ޚަލީޖު ސަރަޙައްދުގައިވާ އެމެރިކާގެ ސީ.އައި.އޭ ސައިޓްތަކަށް އީރާނުން ދިން ވަރުގަދަ ޑްރޯން ޙަމަލާތަކުގައި ރަޝިޔާގެ އެހީތެރިކަން ލިބިފައިވޭތޯ ބަލަން އެމެރިކާ އަށް މަޖުބޫރުވެއްޖެއެވެ.
ޚަލީޖ ގަލްފު ސަރަޙައްދުގައިވާ އެމެރިކާގެ އަނިޔާވެރި ސީ.އައި.އޭ (ސެންޓްރަލް އިންޓެލިޖެންސް އޭޖެންސީ) ގެ މަރުކަޒުތަކަށް އީރާނުން ދިން ކާމިޔާބު ޑްރޯން ޙަމަލާތަކުގައި، އިލެކްޓްރޯނިކް ސިއްރު މަޢުލޫމާތު ދީގެން ނުވަތަ ކުރިއަރާފައިވާ ޑްރޯން ޓެކްނޮލޮޖީ ފޯރުކޮށްދީގެން ރަޝިޔާއިން އެހީތެރިވެދީފައިވޭތޯ ބެލުމުގެ ތަޙުޤީޤެއް އެމެރިކާގެ އިންޓެލިޖެންސް އެނަލިސްޓުން ފަށައިފިއެވެ. މިކަން ހާމަކޮށްފައިވަނީ އެމެރިކާގެ އިންޓެލިޖެންސް މަޢުލޫމާތު އެނގޭ ހަތަރު ފަރާތަކުންނެވެ.
ޤައުމީ ސަލާމަތާ ބެހޭ މަޢުލޫމާތު ހިއްސާކުރާތީ ނަން ހާމަނުކުރުމަށް އެދި ވާހަކަދެއްކި މި މީހުން ބުނި ގޮތުގައި، ސީ.އައި.އޭގެ މަރުކަޒުތަކަށް ދިން މި ޙަމަލާތަކުގައި ރަޝިޔާގެ ބައިވެރިވުން އޮތް މިންވަރާމެދު އެމެރިކާގެ އިންޓެލިޖެންސް އޮފިޝަލުންނަށް ހަމައެކަނި އަދި ވަކި ގޮތެއް ނިންމިފައެއް ނުވެއެވެ. ނަމަވެސް އީރާނުގެ ޙަމަލާތަކުގެ ކާމިޔާބު ކަމާއި ނުރައްކާތެރި ކޮށް އަމާޒުކޮށްފައި ވުމާއި، ޙަމަލާތަކުގެ ކާމިޔާބުކަމުގެ އިތުރުން، އީރާނަށް ރަޝިޔާއިން ދެމުންދާ ފަންނީ އެހީތެރިކަމަކީ މީގެ ހެކިތަކެއް ކަމަށް އެމެރިކާއިން ޝައްކުކުރެއެވެ.
ދުނިޔޭގެ މީޑިއާ ރިޕޯޓުކޮށްފައިވާ ގޮތުގައި އަދި އެމެރިކާގެ އޮފިޝަލުންވެސް އިއުތިރާފުވެފައިވާ ގޮތުގައި ޚަލީޖު ސަރަޙައްދުގައިވާ އެމެރިކާގެ އަސްކަރީ އަދި ޖާސޫސީ އަމާޒުފަތްތަކަށް އީރާނުން ދޭ ޙަމަލާތަކަށް ރަޝިޔާއިން ދަނީ މަޢުލޫމާތާއި އެހެނިހެން އެހީތެރިކަން ފޯރުކޮށްދެމުންނެވެ. ނަމަވެސް ސީ.އައި.އޭގެ މަރުކަޒުތަކަށް ދިން ޙަމަލާތަކުގައި ރަޝިޔާގެ ބައިވެރިވުން އޮތްތޯ ބެލުމަށް އެމެރިކާގެ އިންޓެލިޖެންސްއިން ހިންގާ ތަޙުޤީޤުގެ މަޢުލޫމާތު މީގެ ކުރިން ހާމަކޮށްފައެއް ނުވެއެވެ.
ފާއިތުވި މާރިޗު މަހު ސީ.އައި.އޭގެ މަދުވެގެން ދެ ސައިޓަކަށް އީރާނުން ޙަމަލާދީފައިވާ ކަމަށް ރޮއިޓަރސް އާއި އެހެން މީޑިއާ ރިޕޯޓުކޮށްފައިވެއެވެ. އޭގެ ތެރެއިން އެއް މަރުކަޒަކީ ރިޔާޟުގައި ހުންނަ އެމެރިކާ އެމްބަސީގެ ތެރޭގައި ޤާއިމުކޮށްފައިވާ ސީ.އައި.އޭ ސްޓޭޝަނެވެ. އަދި އަނެއް ސައިޓަކީ ޢިރާޤުގެ އިރުމަތީގައިވާ ސީ.އައި.އޭ ސައިޓެކެވެ. ބައެއް މަސްދަރުތަކުން ބުނާ ގޮތުގައި ސީ.އައި.އޭގެ އިތުރު ސައިޓްތަކަށްވެސް ޙަމަލާތައް އަމާޒުވިނަމަވެސް، އެކަމުގެ ތަފްޞީލެއް އެމެރިކާއިން ހާމަކޮށްފައެއް ނުވެއެވެ.



