ސަރުކާރުން ރަޝިއާއާއެކު މަތީ ފަންތީގެ ރަސްމީ އެންގޭޖްމަންޓެއް ކުރިއަށް ގެންދާ ފުރަތަމަ ފަހަރު

ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއިން ދެމެހެއްޓެނިވި އެއްބާރުލުން ގާއިމުކުރުމަށާއި، ދެ ގައުމުގެ ދެމެދުގައި ކުރެވޭ ވައިގެ ދަތުރުފަތުރުގެ ގުޅުންތައް އިތުރަށް ހަރުދަނާކުރުމަށްޓަކައި، ޓޫރިޒަމް އަދި ސިވިލް އޭވިއޭޝަން މިނިސްޓަރު މުޙައްމަދު އަމީން އިސްވެ ހުންނަވައިގެން ރާއްޖޭގެ މަތީ ފަންތީގެ ވަފުދެއް ރަޝިއާއަށް ފުރާވަޑައިގެންފިއެވެ.

މިއީ ރައީސް މުޙައްމަދު މުއިއްޒުގެ ސަރުކާރުން ރަޝިއާއާއެކު މިފަދަ މަތީ ފަންތީގެ ރަސްމީ އެންގޭޖްމަންޓެއް ކުރިއަށްދާ ފުރަތަމަ ފަހަރެވެ.

ޓޫރިޒަމް މިނިސްޓްރީން އާންމުކުރި މައުލޫމާތުގައިވާ ގޮތުން، މި ރަސްމީ ދަތުރުފުޅުގައި ވަފުދުގެ މުހިންމު ހަރަކާތްތައް ކުރިއަށްދާނީ ރަޝިއާގެ ވެރިރަށް މޮސްކޯގެ އިތުރުން ސެއިންޓް ޕީޓަސްބާގުގައެވެ.

މި ވަފުދަކީ ދިވެހިރާއްޖޭގެ ފަތުރުވެރިކަމާއި ވައިގެ ދަތުރުފަތުރުގެ ދާއިރާގެ އެންމެ މުހިންމު ހިއްސާދާރުންގެ މައްޗަށް އެކުލެވިގެންވާ ޓީމެކެވެ. އެގޮތުން ޓޫރިޒަމް މިނިސްޓްރީގެ އިތުރުން، ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން (ވީއެމްސީ)، މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އަދި ގައުމީ އެއާލައިން "މޯލްޑިވިއަން" ގެ އިސްވެރިން ބައިވެރިވެވަޑައިގަންނަވައެވެ. މީގެއިތުރުން، ރާއްޖޭގެ ފަތުރުވެރިކަމުގެ އަމިއްލަ ސިނާއަތުގެ މަންދޫބުންވެސް މި ވަފުދުގެ ތެރޭގައި ހިމެނިވަޑައިގަންނަވައެވެ.

ސަރުކާރުން ބުނާ ގޮތުގައި، ދާއިރާގެ ހުރިހާ މުހިންމު ފަރާތްތަކެއް އެކުލެވޭ ގޮތަށް މަތީ ފަންތީގެ ވަފުދެއް ފޮނުވުމުގެ މައިގަނޑު ބޭނުމަކީ، ދެ ގައުމުގެ ސިޔާސަތުތައް ބައްޓަންކުރުމާއި، ދަތުރުފަތުރުގެ ގުޅުންތައް ފުޅާކުރުމާއި، މާކެޓިން ޕްރޮމޯޝަނާ ގުޅޭގޮތުން ނަތީޖާ ނެރެވޭނެ ފުޅާ މަޝްވަރާތަކެއް އެއް ފުރާޅެއްގެ ދަށުން ކުރިއަށް ގެންދިއުމަށް މަގުފަހިކުރުމެވެ.

