އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، އީރާނާއެކު ނިއުކްލިއާ އެއްބަސްވުމަކާ ނުލައިވެސް ހަނގުރާމަ ނިންމާލުމަށް ތައްޔާރުވެވަޑައިގަންނަވަމުންދާ ކަމަށް ވައިޓް ހައުސްގެ އިސް މަސްއޫލުވެރިންނާ ހަވާލާދީ ނިއުސް ރިޕޯޓުތައް ބުނެފިއެވެ. ނަމަވެސް، ދުނިޔޭގެ ހަކަތައިގެ ވިޔަފާރިއަށް އެންމެ މުހިންމު ހުރްމުޒް ކަނޑުއޮޅި އަލުން ހުޅުވާލުމަށް އީރާނުން ހުށަހެޅި އާ ޝަރުތުތަކުގެ ސަބަބުން އެމެރިކާއަށް ހަނގުރާމައިން ވަކިވުމަށް ކުރާ މަސައްކަތްތަކަށް ވަނީ ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައެވެ.
މަސްދަރުތަކުން ބުނާ ގޮތުގައި، ޓްރަމްޕްގެ ސަރުކާރުން ކުރިން ނިންމާފައި އޮތީ ހުރްމުޒް ކަނޑުއޮޅިން ވިޔަފާރި ބޯޓު ފަހަރަށް ދަތުރުކުރެވޭނެ މަގު އީރާނުން އާންމު ހާލަތަކަށް ގެނެސްދީފިނަމަ ނިއުކްލިއާ އެއްބަސްވުމެއް ނެތްކަމުގައި ވިޔަސް ނަޞްރު އިއުލާންކޮށް މަސްރަހު ފިނިކޮށް ލާށެވެ .
އެހެންނަމަވެސް، ތެހެރާނުން މިހާރު ވަނީ އެ ކަނޑުއޮޅި ހުޅުވުމުގެ ބަދަލުގައި އެމެރިކާއިން ބޮޑެތި ދޫތަކެއް ދިނުމަށް ޝަރުތުކޮށްފައެވެ.
އީރާނުގެ ސުޕްރީމް ނޭޝަނަލް ސެކިއުރިޓީ ކައުންސިލުގެ ސެކްރެޓަރީ މުހައްމަދު ބާގިރު ޒުލްގަދްރު ވިދާޅުވީ، ހުރްމުޒް ކަނޑުއޮޅި އަލުން ހުޅުވާލެވޭނީ އެމެރިކާއިން ކުރާ ހަނގުރާމަ ދާއިމީކޮށް ހުއްޓާލައި، ކަނޑުގެ ބަންދު އުވާލައި، ސަރަހައްދުގައިވާ އެމެރިކާގެ ސިފައިން ބޭރުކޮށް، އަދި ހަނގުރާމައިގެ ގެއްލުމުގެ ބަދަލުގެ ގޮތުގައި ބިލިއަން ޑޮލަރު ދިނުމުން ކަމަށެވެ. މީގެ އިތުރުން އެމެރިކާއިން ހިފަހައްޓާފައިވާ އީރާނުގެ މާލީ ވަސީލަތްތައް ދޫކޮށްލުމަށްވެސް އީރާނުން ވަނީ ދައުވާކޮށްފައެވެ.
މި ގޮންޖެހުންތަކާއެކުވެސް ޓްރަމްޕް ވަނީ އީރާނުގެ ނިއުކްލިއާ މަރުކަޒުތަކަށް ދެވުނު ހަމަލާތަކުގައި އެ ގައުމުގެ އެޓޮމިކް ގާބިލުކަމަށް ބޮޑެތި ގެއްލުންތަކެއް ދެވިފައިވާ ކަމަށް ގަބޫލުކުރައްވާފައެވެ. އެހެންކަމުން، ސިޔާސީ ގޮތުންނާއި އަސްކަރީ ގޮތުން ހަނގުރާމައިގެ ނިމުން އިއުލާންކުރުމަށް ޓްރަމްޕް ޝައުގުވެރިކަން ދައްކަވާފައިވާ ކަމަށް މަސްދަރުތަކުން ބުނެއެވެ. ނަމަވެސް، ތެހެރާންގެ ޝަރުތުތަކުގެ ސަބަބުން، ވޮޝިންގްޓަނަށް އަބުރުވެރި ގޮތެއްގައި މި ހަނގުރާމައިން ވަކިވުމުގެ ފުރުސަތު ކުޑަވަމުންދާ ކަމަށް ފާހަގަކުރެއެވެ.





