އިންޑިއާގެ އުއްތަރަ ޕްރަދޭޝްގެ ވަރާނަސީގައި ހުންނަ ލާލް ބަހާދުރު ޝާސްތުރީ އިންޓަނޭޝަނަލް އެއާޕޯޓުގައި އެއާ އިންޑިއާ އެކްސްޕްރެސްގެ ފްލައިޓަކަށް ޗެކިން ކުރުމުގެ މަރުހަލާ ކުރިއަށްދަނިކޮށް، ފުރަން ގޮސް ހުރި މީހެއްގެ ބަޑީގެ ވަޒަން ބޭރުވެގެން ދެ މީހަކު ޒަޚަމްވެއްޖެއެވެ.
އެއާޕޯޓުގެ ސެކިއުރިޓީ މަސްދަރުތަކުން މައުލޫމާތު ދޭ ގޮތުގައި، މި ހާދިސާ ހިނގާފައިވަނީ ފްލައިޓަށް އަރަން އައި މީހަކު އޭނާގެ އަތުގައި އޮތް ގާނޫނީ ހުއްދަ ލިބިފައިވާ އަމިއްލަ ބަޑި އެއާޕޯޓުގެ އުސޫލުތަކާ އެއްގޮތަށް ޑެކްލެއާކޮށް، ޗެކިން ކައުންޓަރަށް ހަވާލުކުރުމުގެ މަރުހަލާގެ ތެރޭގައެވެ. ބަޑީގައި ހުރި އުންޑަތައް ނެގުމަށް މަސައްކަތް ކުރުމުގެ ތެރޭގައި އޮޅިގެން ފިތާލެވުނީއެވެ.
މި ހާދިސާގައި އުންޑަ ދޫވުމުން ސީރިއަސް ނޫން އަނިޔާތަކެއް ލިބިފައިވަނީ އެއާލައިންގެ އޮޕަރޭޝަނަލް މުވައްޒަފަކަށާއި ކައިރީގައި ހުރި އެހެން ފަސިންޖަރަކަށެވެ.
އެއާޕޯޓުގެ ކަމާބެހޭ ފަރާތްތަކުން ވަގުތުން ވަނީ އެ ދެ މީހުންނަށް އެއާޕޯޓުގެ މެޑިކަލް ސެންޓަރުގައި ފަރުވާ ދީފައެވެ. ދެ މީހުންގެ ހާލުވެސް ރަނގަޅު ކަމަށް ރިޕޯޓުތައް ބުނެއެވެ.
އިންޑިއާގެ ސިވިލް އޭވިއޭޝަން ސެކިއުރިޓީ އުސޫލުތައް ހަމަޖެހިފައިވާ ގޮތުން، ގާނޫނީ ހުއްދަ އޮންނަ ހަތިޔާރު އެއާޕޯޓު މެދުވެރިކޮށް އުފުލޭނީ ހާއްސަ އިޖުރާއަތްތަކެއް ފުރިހަމަކުރުމަށްފަހު، ރެޖިސްޓާޑް ބެގެޖްގެ ގޮތުގައެވެ. ހަތިޔާރު ހަވާލުކުރުމުގެ ކުރިން އޭގައި ހުރި ހުރިހާ އުންޑައެއް ނަގައި، ސެކިއުރިޓީ އޮފިޝަލުންގެ ކުރިމަތީގައި ރައްކާތެރިކަން ކަށަވަރުކުރަންޖެހެއެވެ.
މި ހާދިސާއާ ގުޅިގެން ސެންޓްރަލް އިންޑަސްޓްރިއަލް ސެކިއުރިޓީ ފޯސް (ސީއައިއެސްއެފް) އާއި ވަރާނަސީ ފުލުހުން ވަނީ އެ ފަސިންޖަރު ހިފަހައްޓައި، ހާދިސާ ހިނގި ގޮތުގެ ތަހުގީގެއް ފަށާފައެވެ. އަދި ހަތިޔާރު ގެންގުޅުމުގައި އަޅަންޖެހޭ ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް އިހުމާލުވި ކަމުގެ ތުހުމަތުގައި އޭނާއާމެދު ގާނޫނީ ފިޔަވަޅު އެޅުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.






