ޔަހޫދީ ރެޖީމްގައި އޮކްޓޯބަރު 27 ގައި ބާއްވާ އިންތިޚާބާއި އެމެރިކާގެ ކޮންގްރެސްގެ ނޮވެމްބަރުގެ މިޑްޓާމް އިންތިޚާބަކީ މެދުއީރުމަތީގެ މަސްރަހަށާއި، ޚާއްޞަކޮށް ޣައްޒާއާއި އީރާނާ ދެމެދު ހިނގަމުންދާ ހަނގުރާމައިގެ މުސްތަގުބަލަށް ބޮޑެތި ބަދަލުތަކެއް އަތުވެދާނެ ދެ ހަރަކާތެވެ.
މި ދެ އިންތިޚާބުގެ ނަތީޖާއިން ސަރަހައްދީ ސިޔާސަތުތަކަށް ސީދާ އަސަރުކުރާނެ ކަމަށް ބެލެވޭއިރު، އިންތިޚާބާ ހަމައަށް ހިނގާ އިންތިގާލީ މުއްދަތުގައި ބެންޖަމިން ނަތަންޔާހޫގެ ސަރުކާރުން ހަނގުރާމައިގެ ހަމަލާތައް އިތުރަށް ވަރުގަދަކުރާނެ ކަމުގެ ނިޝާންތައް ދަނީ ފެންނަމުންނެވެ. ނަތަންޔާހޫ ގަބޫލުކުރާ ގޮތުގައި ހަނގުރާމައިގެ ހާލަތެއްގައި އިންތިޚާބަށް ކުރިމަތިލުމަކީ އޭނާގެ ސިޔާސީ މަގާމު ވަރުގަދަވެ، ވެރިކަމުގައި ދެމިއިނުމަށް ލިބޭ ފުރުސަތެކެވެ.
އިސްރާއީލުގެ ސިޔާސީ މަސްރަހުގައި ކަނާތުފިޔައިގެ ޓެރަރިސްޓް ފިކުރު ބޮޑުވަމުންދާއިރު، އެ ގައުމުގެ އެތެރޭގައި އުޅޭ އަސްލު ފަލަސްޠީނުގެ ޢަރަބި ދަރިކޮޅުގެ އާބާދީގެ ވޯޓަކީ ސަރުކާރެއް އެކުލަވާލުމުގައި ނިންމާނެ މުހިންމު ބާރަކަށް ވެވިދާނެއެވެ.
އިސްރާއީލުގެ އާބާދީގެ 20 އިންސައްތައަށްވުރެ ބޮޑު ބައެއް ހިއްސާކުރާ ފަލަސްޠީނުގެ ޢަރަބިން އެއް ބައެއްގެ ގޮތުގައި ވޯޓުދީފިނަމަ، ކެނެސެޓުން 16 ނުވަތަ 17 ގޮނޑި ކާމިޔާބުކޮށް ސިޔާސީ ގޮތުން ބޮޑު ނުފޫޒެއް ފޯރުވުމުގެ ފުރުސަތު އޮވެއެވެ. ނަމަވެސް، ޢަރަބި ސިޔާސީ ޕާޓީތަކުގެ މެދުގައި އުފެދިފައިވާ ބައިބައިވުމާއި، އިންތިޚާބު ބައިކޮޓްކުރުމަށް ކުރެވޭ އިލްތިމާސްތަކުގެ ސަބަބުން މި ފުރުސަތުގެ ބޭނުން ހިފުމަށް ވަނީ ހުރަސްތަކެއް ކުރިމަތިވެފައެވެ.
އަނެއްކޮޅުން، އެމެރިކާގެ ސިޔާސީ މަސްރަހުގައި އާންމުންގެ ވިސްނުމަށް އަންނަ ބަދަލުތަކުގެ ސަބަބުން އިސްރާއީލަށް އޮތް ތާއީދު ކުޑަވަމުން ދެއެވެ.
ނިއުޔޯކް އަދި މިޝިގަން ފަދަ ސިޓީތަކުގައި މުސްލިމް އަދި ޢަރަބި ކެންޑިޑޭޓުން ހޯދަމުންދާ ކާމިޔާބީތަކާއި، އިސްރާއީލަށް ތާއީދުކުރާ ލޮބީ ގްރޫޕް ގެ އައިޕެކް ޖަމއަތުގެ ނުފޫޒާ ދެކޮޅަށް އާންމުން ތެދުވުމަކީ އެމެރިކާގެ ޚާރިޖީ ސިޔާސަތަށް ބަދަލުތަކެއް އައިސްދާނެ ކަމުގެ ނިޝާނެކެވެ.
ކޮންގްރެސްގެ މިޑްޓާމް އިންތިޚާބުގައި ޑިމޮކްރެޓުންނަށް އަޣުލަބިއްޔަތު ލިބިއްޖެނަމަ، ރައީސް ޓްރަމްޕްގެ އިދާރާއިން އީރާނާ ދެކޮޅަށް ކުރިއަށްދާ ހަނގުރާމައަށް ހުރަސްއެޅި، މެދުއީރުމަތީގެ ހަނގުރާމަތައް ހުއްޓުވުމަށް އެމެރިކާގެ މަޖިލީހުން ފިއްތުންތައް ކުރިމަތި ކޮށްފާނެއެވެ.






