އިންޑިއާއަށް ފަޚުރުވެރިވުމަށް އެންމެންވެސް މަސައްކަތްކުރުމަށް ޝާހްރުކް ޚާން ގޮވާލައިފި

އިންޑިއާގެ ރައްޔިތަކަށްވުމީ ޚާއްޞަ އިޙްސާސެއް ކުރެވޭ ކަމެއް ކަމަށާއި، މުޅި ގައުމު ފަޚުރުވެރިވާފަދަ ކަންކަން ކުރުމަށް އެންމެންވެސް މަސައްކަތް ކުރަންޖެހޭ ކަމަށް ބޮލީވުޑްގެ މަޝްހޫރު އެކްޓަރު ޝާހްރުކް ޚާން ބުނެފިއެވެ.

އިންޑިއާގެ 80 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ސޯޝަލް މީޑިއާ އެކްސް މެދުވެރިކޮށް އާންމުކުރި ޚާއްޞަ މެސެޖެއްގައި ޝާހްރުކް ވަނީ ގައުމީ އެއްބައިވަންތަކަމާއި، އިންޑިއާގެ ތަފާތު ސަގާފަތްތަކާއި އާދަކާދަތަކުގެ މައްޗަށް އަލިއަޅުވާލާފައެވެ.

"އެންމެހާ ފަރާތްތަކަށް މިނިވަން ދުވަހުގެ ތަހުނިޔާ އަރިސްކުރަން. އިންޑިއާގެ ރައްޔިތަކަށްވުމުގައި ވަރަށް ޚާއްޞަ ކަންތައްތަކެއް އެކުލެވިގެންވޭ. އެކި ކުލަތަކާއި، ތަފާތުތަކާއި، ރީތި ވަކިވަކި ކަންކަމުގެ އިތުރުން، އެންމެ މުހިންމު ކަމަކީ އަހަރެމެންގެ އަމިއްލަ ނަފްސަށްވުރެ އަހަރެމެންގެ ގައުމަށް ނިސްބަތްވާކަމުގެ އިޙްސާސް ކުރެވުން،" ހުދު ކުލައިގެ ކުރުތާއެއްގައި  ހުރި ފޮޓޯއަކާއެކު އޭނާ ލިޔެފައިވެއެވެ.

ޝާހްރުކް އިތުރަށް ބުނީ، ލިބިފައިވާ މި މިނިވަންކަމާއި ގައުމީ އެއްބައިވަންތަކަމުގެ އަގު އަބަދުވެސް ވަޒަންކުރަންޖެހޭ ކަމަށެވެ. އަދި އަމިއްލަ ގައުމަށްޓަކައި ކޮންމެ މީހަކުވެސް ކުޑަނަމަވެސް ޚިދުމަތެއްކޮށް، ގައުމު ފަޚުރުވެރިކޮށްދިނުމަށް އޭނާ އިލްތިމާސްކުރިއެވެ.

"އިންޑިއާގެ ރައްޔިތަކަށްވީތީ އަހަރެން ފަޚުރުވެރިވަން. އަދި އިންޑިއާ ރައްޔިތެއްގެ ގޮތުގައި ހުރުމަށް އިންތިހާއަށް ލޯބިކުރަން. ޖައި ހިންދު!" މެސެޖު ނިންމާލަމުން ޝާހްރުކް ލިޔެފައިވެއެވެ.

މި މެސެޖާއެކު އާންމުންގެ ބޮޑު ތަރުހީބެއް އޭނާއަށް ލިބެމުންދާއިރު، ފިލްމީ ދާއިރާގައިވެސް ޝާހްރުކް ދަނީ އޭނާގެ ކުރިއަށް އޮތް ބޮޑު މަޝްރޫޢަށް ތައްޔާރުވަމުންނެވެ. އެގޮތުން ޑައިރެކްޓަރު ސިއްދާތު އާނަންދު އުފައްދާ އެކްޝަން ތުރިލާ ފިލްމު "ކިންގް" އިން ޝާހްރުކް ފެނިގެންދާނެއެވެ.

މި ފިލްމަކީ 2023 ވަނަ އަހަރު ނުކުތް "ޑަންކީ" އަށްފަހު ސިނަމާތަކަށް އޭނާ ފެންނަ ފުރަތަމަ ފިލްމެވެ. މި ފިލްމުގައި އޭނާގެ ދަރިފުޅު ސުހާނާ ޚާންގެ އިތުރުން ދީޕިކާ ޕަޑުކޯން، އަބީޝެކް ބައްޗަން، އަދި އަނިލް ކަޕޫރު ފަދަ މަޝްހޫރު ގިނަ ތަރިންތަކެއް ބައިވެރިވެއެވެ. ރެޑް ޗިލީސް އެންޓަޓެއިންމަންޓުން ޕްރޮޑިއުސްކުރާ މި ފިލްމު ރިލީޒްކުރުމަށް ހަމަޖެހިފައިވަނީ 24 ޑިސެމްބަރު 2026 ގައެވެ.

ހިއްސާ ކުރައްވާ!