ޖޯޑަންގެ ފަސްގަނޑުގައި އެމެރިކާ ސިފައިން މަރުވި ހާދިސާއާ ގުޅިގެން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ޖޯޑަން ސަރކާރަށް ފާޑުވިދާޅުވެއްޖެއެވެ. އޭނާ ވިދާޅުވީ އެ ސެކިއުރިޓީ ބެލެހެއްޓުމުގެ މަސައްކަތާ އެމެރިކާ ސިފައިން ނުވަތަ އޮފިޝަލުން ހަވާލުވެ ތިބިނަމަ އެފަދަ ކަމެއް ނުހިންގުނީސް ކަމަށެވެ.
ލެބަނަންގެ ރައީސް ޖޯސެފް އައުންއާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން ޓްރަމްޕް ވިދާޅުވީ، ޖޯޑަންގެ ސަރަހައްދީ އިމުގެ ތެރެއަށް އެއްޗެއް ވަދެގެން ގޮސްފައިވާ ކަމަށެވެ.
"އެމެރިކާގެ ސިފައިން ނުވަތަ އޮފިޝަލުން އެ މަސައްކަތާ ހަވާލުވެ ތިބިނަމަ އެފަދަ ކަމެއް ނުހިނގީސް،" ޓްރަމްޕް ވިދާޅުވިއެވެ. "އެހެން ބަޔަކާ ތިމާގެ މަސައްކަތް ހަވާލުކުރުމުން ކަންކަން އަބަދަކު ރަނގަޅަކަށް ނުދާނެ." އޭނާ ވިދާޅުވިއެވެ.
އީރާނުގެ ރިވޮލިއުޝަނަރީ ގާޑްސް (އައިއާރުޖީސީ) އިން ވަނީ އީރާނަށް ދެމުންދާ ހަމަލާތަކުގެ ރައްދުގައި ޖޯޑަންގައި ތިބި އެމެރިކާ ސިފައިން މަރާލައި، އެފް-15 ބޯޓަކާއި ރާޑަރެއް ހަލާކުކޮށްލާފައެވ. އަދި ބަހްރޭންގައި ހުންނަ އެމެރިކާގެ އެމަޒޯން ކުންފުނީގެ ވަސީލަތްތަކަށް ހަމަލާދީފައިވާ ކަމަށް ވެސް ވަނީ އިއުލާނުކޮށްފައެވެ.
ޖޯޑަންގެ ސިޔާސީ ފަރާތްތަކުން ވަނީ އެމެރިކާގެ އަސްކަރީ މަރުކަޒުތައް ބަންދުކޮށް އެމެރިކާ ސިފައިން ޖޯޑަންއިން ފޮނުވާލުމަށް މިއަދު ގޮވާލާފައެވެ.
އެމެރިކާގެ ކަމާބެހޭ ފަރާތްތަކުގެ ވާހަކަތަކަށް އިޝާރާތްކޮށް އައިއާރުޖީސީގެ ބަޔާނުގައި ބުނެފައިވަނީ، އެމެރިކާގެ ޑިފެންސް ސެކްރެޓަރީ ޕީޓް ހެގްސެތު މަރުވި ސިފައިންނަކީ "ބުއްދިވެރި ބަތޮލުން" ގޮތުގައި ސިފަކުރައްވައި، މަރުވި މީހުންގެ ހަގީގީ އަދަދު ސިއްރުކުރައްވާފައިވާ ކަމަށެވެ. އަދި ކުޑަކުދިން މަރަމުންދާ "ހަނގުރާމައިގެ ކުށްވެރިން" ޖަވާބުދާރީ ކުރާނެ ކަމަށް އައިއާރުޖީސީން ބުނެފައިވެއެވެ.



