އިންޑިއާއިން ހައިޑްރޮޖެން އިން ދުއްވާ ގައުމުތަކުގެ ލިސްޓަށް ވަދެއްޖެ

އިންޑިއާގައި އެ ގައުމުގެ ފުރަތަމަ ހައިޑްރޮޖެން ރޭލު ރަސްމީކޮށް ދުއްވަން ފަށައިފިއެވެ. މިއާއެކު އިންޑިއާ ވެގެން ގޮސްފައިވަނީ ތިމާވެއްޓާ ރައްޓެހި މިފަދަ ޒަމާނީ ޓެކްނޮލޮޖީ ބޭނުންކޮށްގެން ރޭލު ދުއްވާ މަދު ގައުމުތަކުގެ ލިސްޓުގައި ހިމެނުނު ގައުމަކަށެވެ. މި ޚާއްސަ ޚިދުމަތް ފައްޓަވައިދެއްވީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއެވެ.

އިންޑިއާގެ އުތުރުގެ ސްޓޭޓެއް ކަމަށްވާ ހަރިޔާނާގެ ޖިންދު އަދި ސޮނީޕަތު ސަރަހައްދާ ދެމެދު ދުއްވަން ފެށި މި ރޭލަކީ ތެލުގެ ބަދަލުގައި ހައިޑްރޮޖެން ފިއުލް ސެލް ބޭނުންކޮށްގެން އަޖުމަ ބެލުމަށް ދުއްވާ އުޅަނދެކެވެ. މިފަދަ ރޭލުތަކުން ވިހަ މާއްދާތައް ބޭރުވުމުގެ ބަދަލުގައި ޖައްވަށް ބޭރުވަނީ ހަމައެކަނި ހޫނާއި ފެނުގެ އާވި އެވެ. މިއީ ތިމާވެށި ހިމާޔަތްކުރުމަށާއި، ޑީސަލް އިންޖީނުތަކަށް ބަރޯސާވުން ކުޑަކުރުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ.

މި ރޭލު ފަރުމާކޮށް، އިންޖީނުއަޅައި، ބިނާކޮށްފައިވަނީ އިންޑިއާގެ އަމިއްލަ ގައުމީ ސިނާއަތުގެ ދަށުންނެވެ. 10 ކޯޗުގެ މައްޗަށް އެކުލެވިގެންވާ މި ރޭލުގައި އެއްފަހަރާ 2,600 ފަސިންޖަރުންނަށް ދަތުރުކުރެވޭނެއެވެ. އަދި ގަޑިއަކު 75 ކިލޯމީޓަރުގެ ބާރުމިނުގައި ދުއްވުމުގެ ގާބިލުކަން ލިބިފައިވާ މި ރޭލުގެ ސަބަބުން، 2030 ވަނަ އަހަރާ ހަމައަށް ރޭލު ދަތުރުފަތުރުގެ ނިޒާމުން ކާބަން ބޭރުކުރާ މިންވަރު ސުމަކަށް ތިރިކުރުމަށް އިންޑިއާއިން ގެންގުޅޭ އަމާޒަށް ވާސިލުވުމަށް އިތުރު ބާރަކަށްވެގެންދާނެއެވެ.

ޖަރުމަނުވިލާތާއި، ޖަޕާނާއި، ޗައިނާ އަދި އެމެރިކާ ފަދަ ގައުމުތަކުގެ ސަފުގައި އިންޑިއާ ވެސް މިހާރު ވަނީ މި ޒަމާނީ ޓެކްނޮލޮޖީގެ ސަފުގައި ހިމެނިފައެވެ.

ހިއްސާ ކުރައްވާ!