އިނގިރޭސި ޝަރުޢީ ނިޒާމުގެ ތެރެއިން ފަލަސްޠީން އެކްޝަން ނައްތާލުމަށް ޚާއްޞަ އުކުޅުތަކެއް ބޭނުންކުރަނީ: ރިޕޯޓް

އިނގިރޭސިވިލާތުގެ ޝަރުޢީ ނިޒާމުގެ ނުފޫޒާއި ބާރު ބޭނުންކޮށްގެން، ފަލަސްޠީނުގެ ޙައްޤުތަކަށް ވަކާލާތުކުރާ އިނގިރޭސިވިލާތުގެ "ފަލަސްޠީން އެކްޝަން" ޙަރަކާތުގެ ޙަރަކާތްތައް ހުއްޓުވައި، އެ ޖަމާޢަތް ނައްތާލުމަށް އިނގިރޭސި ސަރުކާރުން ރޭވުންތެރިކަމާއެކު ޚާއްޞަ ސިޔާސަތުތަކެއް ތަންފީޒުކުރަމުންދާކަން ދަ ގްރޭޒޯން ގެ ތަޙުޤީޤީ ރިޕޯޓަކުން ހާމަވެއްޖެއެވެ.

އިންސާނީ ޙައްޤުތަކަށް މަސައްކަތްކުރާ ފަރާތްތަކާއި ޤާނޫނީ މުހައްލިލުންގެ ކަންބޮޑުވުންތަކަށް އަލިއަޅުވާލައި ނެރުނު މި ރިޕޯޓުގައިވާ ގޮތުން، އިނގިރޭސި ސަރުކާރުން ދަނީ ދުނިޔޭގެ އެކި ކަންކޮޅުތަކުން ކުރިމަތިވަމުންދާ ފާޑުކިޔުންތަކުން ދިފާޢުވުމަށްޓަކައި އެ ޙަރަކާތަކީ "ޓެރަރިސްޓް ޖަމާޢަތެއް" ގެ ގޮތުގައި ސިފަކޮށް، ޝަރީޢަތްތަކުގައިވެސް އެފަދަ މަގުން އަމަލުކުރަމުންނެވެ. މިގޮތުން ޓެރަރިޒަމްގެ ޤާނޫނީ މާނަކުރުންތައް ފުޅާކޮށް، ސަރުކާރުގެ ސިޔާސަތުތަކަށް "ނުފޫޒު ފޯރުވަން ކުރާ ކަންކަމަކީ" ޓެރަރިޒަމްގެ ޢަމަލުތަކެއްގެ ގޮތުގައި މާނަކުރަން ފަށާފައިވާކަން ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.

މި ރިޕޯޓުގައިވާ ގޮތުން، ކޯޓުތަކުގައި ދިފާޢީ ވަކީލުންނާއި ޙަރަކާތްތެރިން އެމީހުންގެ ސިޔާސީ އަދި އަޚްލާޤީ ނިޔަތް ޖޫރީއަށް ބަޔާންކޮށްދިނުން ހުއްޓުވުމަށްޓަކައި ޤާނޫނީ ގޮތުން އަނގަބަންދުކުރުމުގެ އުކުޅުތައް ބޭނުންކުރެވެއެވެ. ދިފާޢުގައި އެފަދަ މައުލޫމާތެއް ހާމަކުރަން އުޅެފިނަމަ، މައްސަލައަށް "ޓެރަރިޒަމްގެ ގުޅުމެއް" އޮތްކަމަށް ކަނޑައަޅައި އަދަބު ބޮޑުކުރާނެކަމުގެ އިންޒާރުދީ، ބިރުދައްކާކަމަށްވެސް ރިޕޯޓުގައި ބުނެފައިވެއެވެ.

މީގެ އިތުރުން، ޝަރީޢަތުގެ އިބްތިދާއީ އަޑުއެހުންތަކާއި ކޯޓުރޫމްތަކުގައި ފަނޑިޔާރުން ނިންމަވާ ނިންމެވުންތައް ޚަބަރު ފަތުރާ ވަސީލަތްތަކުގައި ޝާޢިއުކުރުން މަނާކޮށް، މަޢުލޫމާތު އާންމުވިޔަނުދިނުމަށް "މީޑިއާ ބްލެކްއައުޓް" ނުވަތަ ޚަބަރު އާންމުކުރުން މަނާކުރުމުގެ އަމުރުތައް ނެރެމުންދާކަން ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.

އިނގިރޭސި ޝަރުޢީ ނިޒާމުގެ ތެރެއިން މި ޙަރަކާތްތެރިން ސިފަކުރަނީ "ނުރައްކާތެރި ޖަރީމާތައް ހިންގާ ބަޔެއްގެ" ގޮތުގައެވެ. އަދި އެފަރާތްތަކުން ހިންގާ ޞުލްޙަވެރި އިޙްތިޖާޖުތަކާއި ސިވިލް ޑިސްއޮބީޑިއެންސްގެ ޙަރަކާތްތަކަކީ "އިންތިޒާމުވެގެން ހިންގާ އަނިޔާވެރި ކެމްޕޭނެއް" ކަމަށް ދެއްކުމަށް ޤާނޫނީ ސިފަޖައްސަމުންދާކަމަށް ދަ ގްރޭޒޯންގެ ރިޕޯޓުގައި ބުނެފައިވެއެވެ.

މި މައްސަލައާ ގުޅިގެން އަމްނެސްޓީ އިންޓަނޭޝަނަލް އާއި ހިއުމަން ރައިޓްސް ވޮޗ ފަދަ ބައިނަލްއަޤްވާމީ ޖަމްޢިއްޔާތަކުންނާއި އދ. ގެ ކަމާބެހޭ މާހިރުން ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އެފަރާތްތަކުން ފާހަގަކުރާ ގޮތުގައި ޓެރަރިޒަމްގެ ޤާނޫނުތައް  ބޭނުންކޮށްގެން ޚިޔާލުފާޅުކުރުމުގެ މިނިވަންކަމާއި އިޙްތިޖާޖުކުރުމުގެ ޙައްޤު ހަނިކުރުމަކީ ނުރައްކާތެރި އުޞޫލެކެވެ.

ހިއްސާ ކުރައްވާ!