އެކި ކަންކޮޅުތަކުގައި މިހާރު ހިނގަމުންދާ ހަނގުރާމަތަކާއި ސިޔާސީ ނުތަނަވަސްކަމުގެ ސަބަބުން އޭނާގެ ކުޑަ ދެ ފިރިހެން ދަރިން ކަމަށްވާ ތައިމޫރު އަދި ޖޭގެ ހިތުގައި ބިރުވެރިކަމެއް އުފެދިފައިވާ ކަމަށާއި، އެ ކުދިންނަށް ރައްކާތެރިކަން ދެނީ ސިފައިން ކަމަށް ބުނެ ހިތްވަރުދެމުންދާ ކަމަށް ބޮލީވުޑްގެ އެކްޓަރު ސައިފް އަލީ ޚާން ހާމަކޮށްފިއެވެ.
އިންޑިއާގެ މިނިވަން ދުވަހާ ގުޅުވައިގެން އެންޑީޓީވީގެ "ޖައި ޖަވާން" ޕްރޮގްރާމަށް ދިން ހާއްސަ އިންޓަވިއުއެއްގައި ސައިފް ބުނީ، ދުނިޔޭގެ މަސްރަހުގައި ހިނގަމުންދާ ކަންކަމުގެ ޚަބަރުތައް ފެނިގެން ދަރިން ގޭތެރޭގައި ގިނަ ސުވާލުތަކެއް ކުރަމުންދާ ކަމަށެވެ.
"ދަރިން އަހަރެންގެ ކައިރީގައި އަހާ ދުނިޔޭގައި މި ހިނގާ ހަނގުރާމަތަކުގެ ވާހަކަ. އެ ކުދިން ވަރަށް ބިރުގަނޭ. އަދި އަހާނެ އަހަރެމެން ބަލަހައްޓައި ހިމާޔަތްދެނީ ކާކުހޭ؟ ކުރިއަށް އޮތް ތަނުގައި ވާނީ ކިހިނެއްހޭ؟ ހާލަތު މިއަށްވުރެ ގޯސްވެދާނެހޭ؟" ސައިފް ބުންޏެވެ.
އޭނާ އިތުރަށް ބުނީ، ދަރިންގެ އެ ސުވާލުތަކަށް ޖަވާބުދެމުން، ގައުމުގެ ރައްކާތެރިކަން ބަލަހައްޓައި ސަލާމަތްތެރިކަން ކަށަވަރުކޮށްދެނީ ސިފައިން ކަމަށް ބުނެދޭ ކަމަށެވެ. އަދި ސިފައިން ކުރަމުންދާ އަގުހުރި ޚިދުމަތަށް މުޅި އާއިލާވެސް ސަލާމްކޮށް، އިންތިހާއަށް ފަޚުރުވެރިވާ ކަމަށް އޭނާ ބުންޏެވެ.
މި އިންޓަވިއުގައި ސައިފް ވަނީ ކަޝްމީރުގެ ގުދުރަތީ ރީތިކަމާއި، އެ ސަރަހައްދާއެކު އޭނާގެ އާއިލާއަށް އޮތް ތާރީޚީ ގުޅުމުގެ މައްޗަށްވެސް އަލިއަޅުވާލާފައެވެ. ސައިފްގެ މަންމަ، މަޝްހޫރު ބަތަލާ ޝަރުމީލާ ޓާގޯރުގެ ފުރަތަމަ ފިލްމު "ކަޝްމީރު ކީ ކަލީ" ގެ އިތުރުން ގިނަ ފިލްމުތަކެއްގެ ލަވަތައް ކަޝްމީރުގައި ކުޅެފައިވާކަން އޭނާ ހަނދާންކޮށްދިނެވެ.
"ކަޝްމީރަކީ އިންޑިއާގެ އެންމެ ރީތި އެއް ސަރަހައްދު. ނަމަވެސް އެއީ ސިޔާސީ ގޮތުން ނާޒުކު ތަނަކަށްވާތީ ފަތުރުވެރިކަމަށް މުޅިން ހުޅުވާލެވިފައެއް ނުވޭ. އެއީ ވަރަށް ދެރަކަމެއް. އަހަރެން އެދެނީ މުޅި ގައުމުގެ ރައްޔިތުންނަށްވެސް އެއްވެސް ނުތަނަވަސްކަމެއް ނެތި، ފަސޭހަކަމާއެކު އެ ސަރަހައްދަށް ޒިޔާރަތްކުރެވޭނެ ދުވަހެއް އައުން،" ކަޝްމީރާ ގުޅޭގޮތުން ސައިފް އިތުރަށް ބުންޏެވެ.
ސައިފް އަލީ ޚާން މިހާރު ތައްޔާރުވަމުންދަނީ ޑައިރެކްޓަރު ޕްރިޔަދަރުޝަންގެ ކުރިއަށް އޮތް ތުރިލާ ފިލްމު "ހައިވާން" އިން ފެނިގެންދިއުމަށެވެ.
މިއީ 18 އަހަރުގެ މެދުކެނޑުމަކަށްފަހު ސައިފް އާއި އަކްޝޭ ކުމާރު އެކުގައި ފެންނާނެ ފިލްމެކެވެ. މި ފިލްމުގައި ބޯމަން އިރާނީ، ސައިޔާމީ ކޭރް އަދި ޝްރިޔާ ޕިލްގާއޮންކަރުވެސް މުހިންމު ރޯލުތަކުން ފެންނާނެއެވެ.
"ހައިވާން" ސިނަމާތަކުގައި އަޅުވާ ގޮތަށް ހަމަޖެހިފައިވަނީ އަންނަ ސެޕްޓެމްބަރު މަހުގެ 11 ވަނަ ދުވަހުއެވެ.






