ރެސްޓޯރެންޓެއްގައި ގޮވައި ދެ މީހުން މަރުވެ، 12 މީހުންނަށް އަނިޔާވެއްޖެ 

މިޞްރުގެ ވެރިރަށް ޤާހިރާގެ އިރުމަތީ ސަރަޙައްދުގައިވާ މަޝްހޫރު ވިޔަފާރި މަރުކަޒެއްގެ ތެރޭގައި ހުރި ރެސްޓޯރެންޓެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައި ގޭސް ސިލިންޑަރެއް ގޮވުމުގެ ސަބަބުން މަދުވެގެން ދެ މީހުން މަރުވެ، 12 މީހުންނަށް އެކި ވަރުގެ އަނިޔާތައް ލިބިއްޖެއެވެ.

މި ހާދިސާ ހިނގާފައިވަނީ ޤާހިރާގެ "ތަޖައްމުޢު އަލްޚާމިސް" ސަރަޙައްދުގައިވާ "އަރަބެލާ ޕްލާޒާ" ކޮމްޕްލެކްސްގެ ތެރޭގައި ހުރި ރެސްޓޯރެންޓެއްގައެވެ. މިޞްރުގެ ނޫސްތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، އަލިފާނުގެ ހާދިސާ ހިނގަން މެދުވެރިވީ ރެސްޓޯރެންޓުގައި ބޭނުންކުރާ ގޭސް ސިލިންޑަރެއް ގޮވުމުގެ ސަބަބުންނެވެ. ބައެއް މަސްދަރުތަކުން ބުނާ ގޮތުގައި، ގޭސް ސިލިންޑަރު ގޮވުމުގެ ކުރިން މޯލްގެ ލިފްޓެއް ވެއްޓުމުގެ ހާދިސާއެއްވެސް ހިނގާފައިވެއެވެ. ނަމަވެސް، މި ދެ ހާދިސާއާ ދެމެދު އޮތް ގުޅުން ކަމާބެހޭ އިދާރާތަކުން އަދި ރަސްމީކޮށް ކަށަވަރުކޮށްދީފައެއް ނުވެއެވެ.

ހާދިސާގެ މަޢުލޫމާތު ސިވިލް ޑިފެންސް އަދި ކުއްލި ނުރައްކަލުގެ ޚިދުމަތްތަކަށް ލިބުމާއެކު، އަލިފާން ނިއްވާ 10 އުޅަނދާއި، އެމްބިއުލަންސްގެ 5 އުޅަނދު ވަނީ ވަގުތުން އެ ސަރަޙައްދަށް ފޮނުވާފައެވެ. ރެސްޓޯރެންޓުގައި ރޯވި އަލިފާންގަނޑު މޯލްގެ މުޅި އިމާރާތަށާއި ކައިރީގައި ހުރި ފިހާރަތަކަށް ފެތުރުނަނުދީ ކޮންޓްރޯލްކުރުމަށްޓަކައި، ކަމާބެހޭ ފަރާތްތަކުން ވަނީ އެ ސަރަޙައްދުގައި ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާނުކޮށްފައެވެ.

އަމަންއާމާން ބަލަހައްޓާ ފަރާތްތަކުން ވަނީ ޢާންމުންގެ ރައްކާތެރިކަމަށްޓަކައި އަރަބެލާ ޕްލާޒާ ވަށައިގެންވާ ސަރަޙައްދު ބަންދުކޮށް، ސިވިލް ޑިފެންސްގެ އޮފިޝަލުންނަށް މަސައްކަތްކުރުމުގެ މަގު ފަހިކޮށްދީފައެވެ. ސަލާމަތްކުރާ މީހުން ވަނީ ބޯ ދުމުގެ ތެރޭގައި އިމާރާތުގެ ތެރޭގައި ބަންދުވެފައި ތިބެދާނެ މީހުން ހޯދުމުގެ މަސައްކަތް ކޮށްފައެވެ.

އާންމުވެފައިވާ ވީޑިއޯތަކާއި ތަސްވީރުތަކުން ފެންނަ ގޮތުގައި، ގޮވުމުގެ ސަބަބުން ރެސްޓޯރެންޓުގެ އެތެރެއަށާއި އިމާރާތުގެ ބޭރުގެ ބައެއް ބައިތަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވެއެވެ. އިމާރާތުގެ ބިއްލޫރިތަކާއި ފާރުތަކުގެ ބައިތައް ވަނީ ބޭރަށް ފެތުރިގެން ގޮސްފައެވެ.

މި ހާދިސާގައި އަނިޔާވި 12 މީހުންނާއި މަރުވި ދެ މީހުންގެ ހަށިގަނޑު ވަނީ ކައިރީގައިވާ ހޮސްޕިޓަލްތަކަށް ގެންގޮސްފައެވެ. އަނިޔާވި މީހުންގެ ތެރޭގައި އެކި ވަރުގެ ފިހުމުގެ އަނިޔާތަކާއި، ނޭވާލުމަށް އަސަރުކޮށްފައިވާ މީހުން ހިމެނޭކަމަށް ރިޕޯޓުތައް ބުނެއެވެ.

ކަމާބެހޭ އިދާރާތަކުން މިހާރު ދަނީ މި ހާދިސާ ހިނގަން މެދުވެރިވި ސަބަބާއި، ރައްކާތެރިކަމުގެ މިންގަނޑުތަކާ އެއްގޮތަށް ޢަމަލުކޮށްފައިވޭތޯ ބެލުމަށް ޤާނޫނީ އަދި ޓެކްނިކަލް ތަޙުޤީޤެއް ހިންގަމުންނެވެ.

ހިއްސާ ކުރައްވާ!