އީރާނާއެކު ސިއްރު މަޝްވަރާތަކަށް ރައީސް ޓްރަމްޕް ޚާއްޞަ މަންދޫބަކު ހަމަޖައްސަވައިފި: ރިޕޯޓް

އެމެރިކާއާއި އީރާނާ ދެމެދު އުފެދިފައިވާ ނުވަތަނަވަސްކަމަށް ޙައްލެއް ހޯދުމުގެ ގޮތުން، ދެޤައުމުގެ ދެމެދުގައި ސިއްރު މަޝްވަރާތަކެއް ކުރިއަށްގެންދިއުމަށްޓަކައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ޚާއްޞަ މަންދޫބަކު ހަމަޖައްސަވައި ސިއްރު މުއާމަލާތްތަކެއް ފައްޓަވާފައިވާ ކަމަށް އެމެރިކާގެ ޚަބަރު ފަތުރާ ވަސީލަތެއް ކަމަށްވާ "އެކްސިއޯސް" އިން ރިޕޯޓުކޮށްފިއެވެ.

އެކްސިއޯސްއިން ނެރުނު ތަފްސީލީ ރިޕޯޓެއްގައިވާ ގޮތުން، ރައީސް ޓްރަމްޕް ވަނީ އީރާނުގެ އިސް މަސްއޫލުވެރިންނާއެކު ސީދާ ވާހަކަތައް ދެއްކެވުމަށްޓަކައި އޭނާގެ އިތުބާރު ކުރެވޭ ޚާއްޞަ މަންދޫބެއް ކަނޑައަޅުއްވާފައެވެ.

ޓްރަމްޕް ބޭނުން ވަނީ ކޮންމެ އަގަކާ ލައިގެންވެސް އީރާނާ އެކު ސުލްހަ ވާށެވެ. މި މަޝްވަރާތަކުގެ މައިގަނޑު ބޭނުމަކީ އީރާނުގެ ހަމަލަތައް ހުއްޓާލައި ހުރުމުޒު ހުޅުވުމެވެ.

މި ސިއްރު ބައްދަލުވުންތަކާއި މުއާމަލާތްތައް ކުރިއަށްދަނީ ތިންވަނަ ޤައުމެއްގެ މެދުވެރިކަމުގައި ކަމަށް މަސްދަރުތަކުން ބުނެއެވެ. ނަމަވެސް، މި ކަމާ ގުޅޭގޮތުން ވައިޓް ހައުސްއިންނާއި އެމެރިކާގެ ޚާރިޖީ ވުޒާރާއިން އަދި ރަސްމީކޮށް އެއްވެސް ބަހެއް ބުނެފައެއް ނުވެއެވެ.

އީރާނުގެ ޚާރިޖީ ދާއިރާގެ މަސްދަރުތަކުންވެސް މި މަޝްވަރާތަކުގެ ތަފްސީލު ހާމަކުރުމަށް ދެކޮޅުހަދާފައިވާއިރު، މިއީ ދެޤައުމުގެ ސިޔާސީ ތާރީޚުގައިވެސް ސިއްރުން ކުރިއަށްގެންދެވޭ އެންމެ މުހިންމު އެއް މުއާމަލާތް ކަމަށް ފާހަގަކުރެއެވެ.

ރައީސް ޓްރަމްޕްގެ ފުރަތަމަ ރިޔާސީ ދައުރުގައި އީރާނާ ދެކޮޅަށް އެންމެ މަތީ ދަރަޖައިގެ ފިއްތުންތައް ދިނުމުގެ ސިޔާސަތެއް ގެންގުޅުއްވި ނަމަވެސް، ދެވަނަ ދައުރުގައި އޭނާގެ ސިޔާސަތަށް ބަދަލުތަކެއް އަންނަމުންދާ ކަމުގެ އިޝާރާތްތަކެއް ވަނީ ފެންނަން ފެށފައެވެ.

މި މަޝްވަރާތަކުގައި އެމެރިކާއިން އިސްކަންދެނީ ހުރުމުޒު ހުޅުވުމާއި ސަރަޙައްދީ ހަނގުރާމަވެރި ޖަމާޢަތްތަކަށް އީރާނުން ދެމުންދާ އެހީތައް ހުއްޓުވުމަށެވެ. އޭގެ ބަދަލުގައި އީރާނުން އެދެނީ އެޤައުމާ ދެކޮޅަށް އަޅާފައިވާ އިޤްތިޞާދީ ދަތިކުރުމުގެ ފިޔަވަޅުތަކަށް ލުއިދިނުމަށާއި، ތެޔޮ އެކްސްޕޯޓްކުރުމަށް ހުރި ހުރަސްތައް ނައްތާލުމަށެވެ.

މި ސިއްރު ފަރާތްތައް މެދުވެރިކޮށް ކުރިއަށްދާ މަޝްވަރާތަކުގެ ސަބަބުން، ކުރިއަށް އޮތް ތަނުގައި ދެޤައުމުގެ ދެމެދުގައި ރަސްމީ ފެންވަރުގެ ބައްދަލުވުންތަކެއް ބޭއްވުމުގެ ފުރުޞަތު ބޮޑުވެގެންދާނެ ކަމަށް އެކްސިއޯސްގެ ރިޕޯޓުގައި ބަޔާންކޮށްފައިވެއެވެ.

ހިއްސާ ކުރައްވާ!