އެމެރިކާ ސިފައިން ދެކުނު ކޮރެއާއާއެކު ބާއްވަމުން އަންނަ ގުޅިފައިވާ އަސްކަރީ ތަމްރީނުތަކުގައި އުތުރު ކޮރެއާ ރުޅި އަންނަ ގޮތަށް ކަންކަން ނުކުރުމަށް ޓްރަމްޕް އަންގަވައިފިއެވެ. ޓްރަމްޕް މިގޮތަށް އެންގެވީ އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮންގް އުންއާއެކު އޮތް "ވަރަށް ރަނގަޅު ގުޅުމުގެ" ސަބަބުން ކަމަށް ވިދާޅުވެފައެވެ.
ޓްރަމްޕްގެ ފުރަތަމަ ރިޔާސީ ދައުރުގައިވެސް އުތުރު ކޮރެއާއާއެކު ސުލްހައިގެ ވާހަކަތައް ކުރިއަށްގެންދިއުމުގެ ބޭނުމުގައި، ދެކުނު ކޮރެއާއާއެކު ބާއްވާ ބޮޑެތި އަސްކަރީ ހަރަކާތްތައް މެދުކަނޑާލުމަށް މަސައްކަތްޕުޅު ކުރެއްވިއެވެ.
ދެކުނު ކޮރެއާ އާއި އެމެރިކާގެ އަސްކަރީ ތަމްރީނުތައް މަދުކުރުމަކީ އުތުރު ކޮރެއާއިން އެކަމަށް އެންމެ ބޮޑަށް އެދެމުންދާ އެއް ކަންތަކެވެ. އުތުރު ކޮރެއާއިން އަބަދުވެސް ތުހުމަތުކުރާ ގޮތުގައި އެމެރިކާ އާއި ދެކުނު ކޮރެއާގެ ގުޅިފައިވާ އަސްކަރީ ތަމްރީނުތަކަކީ އެ ގައުމަށް ޙަމަލާދީ އިސްތިއުމާރުކުރުމަށް ވަމުންދާ ތައްޔާރީތަކެކެވެ.






