ހަވާއީއަށް 34 އަހަރަށްފަހު ފުރަތަމަ ފަހަރަށް ތޫފާނެއް. ކުއްލި ނުރައްކަލުގެ ހާލުގައި

އެމެރިކާގެ ހަވާއީ ސްޓޭޓަށް 34 އަހަރަށްފަހު ފުރަތަމަ ފަހަރަށް ސީދާ ތޫފާނެއް އެރުމުގެ ބިރު ބޮޑުވުމާ ގުޅިގެން، އެ ސަރަހައްދުގެ އާންމު ރައްޔިތުން ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅައި ކުއްލި ނުރައްކަލުގެ ހާލަތަށް ތައްޔާރުވާން ފަށައިފިއެވެ.

"ލާލާ" ގެ ނަމުން ނަންދެވިފައިވާ ކެޓަގަރީ 1 ގެ މި ތޫފާނުގެ ބާރުމިން ގަޑިއަކު 120 ކިލޯމީޓަރަށް އަރާފައިވާއިރު، މިއީ މީގެ 155 އަހަރު ކުރިން 1871 ވަނަ އަހަރަށްފަހު ހަވާއީގެ "ބިގް އައިލެންޑް" އަށް ސީދާ އެރި ފުރަތަމަ ތޫފާން ކަމަށް މޫސުމާ ބެހޭ މައުލޫމާތުތަކުން ދައްކައެވެ. އެންމެ ފަހުން ހަވާއީގެ ރަށަކަށް ސީދާ ތޫފާނެއް އަރާފައިވަނީ 1992 ވަނަ އަހަރު ކައުއާއީއަށް އަރައި ބޮޑެތި ގެއްލުންތަކެއް ދިން ކެޓަގަރީ 4 ގެ "އިނިކީ" ތޫފާނެވެ.

އެމެރިކާގެ ނޭޝަނަލް ވެދަރ ސަރވިސް އިން ލަފާކުރާ ގޮތުގައި، މި ތޫފާނުގެ ސަބަބުން 63 ސެންޓިމީޓަރު (25 އިންޗި) ގެ ބޯ ވާރޭ ވެހުމުގެ ފުރުސަތު އެބައޮތެވެ. އަދި ކަނޑުގެ ރާޅުތައް 3 ފޫޓަށް އުފުލި، ފެންބޮޑުވުމާއި ފަސްގަނޑު ކަނޑައިގެން ދިއުން ފަދަ ނުރައްކާވާ ފަދަ ހާދިސާތައް ހިނގާފާނެ ކަމުގެ އިންޒާރު ވަނީ ނެރެފައެވެ.

މި ތޫފާނުގެ އަސަރު މިހާރުވެސް ދަނީ ފެންނަމުންނެވެ. ހަވާއީގެ 37،000 އަށްވުރެ ގިނަ ގޭބިސީން ކަރަންޓުގެ ޚިދުމަތް ކެނޑިފައިވާއިރު، ވައިގެ ދަތުރުފަތުރަށްވެސް ވަނީ ބޮޑެތި ބުރޫތަކެއް އެރިފައެވެ. ބިގް އައިލެންޑްގެ އެންމެ ބޮޑު ދެ އެއާޕޯޓް ކަމަށްވާ ކޯނާ އިންޓަނޭޝަނަލް އެއާޕޯޓުން %40 އަދި ހިލޯ އިންޓަނޭޝަނަލް އެއާޕޯޓުން %80 ފްލައިޓް ވަނީ ކެންސަލްކޮށްފައެވެ.

ބިގް އައިލެންޑްގެ ހިލޯ ސަރަހައްދުގައި ދިރިއުޅޭ މީޓިއޮ ރޮލޮޖިސްޓެއް ކަމަށްވާ ޖެނިފަރ މޭޔަރސް ބުނި ގޮތުގައި، ގަސްތައް ވެއްޓި ކަރަންޓު ލައިންތައް ވަނީ ހަލާކުވެފައެވެ. އަދި ބޯކޮށް ވާރޭވެހުމުގެ ސަބަބުން ކޯރުތަކުގެ ފެންގަނޑު ބޮޑުވެ، ފަސްގަނޑު ފައިބަމުންދާތީ ފެނުގެ ކުލަ ވަނީ ރަތްވެފައެވެ.

ހަވާއީގެ ސިވިލް ޑިފެންސް އޭޖެންސީން ވަނީ ބިގް އައިލެންޑްގެ ހުރިހާ ސަރަހައްދެއްގައި ރައްކާތެރިކަމުގެ ޝެލްޓަރުތައް ގާއިމުކޮށް، އާންމުން ގޭގޭގައި ރައްކާތެރިވެ ތިބުމުގެ ޕްލޭންތަކަށް އަމަލުކުރުމަށް އަންގާފައެވެ.

މި އަހަރަކީ އެމެރިކާ ސަރަހައްދަށް ތޫފާންތައް އަންނަ މިންވަރު މަދު އަހަރެއްގެ ގޮތުގައި ކުރިން ލަފާކުރެވުނު އަހަރެކެވެ. ނަމަވެސް، ޕެސިފިކް ކަނޑުގައި "އެލް ނީނިއޯ" އުފެދުމުގެ ސަބަބުން މިދިޔަ ޖުލައި މަހު ކަނޑުގެ ހޫނުމިން ވަނީ އާދަޔ ާ ޚިލާފަށް މައްޗަށް ގޮސްފައެވެ.

ހިއްސާ ކުރައްވާ!