އެމެރިކާގެ ވެރިރަށް ވޮޝިންގްޓަން ޑީސީގެ އަމަންއާމާންކަން ބެލެހެއްޓުމަށް ފެޑެރަލް ފުލުހުން ފޮނުވުމާ ގުޅިގެން، ވައިޓް ހައުސްގައި އުޅޭ "ރީތި، ޒުވާން އަންހެން ކުދިން" އޭނާއަށް ޝުކުރު އަދާކުރަމުންދާ ކަމަށް ވިދާޅުވެ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދެއްކެވި ވާހަކަފުޅުތަކަކާ ގުޅިގެން ފާޑުކިއުންތަކެއް އަމާޒުވެއްޖެއެވެ.
ނިއުޔޯކްގެ ގާޑަން ސިޓީގައި އޮތް ފުލުހުންގެ ހަރަކާތެއްގައި ވާހަކަފުޅު ދައްކަވަމުން، އުމުރުފުޅުން 80 އަހަރުގެ ރައީސް ޓްރަމްޕް ވަނީ ވޮޝިންގްޓަނަކީ އެންމެ ނުރައްކާތެރި އެއް ސިޓީގެ ގޮތުގައި ސިފަކުރައްވައި، އޭނާގެ ސަރުކާރުން އަޅާފައިވާ ފިޔަވަޅުތަކުގެ ސަބަބުން ކުށްމަދުވެފައިވާ ކަމަށް ވިދާޅުވެފައެވެ.
ޓްރަމްޕްގެ ވާހަކައާ ޚިލާފަށް ރަސްމީ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ޓްރަމްޕްގެ ސަރުކާރުން ފިޔަވަޅުތައް އެޅުމުގެ ކުރިންވެސް އެ ސިޓީގެ ކުށްމަދުވުން ވަނީ ފާއިތުވި 30 އަހަރުގެ އެންމެ ދަށް މިންވަރަށް ވެއްޓިފައެވެ.
ގިނަ އަދަދެއްގެ ފުލުހުންނާއި، އެޓާނީ ޖެނެރަލް ޓޮޑް ބްލާންޗް އަދި އެފްބީއައިގެ ޑައިރެކްޓަރު ކޭޝް ޕަޓޭލް ބައިވެރިވެވަޑައިގެންނެވި މި އެއްވުމުގައި ޓްރަމްޕް ވިދާޅުވީ،
- "ވައިޓް ހައުސް ތެރެއިން ބައްދަލުވާ ރީތި، ޒުވާން އަންހެން ކުދިން އައިސް 'މިސްޓަ ޕްރެޒިޑެންޓް، ވާހަކައެއް ދައްކާލެވިދާނެތޯ' އޭ ބުނެ ސުވާލުކުރޭ. އަދި ކުރިން އެޕާޓްމަންޓުން ބޭރަށް ނުކުންނަން ބިރުގަތް ނަމަވެސް، މިހާރު އެއްވެސް ބިރެއްނެތި ކޮންމެ ދުވަހަކު ވައިޓް ހައުސްއަށް ހިނގާފައި އާދެވޭތީ ޝުކުރު އަދާކުރޭ" ކަމަށެވެ.
އަންނަ ނޮވެމްބަރު މަހު ބޭއްވުމަށް ހަމަޖެހިފައިވާ މިޑްޓާމް އިންތިޚާބަށް ރިޕަބްލިކަން ޕާޓީގެ ކެންޑިޑޭޓުންނަށް ތާއީދު ހޯއްދެވުމުގެ ގޮތުން ޓްރަމްޕް ކުރެއްވި މި ދަތުރުފުޅުގައި، އީރާނާއެކު ހިނގަމުންދާ ހަނގުރާމައާއި، އެމެރިކާގެ ތަކެތީގެ އަގުބޮޑުވުމުގެ މައްސަލަތަކާ ހުރެ އޭނާގެ މަގުބޫލުކަން ވަނީ ވަރަށް ބޮޑަށް ދަށްވެފައެވެ.
މި އެއްވުމުގައި ވާހަކަފުޅު ދައްކަވަމުން، އީރާނާއެކު ކުރިއަށްދާ ހަނގުރާމައަށް އިޝާރާތް ކުރައްވައި ޓްރަމްޕް ވަނީ ދުނިޔޭގެ ތެލުގެ ވިޔަފާރީގެ މުހިންމު މަގެއް ކަމަށްވާ ހުރުމުޒް ކަނޑުއޮޅިއަކީ "އެމެރިކާގެ މިލްކިއްޔާތެއް" ކަމުގައި ކަނޑައަޅުއްވާނެ ކަމުގެ އިންޒާރުވެސް ދެއްވައިފައެވެ. ޓްރަމްޕް ވިދާޅުވީ އެމެރިކާއިން އެ ސަރަހައްދު ބަންދުކޮށްފައިވާ ކަމަށާއި، އެމެރިކާއިން ހުއްދަދޭ އުޅަނދުފަހަރަށް މެނުވީ އެ ކަނޑުއޮޅިން ދަތުރު ނުކުރެވޭނެ ކަމަށެވެ.
މީގެއިތުރުން، މެދުއިރުމަތީގައި ހަރަކާތްތެރިވާ އެމެރިކާގެ މަތިންދާބޯޓު އުފުލާ މަނަވަރު "ޔޫއެސްއެސް އަބްރަހަމް ލިންކަން" ގެ ފާޚާނާ ބެދުމާއި މީހުން ބަނޑު ހަރުވުމާއި ކާން ނުލިބޭ މައްސަލާގައި ކުރި ސުވާލުތަކަށް ޓްރަމްޕް ވަނީ ރެކެން މަސައްކަތް ކޮށްފައެވެ.






