ބަނޑު ހަރުވެފައިވާ ސިފައިންނާއި ބެދިފައިވާ ފާޚާނާތަކާއެކު އެމެރިކާ މަނަވަރުގެ ހާލަތު

މެދުއީރުމަތީގައި އެމެރިކާއިން ކުރިއަށްދާ އަސްކަރީ ހަރަކާތްތަކުގައި ބޭނުން ކުރާ ނިއުކްލިއާ ހަކަތައިން ދުއްވާ އެމެރިކާގެ މަތިންދާބޯޓު ޔޫއެސްއެސް އަބްރަހަމް ލިންކަން މަނަވަރު ކަނޑުމަތީގައި އުޅޭތާ އަށް މަހަށްވުރެ ގިނަ ދުވަސްވެ، މަނަވަރުގައި ތިބި މީހުންގެ ނަފްސާނީ ހާލަތު އިންތިހާއަށް ގޯސްވެއްޖެއެވެ.

މަނަވަރުގައި ތިބި ފަޅުވެރިން ބުނަނީ އެމީހުންގެ ބަނޑު ހަރުވެފައިވާ ކަމަށެވެ. އަދި ފާޚާނާތައް ބެދިފައި ހުރުމުން ފާޚާނާއަށް ކިއުގައި ތިބެން ޖެހޭ ކަމަށާއި ނަފްސާނީ ހާލަތު ދަށަށްގޮސް، ކާބޯތަކެއްޗާއި އަސާސީ ތަކެތި ހުސްވެފައިވާ ކަމަށެވެ. މިކަމުގެ ސަބަބުން އެމެރިކާގެ ގާނޫނުހަދާ މަޖިލީހާއި ސިފައިންގެ ތެރޭގައި ބޮޑެތި ފާޑުކިޔުންތަކެއް ވަނީ އަމާޒުވެފައެވެ.

ފާއިތުވި ނޮވެމްބަރު މަހު ސެން ޑިއޭގޯއިން ފުރި މި މަނަވަރު، މެދުކެނޑުމެއްނެތި ކަނޑުމަތީގައި ހޭދަކުރި 200 އަށްވުރެ ގިނަ ދުވަހުގެ ތެރޭގައި ބޮޑެތި މައްސަލަތަކާ ވަނީ ކުރިމަތިލާންޖެހިފައެވެ.

އެމެރިކާގެ ސެންޓްރަލް ކޮމާންޑް (ސެންޓްކޮމް) ގެ މައި މަރުކަޒު ބަހްރޭންގައި އޮތުމާއެކު، ސަޕްލައި އުޅަނދުފަހަރަށް ހުރްމުޒް ކަނޑުއޮޅި ހުރަސްކުރަންޖެހުމުން އީރާނުގެ ހަމަލާތަކުގެ ނުރައްކާ ބޮޑުވެ، ތަކެތި ފޯރުކޮށްދިނުމަށް ވަނީ ހުރަސްތަކެއް ކުރިމަތިވެފައެވެ.

މަނަވަރުގައި ތިބި ފަޅުވެރިންނާއި އެމީހުންގެ އާއިލާތަކުން ހާމަކޮށްފައިވާ ގޮތުގައި، މަނަވަރުގައި އާންމު ސާފުތާހިރުކަމަށް ބޭނުންކުރާ ސައިބޯން، އަދި ދަތްއުނގުޅާ ބޭސް ފަދަ ތަކެތި ވަނީ ހުސްވެފައެވެ.

މީގެ އިތުރުން ފާޚާނާތައް ބެދި ހަލާކުވުމާއި، ހޫނުފެނާއި ބޯފެން އުފައްދާ ނިޒާމު މަސައްކަތް ނުކުރުމުމުގެ އިތުރުން ކާބޯތަކެތި ހުސްވެ، ބައެއް ދުވަސްދުވަހު ކާންލިބެނީ ބަތް ކޮޅަކާއި ދެ ރޮށި ކަމަށް އެމެރިކާގެ ކޮންގްރެސް މެންބަރު މައިކް ލެވިން ވަނީ ވިދާޅުވެފައެވެ.

ފަޅުވެރިންގެ ނަފްސާނީ ހާލަތު ވަރަށް ބޮޑަށް ދަށަށްގޮސްފައިވާއިރު، އޮގަސްޓް 3 ގައި ބަޔަކު ވަނީ މަނަވަރުގައި ދަންޖެހެންވެސް މަސައްކަތް ކޮށްފައެވެ.

އެމެރިކާގެ އަސްކަރީ ނޫސްތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި މިއީ ނަފްސާނީގޮތުން ވަރުބަލިވެގެން އަމިއްލައަށް މަރުވާން ކުރި މަސައްކަތެކެވެ.

މި މައްސަލައިގައި އެމެރިކާގެ ސެނެޓުގެ އާމްޑް ސާވިސަސް ކޮމިޓީގެ ސެނެޓަރު ރިޗާޑް ބްލޫމެންތާލް ވަނީ ވޯ ސެކްރެޓަރީ ޕީޓް ހެގްސެތަށް ފޮނުއްވި ސިޓީއެއްގައި މަނަވަރުގެ ހާލަތާމެދު ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އަދި ސެނެޓުގެ ޑިމޮކްރެޓިކް ލީޑަރު ޗަކް ޝޫމާ ވަނީ މި ފެއިލިއާގެ ޒިންމާ ހެގްސެތު ނަންގަވައި މަގާމުން އިސްތިއުފާ ދެއްވުމަށް ގޮވާލައްވާފައެވެ.

މިކަންކަން މި ގޮތަށް ހުރުމުން އީރާނުން ތަކުރާރުކޮށް ބުނަމުން ދަނީ ސިޔާސީ ގޮތުންނާއި އަސްކަރީ ގޮތުން އަދި ޑިޕްލޮމެޓިކް ގޮތުންވެސް ހަނގުރާމަ ކާމިޔާބު ކުރީ އެމީހުން ކަމަށެވެ.

ނަމަވެސް، ހެގްސެތު ވަނީ މަނަވަރުގައި ކާބޯތަކެއްޗާއި އަސާސީ ހިދުމަތްތައް ހުސްވެފައިވާ ކަމަށް ފެތުރެނީ ހަގީގަތާ ހިލާފު ވާހަކަތަކެއް ކަމަށް ވިދާޅުވެ، އެ ތުހުމަތުތައް ދޮގުކުރައްވާފައެވެ. އޭނާ ވިދާޅުވީ އެ މަނަވަރަކީ އަދިވެސް އޮޕަރޭޝަނަލްގޮތުން ފުރިހަމައަށް ތައްޔާރަށް އޮތް މަނަވަރެއް ކަމަށެވެ.

ލިންކަން މަނަވަރުގެ ބަދަލުގައި އެމެރިކާއިން މިހާރު ދަނީ ވިއެޓްނާމް ސަރަހައްދުގައި ހަރަކާތްތެރިވާ ޔޫއެސްއެސް ޖޯޖް ވޮޝިންޓަން މެދުއީރުމައްޗަށް ފޮނުވާފައެވެ.

ހިއްސާ ކުރައްވާ!