މިސްރުގައި ޒުވާނުންގެ މެދުގައި ފެތުރެމުންދާ، ޝަރުޢީ ހަމަތަކާ ޚިލާފު "ޒަވާޖު އަންނަފްޙާ" ނުވަތަ ވަގުތީ ގޮތުން ކުރާ ކައިވެންޏަކީ ޝަރުޢީ ކައިވެންޏެއް ނޫން ކަމަށާއި، އެއީ ޝަރުޢީ ގޮތުން ހަރާމް ކަމެއް ކަމަށް މިސްރުގެ ދާރުލް އިފްތާއިން ކަނޑައަޅައިފިއެވެ.
މި ކައިވެންޏަކީ ޝަރުޢީ މިންގަނޑުތަކާ ޚިލާފަށް، ޒިންމާތަކުން ރެކިގަތުމަށް މަގުފަހިވާގޮތަށް ކުރެވޭ ކަމެއް ކަމަށް އެ އިދާރާއިން ވަނީ ބުނެފައެވެ.
މި މައްސަލަ ދިމާވީ ޔުނިވާސިޓީގައި ކިޔަވަމުންދާ ދަރިވަރަކު، އޭނާއާ އެއްކޮށް ކިޔަވަމުންދާ އަންހެން ކުއްޖަކާ ކައިވެނިކުރަން ބޭނުންވި ނަމަވެސް ޒިންމާތައް އުފުލުމުގެ ބިރު އޮތުމުން ބައެއް ރަހުމަތްތެރިން ދިން ލަފަޔަކާ ގުޅިގެން ދާރުލްއިފްތާއަށް ހުށަހެޅި ސުވާލަކާ ގުޅިގެންނެވެ.
ދާރުލް އިފްތާއިން ހާމަކޮށްފައިވާ ގޮތުގައި، މި "ޒަވާޖު އަންނަފްޙާ" ގެ ނަމުގައި ހިންގާ ލާދީނީ ޢަމަލުތައް ބިނާވެފައިވަނީ ވަކި އުޞޫލުތަކެއްގެ މައްޗަށެވެ.
އޭގައ ކައިވެނީގެ ކުރިން ދައްކަންޖެހޭ މަހުރެއް ކަނޑައެޅުމާއި، ދަރިއަކު ލިބިއްޖެނަމަ އެކުއްޖާގެ ނަސަބު ޤަބޫލުކުރުމަށް އެއްބަސްވުމާއި، ފިރިމީހާއަށް ކޮންމެ ވަގުތަކުވެސް ވަރިކުރުމުގެ ހައްޤު ލިބިގެންވުން ހިމެނެއެވެ. އަދި ދެ ފަރާތުގެ ރުހުމާއެކު ވަކިވުމުގެ ފުރުޞަތު އޮންނައިރު، މިފަދަ ކައިވެނިތައް ކުރަނީ އަންހެން ކުއްޖާގެ ވަލީވެރިޔާގެ ހުއްދަ ނެތި، އަދި ސިއްރު ކުރުމާއި އެކު ކައިވެނި އިޢުލާ ކުރުމަކާ ނުލައި އަދި ރަސްމީކޮށް ރަޖިސްޓްރީ ކުރުމަކާ ނުލައެވެ.
މިކަމާ ގުޅޭގޮތުން ވާހަކަދައްކަވަމުން މިސްރުގެ މުފްތީ ނަޡީރު މުޙައްމަދު ޢައްޔާދު ވިދާޅުވީ، ޞައްޙަ ކައިވެންޏަކަށް ވާންޖެހޭ ޝަރުޠުތަކާ ޚިލާފުވުމުގެ ސަބަބުން މިފަދަ ކައިވެނިތަކަކީ ބާޠިލު ކައިވެނިތަކެއް ކަމަށެވެ. އަދި ޚާއްޞަކޮށް ވަލީ ނެތުމާއި ކައިވެނި އިޢުލާނު ނުކުރުމަކީ އޭގެ އެންމެ ބޮޑު ސަބަބު ކަމަށް އޭނާ ފާހަގަކުރެއްވިއެވެ. މީގެ އިތުރުން، މިފަދަ ކަންކަމުގެ ސަބަބުން ނަސަބު އޮޅި، އަންހެނުންނާއި ކުޑަކުދިންނަށް ބޮޑެތި އަނިޔާތަކާއި ގެއްލުންތައް ލިބިގެންދާނެ ކަމުގެ އިންޒާރު ދެއްވިއެވެ.
އިސްލާމީ ޝަރީޢާގައި ކައިވެންޏަކީ ލޯތްބާއި ކުލުނުގެ މައްޗަށް ބިނާވެފައިވާ، އަދި ޙައްޤުތައް ހިމާޔަތްކޮށްދޭ މުޤައްދަސް ގުޅުމެއް ކަމަށް މުފްތީ ވިދާޅުވިއެވެ. ނަމަވެސް މިފަދަ އުޞޫލުތަކަކީ މަކަރާއި ހީލަތުން ނަސަބު ގެއްލުވައިލުމަށް މަގުފަހިކޮށްދޭ ނުރައްކާތެރި ކަންކަން ކަމަށްވާތީ، މުޖުތަމަޢު މިފަދަ ކަންކަމުން ސަލާމަތް ވުމަށް ގޮވާލައްވާފައިވެއެވެ.







