ޔަހޫދީ ޖެނޮސައިޑް އިންޖިނޭރު ބެންޖަމިން ނަތަންޔާހޫ ހައްޔަރުކުރުމަށް ބައިނަލްއަގްވާމީ ޖިނާއީ ކޯޓުން ނެރެފައިވާ އަމުރު ތަންފީޒުކުރުމުގެ ގާނޫނީ ބާރެއް ނިއުޔޯކް ސިޓީގެ ކަމާބެހޭ ފަރާތްތަކަށް ލިބިގެން ނުވާކަމަށް ނިއުޔޯކްގެ މޭޔަރު ޒަހްރާން މަަމްދާނީ ވިދާޅުވެއްޖެއެވެ.
އިންސްޓަގްރާމްގައި އާންމުކުރެއްވި ވީޑިއޯއެއްގައި މަމްދާނީ ވިދާޅުވީ، ނަތަންޔާހޫ ނިއުޔޯކަށް އަންނަ އިރު އެ އަމުރު ތަންފީޒުކުރެވޭނެ ގޮތެއް އޮތްތޯ ބެލުމަށް އެ ސިޓީގެ އިދާރާއިން ގާނޫނީ ގޮތުން ފުރިހަމައަށް ބަލާފައިވާނެ ކަމަށެވެ. ނަމަވެސް، އެ އަމުރު ތަންފީޒުކުރުމުގެ ގާނޫނީ ބާރެއް ސިޓީއަށް ލިބިފައި ނެތްކަން ކަށަވަރުވެފައިވާ ކަމަށާއި، އެކަން ކުރުމުގެ ޒިންމާ އޮތީ މަރުކަޒީ ސަރުކާރުގެ ބޮލުގައި ކަމަށް އޭނާ ވިދާޅުވިއެވެ.
މަމްދާނީ މި ކަމުގެ ޝައުގުވެރިކަން ފާޅުކޮށްފައި ވަނިކޮށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދާދި ފަހުން ކުރެއްވި ޕޯސްޓެއްގައި، ނަތަންޔާހޫ އެމެރިކާގައި އުޅޭއިރު "އެއްވެސް ހާލެއްގައި ހައްޔަރުނުކުރާނެ" ކަމަށް ވިދާޅުވެފައެވެ.
ގާނޫނީ ހުރަސްތަކާއި ޑިޕްލޮމެޓިކް ހިމާޔަތް
އާންމު އުސޫލުން، ރަސްމީ ދަތުރުތަުގައި އެމެރިކާއަށް ވަޑައިގަންނަވާ ގައުމުތަކުގެ އިސްވެރިންނަށް ޑިޕްލޮމެޓިކް އިމްތިޔާޒުތަކާއި ހިމާޔަތް ލިބިގެންވެއެވެ. މީގެ އިތުރުން، އދ. ގެ މައި މަރުކަޒު ހުންނަ ގައުމުގެ ހައިސިއްޔަތުން އެކި ގައުމުތަކުގެ އިސްވެރިންނަށް ނިއުޔޯކަށް ވަޑައިގަތުމުގެ ފުރުސަތު ވޮޝިންގްޓަނުން ދެމުން އާދެއެވެ.
އައިސީސީ އާއި އެމެރިކާގެ ސްޓޭންޑް
-
އަމުރު: ބައިނަލްއަގްވާމީ ޖިނާއީ ކޯޓުން ނަތަންޔާހޫ ހައްޔަރުކުރުމުގެ އަމުރު ނެރެފައިވަނީ 2024 ވަނަ އަހަރުގެ ނޮވެމްބަރު މަހު ހަނގުރާމައިގެ ޖަރީމާތަކާއި އިންސާނިއްޔަތާ ޚިލާފު ޖަރީމާތައް ހިންގިކަމުގެ ތުހުމަތުގައެވެ.
-
މެމްބަރުކަން: އެމެރިކާއަކީ އައިސީސީގެ މެމްބަރު ގައުމަކަށް ނުވާތީ، އެ ކޯޓުގެ އަމުރުތައް ތަންފީޒުކުރުމުގެ ގާނޫނީ ވާޖިބެއް އެމެރިކާއަށް ނެތެވެ.
-
ޓްރަމްޕްގެ ސިޔާސަތު: ޓްރަމްޕްގެ އިދާރާއިން ގެންގުޅެނީ އައިސީސީއާ ދެކޮޅު ސިޔާސަތެކެވެ. އެގޮތުން، އެ ކޯޓުން އެމެރިކާއާއި އިޒްރޭލާ ދެކޮޅަށް ހިންގާ ހަރަކާތްތަކަކީ "ގާނޫނާ ޚިލާފު" ކަންކަން ކަމަށް ކަނޑައަޅައި، އެ ކޯޓާ ދެކޮޅަށް ފިޔަވަޅުތައް ވެސް ވަނީ އަޅާފައެވެ.