މި ދަތުރުފުޅުގެ ތެރެއިން ރަޝިއާ ސަރުކާރުގެ އިސް މަންދޫބުންނާ ބައްދަލުކުރައްވައި، ދެ ދާއިރާގެ ގުޅުން އިތުރަށް ބަދަހިކުރުމަށާއި، ރާއްޖެއަށް ކުރެވޭ ފްލައިޓްތަކުގެ ކެޕޭސިޓީ އިތުރުކުރުމަށްޓަކައި ޚާއްޞަ މަޝްވަރާތަކެއް ކުރިއަށް ގެންދިއުމަށް ވަނީ ރޭވިފައެވެ.

ރަޝިއާގެ ސަރުކާރުގެ އިސް ބޭފުޅުންނާއެކު ބާއްވާ ބައްދަލުވުންތަކުގެ އިތުރުން، މޮސްކޯ އަދި ސެއިންޓް ޕީޓާސްބާގުގެ އިސް ޓުއާ އޮޕަރޭޓަރުންނާއި، ޓްރެވަލް ޓްރޭޑް ޕާޓްނަރުންނާއި، ޖަމިއްޔާތަކުގެ އިތުރުން ޑިޖިޓަލް ޕްލެޓްފޯމްތަކާއި ހޮސްޕިޓާލިޓީ ދާއިރާގެ ކުންފުނިތަކާއެކު މަތީ ފަންތީގެ މަޝްވަރާތަކެއް ކުރިއަށްދާނެއެވެ. މީގެއިތުރުން، ރަޝިއާގެ ޓްރެވަލް ޓްރޭޑާއި މީޑިއާގެ ބައިވެރިންނަށް ޚާއްޞަކޮށްގެން ދެ ނެޓްވޯކިން އިވެންޓެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

މި ދަތުރުފުޅާ ގުޅޭގޮތުން މިނިސްޓަރު އަމީން ވިދާޅުވީ، ރަޝިއާއަކީ އަބަދުވެސް ރާއްޖެއަށް ގާތް އަދި އިތުބާރު ކުރެވޭ އެކުވެރި ގައުމެއް ކަމަށެވެ. އަދި ރާއްޖެއަށް ޒިޔާރަތްކުރާ ކޮންމެ ފަތުރުވެރިއަކަށް ދިވެހިރާއްޖެއިން ވަރަށް ބޮޑަށް ޝުކުރުވެރިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

"މި ދަތުރަކީ އަޅުގަނޑުމެންގެ ޕާޓްނަރުންގެ އަޑުއަހައި، ދިވެހިރާއްޖެއަށް އަންނަ މެހެމާނުންނާއެކު އޮތް ގުޅުން ދަމަހައްޓައި، 'ވިޒިޓް މޯލްޑިވްސް އިޔާ 2027′ އަށް އެކުގައި ތައްޔާރުވުމަށް ކުރެވޭ މުހިންމު ދަތުރެއް،" މިނިސްޓަރު އަމީން ވިދާޅުވިއެވެ.

ރަޝިއާ މާކެޓުގެ މުހިންމުކަން

ރަޝިއާއަކީ ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި ދެވަނައަށް އެންމެ ބޮޑު ހިއްސާއެއް ކުރާ މާކެޓެވެ. އަދި އެންމެ ގިނައިން ހޭދަ ކުރާ ފަތުރުވެރިންނަކީވެސް ރަޝިޔާ ފަތުރުވެރިންނެވެ.

އެންމެ ފަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު، ރަޝިއާއިން 192,453 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވެއެވެ. މިއީ ރާއްޖެއަށް ޒިޔާރަތްކުރި ޖުމްލަ ފަތުރުވެރިންގެ 14.7 އިންސައްތައެވެ.

ވޭތުވެދިޔަ އަހަރުގެ ތެރޭގައިވެސް ރަޝިއާއިން ރާއްޖެއަށް ޖުމްލަ 278,761 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާ އިރު، މުއިއްޒު ސަރުކާރުގެ މި ފުރަތަމަ ރަސްމީ ދަތުރުފުޅާއެކު ރަޝިއާ މާކެޓުން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރު ވުމަކީ އުންމީދު ކުރެވޭ ކަމެކެވެ.

ހިއްސާ ކުރައްވާ!