އެކްސް މެދުވެރިކޮށް ސަރުކާރުތަކުން ސެންސަރު ކުރުމަށް އަންގައިފިނަމަ އެކަން ޔޫސަރންނަށް އެނގޭ ގޮތަށް ފާހަގަ ކޮށްދޭނެ ކަމަށް ބުނެ މަސްކު އިއުލާން ކުރުމުން އޭނާއަށް ނަސޭހަތް ދީފިއެވެ.
އިންޑިއާއިން މަސްކުއަށް އަންގާފައި ވަނީ އިންޑިއާގެ ގާނޫނުތަކަށް އެކްސްއިން ފުރިހަމައަށް ތަބާވާންޖެހޭނެ ކަމަށެވެ.
އިންޑިއާގެ މަރުކަޒީ ސަރުކާރުގެ އިސް އޮފިޝަލަކު މީޑިއާއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، ސޯޝަލް މީޑިއާ ޕްލެޓްފޯމުތަކުން ކޮންމެ އުސޫލެއް ތައާރަފުކުރި ކަމުގައި ވީނަމަވެސް "ގައުމުގެ ގާނޫނުތަކަށް ތަބާވުން" އެއީ އިސްތިސްނާއެއް ނެތި އެފަރާތްތަކަށް މަޖުބޫރު ކަމެއް ކަމަށެވެ.
އިންޑިއާ ސަރުކާރުން މި ރައްދު ދީފައިވަނީ ސަރުކާރުތަކުގެ އެދުމަށް ކޮންޓެންޓް ނެގުމާއި، އެކައުންޓްތައް ބްލޮކްކުރުމަށް ކުރާ އަމުރުތައް އާންމުންނަށް ދެން ސާފުކޮށް ފެންނަން ބަހައްޓާނެ ކަމަށް އެންގުމާ ގުޅިގެންނެވެ.
މަސްކު ބުނި ގޮތުގައި، އެކްސްގެ އާ އަލްގޮރިދަމްގެ ދަށުން ސަރުކާރުތަކުން އެދިގެން މައުލޫމާތެއް ފޮރުވާ ނުވަތަ އުނިކުރާ ހާލަތްތަކުގައި، އެއީ ކޮން ސަރުކާރަކުން ނުވަތަ ކޮން އިދާރާއަކުން، ކޮން ގާނޫނީ ހުއްޖަތެއް ދައްކައިގެން ކުރި ކަމެއްކަން ޔޫޒަރުންނަށް ބަލައި ލެވޭނެއެވެ.
އިންޑިއާގެ އިންފޮމޭޝަން ޓެކްނޮލޮޖީ (އައިޓީ) ގާނޫނުގެ ދަށުން، ގައުމީ ސަލާމަތާއި އާންމު މަސްލަހަތަށް ނުރައްކާވާ ފަދަ ކޮންޓެންޓްތައް ނެގުމަށް ސަރުކާރުން ކުރާ އަމުރުތަކަށް އެކްސްއިން ފުރިހަމައަށް އަމަލުނުކުރާ ކަމަށް ބުނެ ސަރުކާރުން މީގެ ކުރިން ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.
މީގެ އިތުރުން، އިންޑިއާގެ ހޯމް މިނިސްޓްރީން އުފައްދާފައިވާ "ސަހްޔޯގް" ޕޯޓަލް މެދުވެރިކޮށް ފުޅާ ދާއިރާއެއްގައި ކޮންޓެންޓް ސެންސަރުކުރާ ކަމަށް ބުނެ އެކްސްއިން ވަނީ އިންޑިއާގެ ކޯޓުތަކުގައި ސަރުކާރާ ދެކޮޅަށް ދައުވާއެއް ވެސް ފަށާފައެވެ. އެކްސްއިން ތުހުމަތުކުރާ ގޮތުގައި އިންޑިއާ ސަރުކާރުން ދަނީ ގާނޫނީ އިޖުރާއަތްތަކުގެ ބޭރުން، މިނިވަންކަމާއެކު ހިޔާލުފާޅުކުރުމުގެ ހައްގަށް އަރައިގަންނަމުންނެވެ.






