އިލްމީ ކަންކަމާއި ތައުލީމީ ގާބިލުކަމާ މެދު އުފެދުނު ބޮޑެތި ތުހުމަތުތަކަކާ ގުޅިގެން ކެމްބްރިޖް ޔުނިވަރސިޓީގެ ޕްރޮފެސަރުކަމުގެ މަގާމުން އިސްތިއުފާ ދެއްވި ޖޭސަން އާޑޭ، ސައުތު ލަންޑަންގެ ގެއެއްގެ ތެރޭގައި މަރުވެފައި އޮއްވައި ފެނިއްޖެއެވެ.
އުމުރުން 41 އަހަރުގެ އާޑޭ ހަބަރުހުސްވެފައިވަނިކޮށް ފެނުނީ ހުކުރު ދުވަހުގެ ވަގުތެއްގައެވެ. ލަންޑަން އެމްބިއުލަންސް ސަރވިސްއިން މަޢުލޫމާތު ދިނުމާ ގުޅިގެން މެޓްރޯޕޮލިޓަން ޕޮލިސްގެ އޮފިސަރުން އެ ސަރަހައްދަށް ދިޔައިރުވެސް އޭނާ އޮތީ މަރުވެފައެވެ. ފުލުހުން ބުނެފައިވަނީ އޭނާގެ މަރަކީ ކުއްލި މަރެއްގެ ގޮތުގައި ބެލެވުނު ނަމަވެސް، އެކަމުގައި ޝައްކުކުރެވޭ ފަދަ ޖިނާއީ އަމަލެއް ހިނގާފައިވާ ކަމަށް ނުބެލެވޭ ކަމަށެވެ.
އާޑޭ، ކެމްބްރިޖް ޔުނިވަރސިޓީގެ 'ޕްރޮފެސަރ އޮފް ސޯޝިއޮލޮޖީ އޮފް އެޑިއުކޭޝަން' ގެ މަގާމުން އިސްތިއުފާ ދެއްވީ މި މަހުގެ 5 ވަނަ ދުވަހުއެވެ. އޭނާ އިސްތިއުފާ ދެއްވީ، އޭނާގެ ތައުލީމީ ދިރާސާތަކާއި ޕީއެޗްޑީ ތީސިސްގެ ބައެއް ބައިތައް އެހެން ފަރާތްތަކުގެ މަސައްކަތުން ކޮޕީކޮށްފައިވާ ކަމަށް ކުރެވުނު ތުހުމަތުތަކާއި، އަމިއްލަ ހަޔާތުގެ ކާމިޔާބީތަކާ މެދު ކުރެވުނު ސުވާލުތަކާ ގުޅިގެންނެވެ.
އާޑޭ ވަނީ އޭނާގެ ދިރާސީ މަސައްކަތްތަކުން ވައްކަންކުރި ކަމަށް ކުރެވުނު ތުހުމަތުތައް ދޮގުކުރައްވާފައެވެ. ނަމަވެސް، އޭނާގެ ކުށްތަކެއް ހުރިކަމަށް އެއްބަސްވެވަޑައިގެންނެވިއެވެ. މަގާމުން އިސްތިއުފާ ދެއްވަމުން ނެރުއްވި ބަޔާނެއްގައި އޭނާ ވިދާޅުވެފައިވަނީ، މި މައްސަލައާ ގުޅިގެން އޭނާއަށް އާންމުންގެ ފާޑުކިޔުމަކާއި ޒާތީ ހަމަލާތަކެއް އަމާޒުވި ކަމަށެވެ.
"އިލްމީ ދާއިރާގައި ފާޑުކިޔުމަކީ އާންމު ކަމެއް. ނަމަވެސް ތަހައްމަލުކުރަންޖެހުނީ އިލްމީ ބަހުސަކަށްވުރެ މާ ބޮޑަށް ދުރަށް ގޮސްފައިވާ ކަންކަން،" އެކުވެރިންނަށް ފޮނުއްވި ސިޓީގައި އާޑޭ ލިޔުއްވާފައިވެއެވެ. "ނުހުއްޓި ކުރެވުނު ތުހުމަތުތަކާއި، އާންމުންގެ ފާޑުކިޔުންތަކުގެ ސަބަބުން މުޅި ނަފްސަށާއި އަހަރެން ދެކެ ލޯބިވާ މީހުންނަށް ވަރަށް ބޮޑު އަސަރެއް ކުރި." ކަމަށް ބުނެފައި ވެއެވެ.
މާޗް 2023 ގައި ކެމްބްރިޖްގެ ޕްރޮފެސަރުކަމަށް އައްޔަންކުރެވުނު އާޑޭއަކީ އެ ޔުނިވަރސިޓީގެ ތާރީޚުގައި އެ މަގާމަށް އައްޔަންކުރެވުނު އެންމެ ހަގު ކަޅުނަސްލުގެ އިލްމުވެރިޔާއެވެ. ނަމަވެސް، އޭނާގެ ތައުލީމީ ސަނަދުތަކުގެ ސައްހަކަމާމެދު ސުވާލު އުފެދުމުން ކެމްބްރިޖް ޔުނިވަރސިޓީއާއި އޭނާ މަސައްކަތް ކުރެއްވި ޖީސަސް ކޮލެޖުން ވަނީ މައްސަލަ ތަހުގީގުކުރަން ފަށާފައެވެ.
އާޑޭއާ މެދު ސުވާލު އުފެދުނު އިތުރު ކަންކަމުގެ ތެރޭގައި، ހަ ދުވަހުގެ ތެރޭގައި 600 މޭލު ދުވެ، ދަރުމައަށް އެތައް މިލިއަން ޕައުންޑެއް ހޯދި ކަމަށް ބުނާ ބުނުމާއި، އޭނާގެ ހަޔާތުގެ ތަފްސީލުތައް ހިމެނެއެވެ. ކެމްބްރިޖުން ޝާއިއުކުރި އޭނާގެ ސީވީގައިވާ ގޮތުން، އޭނާއަކީ އޯޓިޒަމް ހުންނަ މީހެކެވެ. އަދި އުމުރުން 11 އަހަރާ ހަމައަށް ވާހަކަނުދެއްކޭ ކަމަށާއި، 18 އަހަރާ ހަމައަށް ލިޔަންކިޔަން ނޭނގޭ ކަމަށް ބުނެފައިވެއެވެ. ނަމަވެސް އޭނާއާއެކު އުޅުނު ބައެއް މީހުން ވަނީ އެ ވާހަކަތަކުގެ ސައްހަކަމާމެދު ސުވާލު އުފައްދާފައެވެ.
އާޑޭގެ އަމިއްލަ ހަޔާތުގެ މައްޗަށް ލިޔެފައިވާ ފޮތް "ގްރޭޓް އެންޑް އަންފޯޗުނޭޓް ތިންގްސް" މި އޮގަސްޓު މަހުގެ 27 ގައި ނެރުމަށް ތައްޔާރުވެފައިވަނިކޮށް، އެ ފޮތް ނެރުން ފަސްކުރުމަށްވެސް ގިނަ ބަޔަކު ވަނީ ގޮވާލާފައެވެ.





