ބަންގްލަދޭޝްގެ ކުރީގެ ބޮޑުވަޒީރު ޝައިޚް ޙަސީނާ އެ ގައުމުގެ ޝަރުޢީ މަރުޙަލާއަށް ހާޒިރުކުރުމަށްޓަކައި ބަންގްލަދޭޝްގެ ސަރުކާރާ ހަވާލުނުކުރަނީސް، ބަންގްލަދޭޝްގެ އާ ބޮޑުވަޒީރު ތާރިޤް ރަޙްމާން އިންޑިއާއަށް ކުރައްވަން ރޭއްވެވި ރަސްމީ ދަތުރުފުޅު ނުކުރައްވާނެ ކަމަށް އެ ގައުމުގެ ހާރިޖީ ވުޒާރާއިން އިއުލާނުކޮށްފިއެވެ.
2024 ވަނަ އަހަރު ބަންގްލަދޭޝްގައި ހިންގި އިހުތިޖާޖުތަކާ ގުޅިގެން ޙަސީނާގެ ސަރުކާރު ވެއްޓި، އެކަމަނާ ވަނީ އަވައްޓެރި އިންޑިއާއަށް ފިއްލަވައިގެން ވަޑައިގެންފައެވެ. އިންސާނިއްޔަތާ ހިލާފު ޖަރީމާތައް ހިންގެވުމުގެ ކުށް ސާބިތުވެ، ބަންގްލަދޭޝްގެ ކޯޓަކުން ޙަސީނާގެ މައްޗަށް މަރުގެ އަދަބު އައިސްފައިވާއިރު، އެކަމަނާ އަނބުރާ ގައުމަށް ފޮނުވައިދިނުމަށް ޑާކާއިން އަންނަނީ މުއާމަލާތް ކުރަމުންނެވެ.
އާދީއްތަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ބަންގްލަދޭޝްގެ ހާރިޖީ ވުޒާރާގެ އިސް މަސްއޫލުވެރިޔާ އޭ.ކޭ.އެމް. ޝާހިދުލް ކަރީމް ވިދާޅުވީ، ކުރިއަށް އޮތް ހަފުތާގައި ބޮޑުވަޒީރު ތާރިޤް ރަޙްމާން އިންޑިއާއަށް ވަޑައިގަންނަވާނެ ކަމަށް މީޑިއާގައި ފެތުރެމުންދާ ޚަބަރުތަކަކީ ޙަޤީޤަތެއް ނޫން ކަމަށެވެ.
"މިފަދަ ދަތުރުފުޅަކަށް އެކަށީގެންވާ އަމާން، އެކުވެރި މާހައުލެއް ބިނާކުރުމަކީ ކޮންމެހެން ބޭނުންތެރި ކަމެއް. އެކަން ހާސިލުކުރުމަށްޓަކައި، ޝައިޚް ޙަސީނާއާއި ގައުމުން ފިއްލަވައިގެން އިންޑިއާގައި ތިއްބެވި އެހެނިހެން ކުށްވެރިން ބަންގްލަދޭޝްއާ ހަވާލުކުރުމުގެ މަރުހަލާ އަވަސްކުރުމަށް އަޅުގަނޑުމެން ވަނީ އިންޑިއާގެ ކަމާބެހޭ ފަރާތްތަކަށް އިލްތިމާސްކޮށްފައި،" ޝާހިދުލް ކަރީމް ވިދާޅުވިއެވެ.
މީގެ އިތުރުން، އިންސާނިއްޔަތާ ހިލާފު ޖަރީމާތަކެއްގެ ކުށް ސާބިތުވެފައިވާ ބޭފުޅަކު އިންޑިއާގައި ހުރެގެން މީޑިއާއަށް ފާޅުކަން ބޮޑުގޮތެއްގައި އިންޓަވިއުތައް ދެމުންދިއުމަކީ ދެ ގައުމުގެ ދެމެދުގައި ކުރެވޭ ސިޔާސީ މަޝްވަރާތަކުގެ ސާފުކަން ގެއްލި، ގުޅުމަށް ބުރޫއަރަމުންދާ ކަމެއްގެ ގޮތުގައި އޭނާ ސިފަކުރެއްވިއެވެ.
މިއަހަރުގެ ފެބްރުއަރީ މަހު ބޮޑުވަޒީރުކަމުގެ ހުވާކުރެއްވި ތާރިޤް ރަޙްމާން ވަނީ ބަންގްލަދޭޝްގެ ސިޔާސީ ތާރީޚުގައި އާންމުކޮށް ކަންކުރާ އުސޫލާ ހިލާފަށް، ވެރިކަމުގެ ފުރަތަމަ ރަސްމީ ދަތުރުފުޅު އިންޑިއާއަށް ކުރެއްވުމުގެ ބަދަލުގައި މެލޭޝިޔާއާއި ޗައިނާއަށް ވަޑައިގެންފައެވެ.





