ޖެނޮސައިޑް ރެޖީމުން ޖެނޮސައިޑް ހިންގާކަމަށް އިނގިރޭސި ބޮޑު ވަޒީރު ގަބޫލު ކުރާނެބާ؟

ޣައްޒާގައި އިޒްރޭލުން ހިންގަމުންދާ ޖަރީމާތަކަކީ ޤަތުލުއާންމެއްކަމަށް ބައިނަލްއަޤްވާމީ ފަރާތްތަކުން ކަނޑައަޅާފައިވާ ނިންމުންތަކަށް ތާއީދުކޮށް، އެކަމާ ދެކޮޅަށް ފިޔަވަޅު އެޅުމަށް އިނގިރޭސިވިލާތުގެ ގާނޫނު ހަދާ މަޖިލީހުގެ 70 އަށްވުރެ ގިނަ މެމްބަރުން، އެ ގައުމުގެ އާ ބޮޑުވަޒީރު އެންޑީ ބަރންހަމަށް ގޮވާލައްވައިފިއެވެ.

ބޮޑުވަޒީރު ބަރންހަމަށް ފޮނުއްވި މި އޯޕަން ލެޓަރގައި މެމްބަރުން ވަނީ، ޣައްޒާގައި އިޒްރޭލުން ހިންގަމުންދާ އަމަލުތަކަކީ ޤަތުލުއާންމެއްކަމަށް އދ.ގެ މިނިވަން ކޮމިޝަނަކުން މިދިޔަ މަހު ނެރުނު ރިޕޯޓް ބަލައިގަތުމަށް ގޮވާލާފައެވެ. މި ރިޕޯޓްގައި އިޒްރޭލުން ގަސްތުގައި ކުޑަކުދިންނަށް ހަމަލާދެމުންދާކަން ވަނީ ފާހަގަކޮށްފައެވެ.

މީގެ އިތުރުން، މި ސިޓީގައި ވަނީ 2024 ވަނަ އަހަރުގެ ޖުލައި މަހު އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) އިން ނެރުނު ލަފާދޭ ރައުޔަށް އަމަލުކުރުމަށް ބޮޑުވަޒީރަށް ގޮވާލާފައެވެ. އައިސީޖޭގެ އެ ނިންމުމުގައި ވަނީ:

  • ފަލަސްތީނުގެ ބިންތައް އިޒްރޭލުން ހިފައިގެން އުޅުމަކީ ގާނޫނާ ހިލާފު ކަމެއް.
  • ފަލަސްތީނުގެ ބިންތަކުން ވަގުތުން ފޭބުމަށާއި، ގާއިމްކޮށްފައިވާ ހުރިހާ ސެޓްލްމަންޓްތައް ނައްތާލުމަށް.
  • އަސަރުކޮށްފައިވާ ފަލަސްތީނު ރައްޔިތުންނަށް ބަދަލު ދިނުމަށާއި، ގެދޮރު ދޫކޮށް ދާން ޖެހުނު މީހުން އަނބުރާ ގެނައުމަށް އެހީތެރިވުމަށް.
  • އިޒްރޭލުގެ މި ބިން ހިފުންތަކަށް އެހީތެރިވާ ހުރިހާ ގައުމުތަކުން އެކަން ހުއްޓާލުމަށް.

އެޅުމަށް ގޮވާލާ ފިޔަވަޅުތައް:

މެމްބަރުން ވަނީ އިޒްރޭލަށް ހަތިޔާރު ފޯރުކޮށްދިނުން މުޅިން ހުއްޓާލުމަށާއި ދަތިކުރުމުގެ ފިޔަވަޅުތައް އެޅުމަށާއި، އިޒްރޭލުގެ ސެޓްލްމަންޓްތަކަށް އެހީތެރިވާ ވިޔަފާރިތައް މަނާކުރުމަށްވެސް ގޮވާލާފައެވެ.

ޕަލަސްތައިން ސޮލިޑަރިޓީ ކެމްޕޭންގެ ޑެޕިއުޓީ ޑިރެކްޓަރު ޕީޓާ ލިއަރީ މި ފިޔަވަޅުތަކަށް މަރުހަބާ ވިދާޅުވަމުން ވިދާޅުވީ، "ޖެނޮސައިޑް ކޮންވެންޝަން" އާއި އައިސީޖޭގެ ނިންމުންތަކަށް އިނގިރޭސި ސަރުކާރުން މީގެ ކުރިން އިހުމާލުވެފައިވާ ކަމަށެވެ. އަދި ފަލަސްތީނު ރައްޔިތުންނާ ދެކޮޅަށް އިޒްރޭލުން ހިންގާ ލާއިންސާނީ އަމަލުތަކަށް އިނގިރޭސި ސަރުކާރުން އެއްބާރުލުން ދިނުން ހުއްޓާލަންޖެހޭ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

އިނގިރޭސި ސަރުކާރުން މި ކަމުގައި އަޅާނެ ފިޔަވަޅަކަށް އިންތިޒާރު ކުރަން ޖެހެއެވެ. އެއީ، އައު ސަރުކާރުގެ އައު ޚާރިޖީ ވަޒީރު އެޑް މިލިބަންޑަކީ، އޭނާގެ އާއިލާ ހިފާފައިވާ ގުދުސްގައި ވަޒަންވެފައިވާ ޔަހޫދީ އާއިލާއެކެވެ. އެހެންވެ މިއީ އޭނާގެ އާއިލީ މަސްލަހަތާ ސީދާ ފުށުއަރާ ކަމެކެވެ!

ހިއްސާ ކުރައްވާ!