. ސީޖޭއައިގެ އެންމެ ޖުމްލައަކުން، ގައުމުގެ އެންމެ މަތީ ކޯޓުން އަނިޔާލިބުނު ކުދިންގެ އަޑު ހިންދާލުމުން، އިންސާފުގެ ދޮރުތަކުގައި މަކުޑި އެޅުވިގެން ދިޔައެވެ.

ހިއްސާ ކުރައްވާ!