ކޮންމެ ދުވަހަކު 30 އާއި 40 ފަލަސްޠީނު މީހުން މެރުމަށް ޔަހޫދީ ވަޒީރު އަންގައިފި

ޣައްޒާގައި ކޮންމެ ދުވަހަކުވެސް 30 އާއި 40 އާ ދެމެދުގެ އަދަދަކަށް ފަލަސްތީނުގެ އާންމު ރައްޔިތުން މެރުމަށް ޔަހޫދީ ރެޖީމްގެ ޓެރަރިސްޓް ނޭޝަނަލް ސެކިއުރިޓީ މިނިސްޓަރު އިތަމާރު ބެން-ގްވީރު ފާޅުގައި ގޮވާލަފިއެވެ. ނަތަންޔާހޫގެ ސަރުކާރުގެ ކޯލިޝަންގައި ހިމެނޭ ހައްދުފަހަނައެޅި ވަޒީރުގެ ވާހަކަތަކަށް ބައިނަލްއަގްވާމީ މީޑިއާގެ ފާޑުކިޔުންތައް އަނެއްކާވެސް ވަނީ އަމާޒުވެފައެވެ.

އިސްރާއީލުގެ އަސީރުންގެ ތެރެއިން މިނިވަންވި ރޮމް ބްރަސްލާވްސްކީގެ ޕޮޑްކާސްޓެއްގައި ވާހަކަދައްކަމުން ބެން-ގްވީރު ބުނީ، ޣައްޒާއަށް ދެމުންދާ ހަމަލާތައް މަދުކުރުމާމެދު ނަތަންޔާހޫއާ ޚިޔާލުތަފާތުވާ ކަމީ ސިއްރެއް ނޫން ކަމަށެވެ. އަދި އޭނާ ދެކެނީ އިސްރާއީލުން ޣައްޒާގައި ވަކިވަކި އަމާޒުތަކަށް އިސްކަންދީގެން ކޮންމެ ރޭކު 30 އާއި 40 އާ ދެމެދުގެ އަދަދަކަށް މީހުން ނައްތާލާންޖެހޭ ކަމަށެވެ.

އޭނާ އިތުރަށް ބުނެފައި ވަނީ މަރާލަންޖެހެނީ އިސްރާއީލަށް ނުރައްކާވާ މީހުން އެކަނި ނޫން ކަމަށެވެ. އަދި ފަލަސްޠީނު މީހުންގެ ތެރޭގައި ދިރިއުޅުމުގެ ހައްގު ލިބެންޖެހޭނެ އެކަކުވެސް ނެތް ކަމަށެވެ. އަދި ފަލަސްޠިނު މީހުންނަކީ އިންސާނުން ކަމުގައި ނުދެކޭ ކަމަށްވެސް އޭނާ ބުންޏެވެ.

ބެން-ގްވީރުގެ މިފަދަ ނަފްރަތުގެ ވާހަކަތަކަކީ އިސްރާއީލުން ޣައްޒާގެ ރައްޔިތުންނާ ދެކޮޅަށް ޤަތުލުއާންމު ހިންގުމުގެ ނިޔަތް އޮތްކަމުގެ ސާފު ހެއްކެއްގެ ގޮތުގައި ބައިނަލްއަގުވާމީ ކުރިމިނަލް ކޯޓަށް މީގެ ކުރިންވެސް ވަނީ ހުށަހެޅިފައެވެ. ފަލަސްޠީނު ރައްޔިތުންނާ ދެކޮޅަށް ސީދާ އަސްކަރީ ހަމަލާތައް ދިނުމަށް އަމުރުކުރުމުގެ ގާނޫނީ ބާރު ބެން-ގްވީރަށް ނެތްކަމުގައި ވިޔަސް، އޭނާއަކީ އިސްރާއީލުގެ ފުލުހުންނާއި ޖަލުތަކުގެ ނިޒާމު ބަލަހައްޓާ ސެކިއުރިޓީ އިދާރާގެ އެންމެ އިސް ވެރިޔާއެވެ.

މި ޔަހޫދީ ކަލޭގެއަކީ، ފަލަސްތީނުގެ އަސީރުންނާއި ވަގަށް ނަގާފައިވާ ރަހީނުންނަށް ޖަލުތަކުގައި ދޭ ކާނާގެ މިންވަރު މަދުކުރުމަށް އަންގައި އެކަމަށް ފާޅުގައި ފަޚުރުވެރިވެ ފޮނިކަނޑާފައިވާ މީހެކެވެ.

ޓެރަރިސްޓް ބެން-ގްވީރުގެ ސިޔާސަތުތަކާ ހެދި، އިސްރާއީލުގެ ސުޕްރީމް ކޯޓުންވެސް ވަނީ ޖަލުތަކުގައި ތިބޭ ފަލަސްތީނީންނަށް އެކަށީގެންވާ ކާބޯތަކެތި ނުލިބޭކަމަށް ގަބޫލުކޮށްފައެވެ.

މި ޔަހުދީ ކަލޭގެ ދެއްކި ވާހަކައަކީ އެންމެ މީހެއްގެ އާދަޔާ ޚިލާފް ވިސްނުމެއް ނޫނެވެ. މިއީ ޔަހުދީ ރެޖީމުގައި ތިބި ހައްދުފަހަނައަޅާފައިވާ ޔަހޫދީ ޓެރަރިސްޓުންގެ އާންމު ވިސްނުމެވެ.

ބެންގްވީރަކީ ޔަހޫދީންގެ ކުރީގެ ބޮޑު ވަޒީރު ރާބީން މަރާލި އަމީރަށް އެކަމަށް ހިތްވަރު ދިން ޓެރަރިސްޓެވެ!

ހިއްސާ ކުރައްވާ!