ފަލަސްޠީނުގެ ތާރީޚުގައި ފުރަތަމަ ފަހަރަށް ޤައުމީ ފެންވަރުގެ ރީތީގެ މުބާރާތެއް ބާއްވަނީ

ފަލަސްޠީނުގެ ތާރީޚުގައި ފުރަތަމަ ފަހަރަށް ޤައުމީ ފެންވަރުގެ ރީތީގެ މުބާރާތެއް ބޭއްވުމަށް ނިންމައި، 2026 ވަނަ އަހަރުގެ މުބާރާތުގައި ބައިވެރވުމުގެ ފުރުޞަތު ރަސްމީކޮށް ހުޅުވާލައިފިއެވެ.

"ސަރަޙައްދުތައް ފަހަނައަޅައިދާ ރީތިކަން" މި ޝިއާރުގެ ދަށުން ބާއްވާ މި މުބާރާތަކީ ފަލަސްޠީނުގެ އަންހެނުންގެ ޤައުމީވަންތަކަމާއި، ސަޤާފަތާއި، އަދި ގާބިލުކަން ދުނިޔެއަށް ދައްކުވައިދިނުމަށް މަގުފަހިކޮށްދޭ މުހިންމު މަންސައެކެވެ.

މި މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ލިބިފައި ވަނީ ފަލަސްޠީނުގައި އަދި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅެމުންދާ، ފަލަސްޠީނުގެ އުމުރުން 18 އަހަރާއި 35 އަހަރާ ދެމެދުގެ އަންހެނުންނަށެވެ.

މި މުބާރާތް އިންތިޒާމުކޮށް ހިންގަނީ ފަލަސްޠީނުގެ މިނިވަން ޤައުމީ ޖަމްޢިއްޔާއެއް ކަމަށްވާ "މިސް ކޮންޓެސްޓް ފަލަސްޠީނު" އިންނެވެ. މިއީ ފަލަސްޠީނުގެ ހަޤީޤީ ސަޤާފަތާއި ތަރިކަ ދައްކުވައިދިނުމަށް އުފައްދާފައިވާ ބައިނަލްއަޤްވާމީ މަންސައެކެވެ.

މި އަހަރުގެ މުބާރާތް ލީޑުކޮށްދެއްވަނީ 2022 ވަނަ އަހަރުން ފެށިގެން 2025 ވަނަ އަހަރާ ހަމައަށް ފަލަސްޠީނުގެ ރީތީގެ ރާނީގެ މަޤާމު ފުރާފައިވާ އަދި ދުނިޔޭގެ މިސް ޔުނިވާސް މުބާރާތުގައި ފުރަތަމަ ފަހަރަށް ބައިވެރިވި ފަލަސްޠީނުގެ ފުރަތަމަ އަންހެން ރާނީ ނާދީން އައްޔޫބު އެވެ.

މި މުބާރާތާ ގުޅޭގޮތުން ވާހަކަދައްކަވަމުން ނާދިން ބުނީ، "މިސް ކޮންޓެސްޓް ފަލަސްޠީނަކީ ހަމައެކަނި ލަގަބެއް ލިބޭ މުބާރާތެއް ނޫން" ކަމަށާއި، "މިއީ ފަލަސްޠީނުގެ އަންހެނުންނަށް މުޖުތަމަޢުގައި އަޑު އުފުލުމަށާއި، ބައިނަލްއަޤްވާމީ ކަންކަމުގައި އަމިއްލަ ޤައުމުގެ ހައިބަތު ދައްކުވައިދިނުމަށް ލިބޭ ރަނުގެ ފުރުޞަތެއް" ކަމަށެވެ.

އިންތިޒާމުކުރާ ފަރާތްތަކުން ހާމަކޮށްފައިވާ ގޮތުގައި، މި މުބާރާތުގެ ފައިނަލް ބުރުގެ އެންމެ ފަހުގެ އިމްތިޙާނުތައް ފަލަސްޠީނާއި ޖޯޑަންގައި ކުރިއަށްދާނެއެވެ. އަދި މި މުބާރާތުގެ އެންމެ ފަހުގެ ނިންމުންތައް ނިންމުމަށް ބާއްވާ ހަފުލާ އޮންނާނީ އަންނަ އޮކްޓޯބަރު މަހު ޖޯޑަންގައެވެ. މިއީ ފަލަސްޠީނުގެ އަންހެނުންގެ ޤާބިލުކަން އިތުރުކޮށް، މުޖުތަމައަށް ފައިދާހުރި މަސައްކަތްތަކެއް ކުރުމަށް މަގުފަހިވެގެންދާނެ ކަމެއް ކަމަށް ބުނެފައި ވެއެވެ.

ހިއްސާ ކުރައްވާ!