އެމެރިކާގެ އިގުތިޞާދީ ޙާލަތާއި ދިރިއުޅުމުގެ ޚަރަދުތައް ބޮޑުވަމުންދިއުމުގެ ސަބަބުން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް އަމިއްލަ ޕާޓީ، ރިޕަބްލިކަން ޕާޓީގެ މެންބަރުންގެ މެދުގައި އޮތް ތާއީދު ފާއިތުވި މަހެއްހާ ދުވަހުގެ ތެރޭގައި 8 އިންސައްތަ ދަށަށް ގޮސްފައިވާކަން ޚިޔާލު ހޯދުމުގެ އާ ސަވޭއަކުން ހާމަވެއްޖެއެވެ.
ފައިނޭންޝިއަލް ټައިމްސް އާއި ފޯކަލްޑޭޓާ ގުޅިގެން ކުރިއަށްގެންދިޔަ މި ސަވޭއިން ދައްކާ ގޮތުގައި، 2025 ވަނަ އަހަރުގެ ޖެނުއަރީ މަހު ޓްރަމްޕް ދެވަނަ ދައުރަކަށް ވެރިކަމަށް ވަޑައިގެންނެވި ފަހުން އެމެރިކާގެ ރަޖިސްޓްރީ ކުރެވިފައިވާ ވޯޓަރުންގެ 53 އިންސައްތައަށްވުރެ ގިނަ މީހުންގެ މާލީ ޙާލަތު ވަނީ އިތުރަށް ގޯސްވެފައެވެ. މީގެ ތެރޭގައި ވަކި ޕާޓީއަކަށް ތާއީދުނުކުރާ ސިޔާސީ ގޮތުން މިނިވަން ވޯޓަރުންގެ 57 އިންސައްތައާއި، ރިޕަބްލިކަން ޕާޓީގެ މެންބަރުންގެ ތެރެއިން ގާތްގަނޑަކަށް 25 އިންސައްތަ ހިމެނެއެވެ.
މި ނަތީޖާތައް އާންމުވެފައި މިވަނީ އެމެރިކާގެ ގާނޫނުހަދާ މަޖިލީހުގެ ކޮންގްރެސްގެ މެޖޯރިޓީ ދެމެހެއްޓުމަށް ރިޕަބްލިކަން ޕާޓީން މަސައްކަތް ކުރަމުންދާ 2026 ވަނަ އަހަރުގެ މިޑްޓަރމް އިންތިޚާބަށް ކައިރިވެފައި އޮއްވައެވެ. ސަރުކާރުން ޓްރަމްޕްގެ އިގުތިޞާދީ ކާމިޔާބީތައް އިޝްތިހާރު ކުރަމުންދިޔަ ނަމަވެސް، އާންމުންގެ މެދުގައި ނުތަނަވަސްކަން ވަނީ ބޮޑުވެފައެވެ.
އޮގަސްޓް 7 އިން 10 އަށް 1,913 ރަޖިސްޓްރީ ކުރެވިފައިވާ ވޯޓަރުންގެ މެދުގައި ކުރިއަށްގެންދިޔަ މި ސަވޭއިން އެނގޭ ގޮތުގައި، ވޯޓަރުންގެ 55 އިންސައްތަ މީހުން ޓްރަމްޕްގެ ވެރިކަމުގެ މަސައްކަތްތަކަށް ތާއީދެއް ނުކުރެއެވެ. މީގެ އިތުރުން، އިންފްލޭޝަނާއި، ދިރިއުޅުމުގެ ޚަރަދުތަކާއި، ވަޒީފާގެ ފުރުޞަތުތަކުގެ އިތުރުން އިގުތިޞާދީ މައްސަލަތަކުގައި އާންމުން މިހާރު އިތުބާރު ކުރަނީ ރިޕަބްލިކަން ޕާޓީއަށްވުރެ ބޮޑަށް ޑިމޮކްރެޓިކް ޕާޓީއަށްކަން ސަވޭއިން ފާހަގަކުރެވުނެވެ. މިއީ އާންމުކޮށް ރިޕަބްލިކަން ޕާޓީ ކުރީގައި އުޅޭ ދާއިރާތަކެކެވެ.
އިގުތިޞާދީ ޙާލަތާމެދު އާންމުންގެ މެދުގައި އުފެދިފައިވާ ކަންބޮޑުވުންތަކަށް އިޝާރާތް ކުރައްވައި، ނެބްރާސްކާގެ ރިޕަބްލިކަން ކޮންގްރެސް މެންބަރު ޑޮން ބޭކަން ވަނީ ރައީސް ޓްރަމްޕްގެ އިގުތިޞާދީ މެސެޖުތަކަށް ފާޑުވިދާޅުވެފައެވެ. ސީބީއެސް ނިއުސްގެ "ފޭސް ދަ ނޭޝަން" ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ބޭކަން ވިދާޅުވީ، އާންމު ރައްޔިތުން ތަހައްމަލުކުރަމުންދާ މާލީ ދަތިތައް ރައީސްއަށް ސާފުކޮށް އިޙްސާސްވާކަން އަންގައިދިނުމުގައި ސަރުކާރު ނުކުޅެދިފައިވާ ކަމަށެވެ..
މި ފާޑުކިޔުންތަކާ ގުޅިގެން ވައިޓް ހައުސްގެ ތަރުޖަމާނު ކުޝް ދެސާއީ އަންކާރާ އެޖެންސީ އަށް ދެއްވި ބަޔާނެއްގައި ވިދާޅުވީ، ޓްރަމްޕްގެ ސަރުކާރުން ދަނީ ބޭހުގެ އަގުތައް ހެޔޮކުރުމަށާއި، އެމެރިކާގެ ވަޒީފާތައް އިއާދަކުރުމަށާއި، ޓެކްސް ކުޑަކުރުމަށްޓަކައި ވެފައިވާ ވައުދުތައް ފުރިހަމައަށް އަދާ ކުރަމުން ކަމަށެވެ. އަދި ކުރީގެ ރައީސް ޖޯ ބައިޑަންގެ ވެރިކަމުގައި އުފެދުނު އިގުތިޞާދީ މައްސަލަތަކުން ގައުމު ސަލާމަތްކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ނަތީޖާ ފެންނަމުންދާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ޖުލައި މަހުގެ ސަރުކާރުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި އިންފްލޭޝަން ހުރީ 3.4 އިންސައްތައިގައެވެ. އިންތިޚާބު ކައިރިވަމުންދާއިރު، އިގުތިޞާދީ ދަތިތަކާއި އިންފްލޭޝަންގެ މައްސަލައަކީ ވޯޓަރުން ނިންމުންތައް ނިންމުމުގައި އެންމެ ބޮޑަށް ބަލާނެ ކަންތައްތަކަށް ވެގެންދާނެއެވެ.







