އެމެރިކާ ސަފީރު ބޭރުކުރުމަށް އެދި ގިނަ ބަޔަކު ޕެޓިޝަނެއްގައި ސޮއިކޮށްފި

އެމެރިކާއިން ކެނެޑާއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޕީޓް ހުކްސްޓްރާ، ކެނެޑާގެ ދާޚިލީ ކަންކަމުގެ ތެރެއަށް ނުފޫޒު ފޯރުވަން އުޅުއްވާ ކަމަށް ތުހުމަތުކޮށް، އޭނާއަކީ ބަލައި ގަނެވޭނެ މީހެއް ނޫން ކަމަށް ކަނޑައަޅައި ގައުމުން ބޭރުކުރުމަށް އެދި ކެނެޑާގެ 100،000 އަށްވުރެ ގިނަ ރައްޔިތުން ސޮއިކޮށް ގާނޫނުހަދާ މަޖިލީހަށް ޕެޓިޝަނެއް ހުށަހަޅައިފިއެވެ.

ސަފީރު ހުކްސްޓްރާ ވަނީ ޑިޕްލޮމެޓިކް ގުޅުންތަކާ ބެހޭ ވިއެންނާ ކޮންވެންޝަނާ ޚިލާފަށް ސިޔާސީ ކަންކަމުގައި ވާހަކަައްކަވާފައި ކަމަށް ކެނެޑާގެ ހައުސް އޮފް ކޮމަންސްގެ ރަސްމީ ޕެޓިޝަން ޕޯޓަލް މެދުވެރިކޮށް ހުށަހެޅި މި އިލްތިމާސްގައި، ތުހުމަތުކޮށްފައިވެއެވެ.

ޚާއްޞަކޮށް، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ކެނެޑާއަކީ އެމެރިކާގެ 51 ވަނަ ސްޓޭޓު ކަމަށް ހެދުމަށް ދައްކަވާ ވާހަކަފުޅުތަކަށް ސަފީރު ތާއީދުކުރައްވައި، އެއީ ދެ ގައުމުގެ ވެރިންގެ މެދުގައި ބަހުސްކުރެވިދާނެ "ރަނގަޅު މައުޟޫއެއް" ކަމަށް ވިދާޅުވުމުން ކެނެޑާގެ އާންމުންގެ ނުރުހުން ވަނީ އިންތިހާއަށް ބޮޑުވެފައެވެ.

އާންމު ރައްޔިތެއް ކަމަށްވާ ލީ ވޯކަރ އިސްވެ ހުށަހެޅި މި ޕެޓިޝަން މި އަހަރުގެ ފަހުކޮޅު ގާނޫނުހަދާ މަޖިލީހަށް ރަސްމީކޮށް ހުށަހެޅުމަށް ހަމަޖެހިފައިވަނީ ގްރީން ޕާޓީގެ ލީޑަރު އެލިޒަބެތު މޭ މެދުވެރިކޮށެވެ. މި އިލްތިމާސްގައި ކެނެޑާގެ ސަރުކާރަށް ގޮވާލާފައިވަނީ:

  • 1. ސަފީރު ޕީޓް ހުކްސްޓްރާއަކީ "ޕާސޯނާ ނޮން ގްރާޓާ" އެއް ކަމަށް ކަނޑައަޅައި، އޭނާ ބޭރު ކުރުމަށް އެމެރިކާ ސަރުކާރުގައި އެދުން.
    2. ޑިޕްލޮމެޓިކް އަދަބުތަކާ ޚިލާފަށް ސަފީރު އަމަލުކުރައްވަމުންދާ މައްސަލަ އެމެރިކާގެ ސަރުކާރުގެ ސަމާލުކަމަށް ރަސްމީކޮށް ގެނައުން.
    3. ކެނެޑާގެ ދާޚިލީ ކަންކަމަށް އެމެރިކާގެ ސަފީރު ނުފޫޒު ފޯރުވަމުންދާ މިންވަރު ތަހުގީގުކުރުމަށް މަޖިލީހުގެ ކޮމިޓީއަކަށް އަމުރުކުރުން.

މީގެ އިތުރުން، ވަކިވެގަތުމަށް މަސައްކަތްކުރާ ފަރާތްތަކާ އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުގެ އޮފިޝަލުން ބައްދަލުކުރައްވާފައިވާ މައްސަލައާއި، އެފަދަ ހަރަކާތްތަކަށް އެހީތެރިވާ ސޮފްޓްވެއާއަކާ ސަފީރާ ގުޅުންހުރި ކަމަށް ކުރެވޭ ތުހުމަތުތައްވެސް މި ޕެޓިޝަންގައި ފާހަގަކޮށްފައިވެއެވެ. ނަމަވެސް، ސަފީރު ހުކްސްޓްރާ ވަނީ އެފަދަ ބައްދަލުވުންތަކުގެ މައުލޫމާތު އެނގިވަޑައިނުގަންނަވާ ކަމަށް ވިދާޅުވެ، އެ ތުހުމަތުތައް ދޮގުކުރައްވާފައެވެ.

އެމެރިކާގެ ރިޕަބްލިކަން ޕާޓީއަށް ނިސްބަތްވެވަޑައިގަންނަވާ އަދި ރައީސް ޓްރަމްޕްގެ އަރިސް ބޭފުޅެއް ކަމަށްވާ ހުކްސްޓްރާ މީގެ ކުރިން ވިދާޅުވެފައިވަނީ، އޭނާގެ މަސްއޫލިއްޔަތަކީ އެމެރިކާގެ ރައީސްގެ ސިޔާސަތުތައް ކެނެޑާގައި ތަމްސީލުކުރުން ކަމަށެވެ. އަދި ދެ ގައުމުގެ މެދުގައި އޮތް ވިޔަފާރިއާއި އިގްތިސާދީ ގުޅުންތަކަކީ ނުހަނު މުހިންމު ކަންކަން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ކެނެޑާގެ ގާނޫނުތައް ހަމަޖެހިފައިވާ ގޮތުން، ގާނޫނުހަދާ މަޖިލީހަށް މިފަދަ އިލްތިމާސެއް ރަސްމީކޮށް ހުށަހެޅޭތާ 45 ދުވަހުގެ ތެރޭގައި ސަރުކާރުން އެކަމަށް ލިޔުމުން ޖަވާބެއް ދޭންޖެހޭނެއެވެ.

ސަފީރު ފޮނުވާލުމުގެ ފުރުސަތު ކުޑަނަމަވެސް، މިއީ އެމެރިކާގެ ޚާރިޖީ ސިޔާސަތާމެދު ކެނެޑާގެ އާންމުންގެ މެދުގައި އޮތް ނުރުހުން ހާމަކޮށްދޭ ބާރުގަދަ މެސެޖެކެވެ.

ހިއްސާ ކުރައްވާ!