ޖުލައި މަހުގެ ކުރީކޮޅު، އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ކުރެއްވި ދަތުރުފުޅުތަކަކީ އޭޝިއާގެ ޖިއޮޕޮލިޓިކްސް ބަދަލުވަމުންދާ ކަމުގެ ހެއްކެކެވެ. ޖަޕާނުގެ ބޮޑުވަޒީރާ ބައްދަލުކުރެއްވުމަށްފަހު، މޯދީ 6 އިން 11 ޖުލައިއަށް އިންޑޮނޭޝިއާ، ނިއުޒިލެންޑް އަދި އޮސްޓްރޭލިއާއަށް ކުރެއްވި މި ދަތުރުފުޅުގައި އެންމެ ފާހަގަކޮށްލެވޭ މަންޒިލަކީ އިންޑޮނޭޝިއާއެވެ.
2018 ވަނަ އަހަރަށް ފަހު މޯދީ އިންޑޮނޭޝިއާއަށް ކުރެއްވި މި ފުރަތަމަ ރަސްމީ ދަތުރުފުޅަކީ، މިދިޔަ ޖެނުއަރީ 2025 ގައި އިންޑޮނޭޝިއާގެ ރައީސް ޕްރަބޯވޯ ސުބިއާންތޯ އިންޑިއާއަށް ކުރެއްވި ދަތުރުފުޅުގެ ޖަވާބެކެވެ. ދެ ގައުމުގެ ވެރިން ވެސް ފާހަގަކުރެއްވި ގޮތުގައި، މި ގުޅުމުގެ ބިންގަލަކީ ސަގާފީ އެއްގޮތްކަމާއި، އިތުބާރާއި، ކުރިމަގުގެ އުންމީދުތަކެވެ.
މި ދަތުރުގެ އެންމެ މުހިންމު އެއް ނަތީޖާއަކީ އިންޑިއާގެ އަސްކަރީ ޓެކްނޮލޮޖީ އިންޑޮނޭޝިއާއަށް ފޯރުކޮށްދިނުމާ ގުޅޭ 630 މިލިއަން ޑޮލަރުގެ އެއްބަސްވުންތަކެވެ. މީގެ ތެރޭގައި އިންޑިއާގެ 'ބްރަމޯސް’ސުޕަސޮނިކް ކްރޫޒް މިސައިލް ނިޒާމު ހިމެނެއެވެ.
-
ޗައިނާއިން ބެލިސްޓިކް މިސައިލް ޓެސްޓު ކުރިތާ އެއް ދުވަސް ފަހުން މި އެއްބަސްވުންތައް ސޮއިކުރުމަކީ، އިންޑޮނޭޝިއާއިން ސަރަހައްދީ ރައްކާތެރިކަމަށް ދޭ އަހަންމިއްޔަތު ހާމަކޮށްދޭ ކަމެކެވެ.
-
އިންޑޮނޭޝިއާއިން މަސައްކަތްކުރަނީ ޗައިނާ ނުވަތަ އެމެރިކާގެ ނުފޫޒަށް ނުވަދެ މިނިވަން ފޮރިން ޕޮލިސީއެއް ގެންގުޅޭ "މިޑްލް ޕަވަރ"އެއްގެ ގޮތުގައި އަމިއްލަވަންތަކަން ދަމަހައްޓާށެވެ.
މި ގުޅުމުގައި ހަމައެކަނި އޮތީ އަސްކަރީ ބައެއް ނޫނެވެ. ދެ ގައުމުން ވަނީ ދުރު މުސްތަގުބަލަށް އަމާޒުކޮށް، "ކްރިޓިކަލް މިނަރަލްސް" ނެގުމާއި، އެ ތަކެތި ޕްރޮސެސްކުރުމުގެ އެއްބަސްވުންތަކުގައި ސޮއިކޮށްފައެވެ.
އިންޑޮނޭޝިއާއިން މޯދީއަށް އެ ގައުމުގެ އެންމެ މަތީ ސިވިލިއަން ޝަރަފު 'ބިންތާން އަދިޕުރްނާ' އެރުވުމާއި، އިންޑޮނޭޝިއާގެ ގާނޫނު ހަދާ މަޖިލީހުގައި ތަގުރީރުކުރުމުގެ ފުރުސަތު ދިނުމަކީ، އިންޑިއާއާ މެދު އިންޑޮނޭޝިއާއިން ދެކޭ މަތިވެރި ގަދަރެވެ.
އިންޑިއާ އާއި އިންޑޮނޭޝިއާގެ ގުޅުމުން ދޭހަވަނީ، ބޮޑެތި ބާރުތަކުގެ ނުފޫޒުތަކުން އެކަހެރިވެ، ދެ ގައުމަކަށް ގުޅިގެން މަސައްކަތް ކުރެވިދާނެ ކަމެވެ. ހަމައެހެންމެ، ރަޝިޔާ އާއި އެމެރިކާ ފަދަ ގައުމުތަކާ އެކު ވެސް ފައިދާހުރި ގުޅުންތަކެއް ދަމަހައްޓައިގެން، ގައުމީ މަސްލަހަތު ހިމާޔަތްކުރެވޭނެކަން މި ދެ ގައުމުން މިވަނީ ސާބިތުކޮށްދީފައެވެ.





