ޗައިނާގެ ސިޗުއާން ޕްރޮވިންސްގެ ޗެންގްޑޫ ސިޓީގެ އާންމު ހޮސްޕިޓަލްތަކާއި ތައުލީމީ މުއައްސަސާތަކުގައި މަސައްކަތްކުރާ މުވައްޒަފުންނާއި ކިޔަވާ ކުދިންގެ ދީނީ އިއުތިގާދުތަކާއި ދީނީ ފިކުރާ ބެހޭ މައުލޫމާތު އެއްކުރުމުގެ މަސައްކަތް ޗައިނާ ސަރުކާރުން އިތުރަށް ފުޅާކޮށްފިއެވެ.
ލީކުވެފައިވާ އެތެރޭގެ ލިޔެކިޔުންތަކާއި މިކަމުގެ މައުލޫމާތު އެނގޭ ފަރާތްތަކާ ހަވާލާދީ މީޑިއާއިންް ރިޕޯޓްކޮށްފައިވާ ގޮތުގައި، ޗެންގްޑޫގެ އާންމު ހޮސްޕިޓަލަކުން ވަނީ އެތަނުގެ ކުރީގެ މުވައްޒަފުންނާއި، ކޮންޓްރެކްޓް މުވައްޒަފުން އަދި ވަގުތީ ގޮތުން މަސައްކަތްކުރާ އެންމެންގެ ދީނީ އިއުތިގާދުގެ މައުލޫމާތު ހާމަކުރުމަށް އަންގައި މެމޯއެއް ނެރެފައެވެ.
އެ ހޮސްޕިޓަލުން ނެރުނު މެމޯގައި ބުނެފައިވަނީ، މިއީ "އައިޑިއޮލޮޖިކަލް، އެތުނިކް އަދި ރިލީޖިއަސް" ކަންކަން ގަވާއިދުން ބަލައި ފާސްކުރުމަށް ސަރުކާރުން ކަނޑައަޅާފައިވާ އުސޫލުތަކަށް އަމަލުކުރުމުގެ ގޮތުން ހިންގާ ހާއްސަ ސަރވޭއެއް ކަމަށެވެ. އަދި އެއްވެސް މުވައްޒަފަކު އިސްތިސްނާނުވާ ގޮތަށް އެންމެންގެ މައުލޫމާތު އެއްކުރުމަށް ވަނީ އަންގާފައެވެ.
މި ސަރވޭގެ ދަށުން އެއްވެސް ދީނަކަށް ނުއުޅޭ މުވައްޒަފުންވެސް "އެއްވެސް ދީނެއް ނެތް" ކަމަށް ރަޖިސްޓްރީ ކުރަންޖެހެއެވެ. މީގެ އިތުރުން ޗައިނާގެ ވެރިކަންކުރާ ކޮމިއުނިސްޓް ޕާޓީ (ސީސީޕީ) ގެ މެންބަރުންނަށް އެއްވެސް ދީނެއް ގަބޫލުކުރުން މަނާކޮށްފައިވާއިރު، އެއްވެސް ދީނަކަށް އޫޅޭ މުވައްޒަފަކު ހުރެެއްޖެނަމަ، އެކަން އެމީހެއްގެ ޕާޓީ ބްރާންޗަށް ރިޕޯޓްކުރުމަށް ވަނީ އަންގާފައެވެ.
މި ފާރަލުން ތައުލީމީ ދާއިރާއަށްވެސް ވަނީ ފުޅާވެފައެވެ. ސިޗުއާންގެ ޔުނިވަރސިޓީއެއްގެ އިދާރީ މުވައްޒަފަކު މީޑިއާއަށް މައުލޫމާތު ދެމުން ބުނެފައިވަނީ، ސުކޫލްތަކުން ކިޔަވާ ކުދިންގެ އާއިލާތަކާއި ބެލެނިވެރިންގެ ދީނީ އިއުތިގާދުތައް ބަލައި، އެ މައުލޫމާތު މަތީ ފަރާތްތަކަށް ރިޕޯޓްކުރަމުންދާ ކަމަށެވެ. އަދި ޗެންގްޑޫގެ ތައުލީމީ އިދާރާގެ މުވައްޒަފަކު ހާމަކުރި ގޮތުގައި، ކޮންމެ އަހަރަކު އާ ކުދިން ސުކޫލްތަކަށް ވަނުމުގެ ކުރިން އެކުދިންގެ ބެލެނިވެރިންގެ މައުލޫމާތު ބެލުމުގެ ތެރޭގައި ދީނީ ކަންކަމާ ގުޅޭ މައުލޫމާތު އެއްކުރުން ހިމެނެއެވެ.
އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ފަރާތްތަކުން ފާހަގަކުރާ ގޮތުގައި، މިއީ ޗައިނާގެ ދީނީ ކަންކަން ސިޔާސީ އަދި ފިކުރީ ގޮތުން ކޮންޓްރޯލްކުރުމަށް ހިންގާ "ސައިނިސައިޒޭޝަން އޮފް ރިލީޖަން" ކަމަށްވާ ދީނީ ކަންކަން ޗައިނާގެ ކޮމިއުނިސްޓް އުސޫލުތަކާ އެއްގޮތްކުރުން ސިޔާސަތުގެ ދަށުން ކުރިއަށްދާ ކަމެކެވެ.





