އިންޑިއާގެ އެކައުންޓަކުން ފެތުރި ދޮގު ޚަބަރެއް އިޒްރޭލުގެ ބޮޑުވަޒީރާއި އެމެރިކާގެ މަސްއޫލުވެރިންނަށް އޮޅުވާލައިފި

އިންޑިއާގެ ސޯޝަލް މީޑިއާ އެކައުންޓަކުން ފެތުރި ޚަބަރެއްގެ ސަބަބުން ބައިނަލްއަގުވާމީ ފެންވަރުގައި ބޮޑު ކަންބޮޑުވުމެއް އުފެދިއްޖެއެވެ. އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއާއި އެމެރިކާގެ އިސް ސިޔާސީ ފަރާތްތަކުން ވެސް ތެދުކަމަށް ބަލައިގަތް މި ވާހަކައަކީ، ހަގީގަތާ އެއްވެސް ގުޅުމެއް ނެތް މީހަކު އަމިއްލައަށް އުފެއްދި ދޮގެއްކަން މިހާރު ވަނީ ކަށަވަރުވެފައެވެ.

މި މައްސަލައިގެ ފެށުމަކީ، އޮގަސްޓް މަހުގެ 5 ވަނަ ދުވަހު އިންޑިއާގައި 'އެކްސް' މަންސައިގެ އެކައުންޓެއް ކަމަށްވާ ރިއަލްބާބާ ބަނާރަސްގެ ހެންޑްލްއަކުން ކުރި ޕޯސްޓެކެވެ.

އީރާނުގެ ރިވޮލިއުޝަނަރީ ގާޑްގެ ވެރިޔާ އަހުމަދު ވަހީދީއާ ހަވާލާދީ ފެތުރި މި ދޮގު ޕޯސްޓުގައި ބުނެފައިވަނީ، ނިއުކްލިއަރ ހަތިޔާރު އުފެއްދުމާ ގުޅޭގޮތުން އީރާނުން ދޫނުދޭނެ ކަމަށާއި، އެމެރިކާއާއި އިޒްރޭލުން އެފަދަ ހަތިޔާރު ގެންގުޅޭހާ ހިނދަކު އީރާނުން ވެސް އެ މަސައްކަތް ކުރިއަށް ގެންދާނެ ކަމަށެވެ.

މި ވާހަކަ ސޯޝަލް މީޑިއާގައި ހަލުވިކަމާއެކު ފެތުރި، އިޒްރޭލުގެ މީޑިއާތަކާއި އޮންލައިން އެކްޓިވިސްޓުންގެ މެދުގައި ބޮޑު ބަހުސަކަށް ވިއެވެ.

އޭގެ ފަހުން، މި ދޮގު މައުލޫމާތު އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ ސަމާލުކަމަށް އައިސް، އޭނާ ވަނީ ސަރުކާރުގެ ރަސްމީ ހަފްލާއެއްގައި، އީރާނުގެ ލީޑަރު އެފަދަ ވާހަކައެއް ވިދާޅުވެފައިވާ ކަމަށް ބުނެ އެކަން ޔަގީންކަމާއެކުފަތުރާ ފައެވެ. ނަތަންޔާހޫ ބުނީ "އީރާނުގެ ކޮމާންޑަރު ވަހީދީ ވަނީ ނިއުކްލިއަރ ހަތިޔާރު އުފެއްދުމުގެ ވިސްނުން ފާޅުކޮށްފައި،" ކަމަށެވެ.

ނަމަވެސް، މި ވާހަކައަކީ އެއްވެސް ހަގީގަތެއް އެކުލެވޭ ވާހަކައެއް ނޫންކަން އިޒްރޭލުގެ ނޫސްތަކާއި 'ދަ ނިއު ޔޯކް ޓައިމްސް' ފަދަ ބައިނަލްއަގުވާމީ އިދާރާތަކުން ކުރި ތަހުގީގުތަކުން ވަނީ ހާމަވެފައެވެ.

އީރާނުގެ ރިވޮލިއުޝަނަރީ ގާޑްގެ ފަރާތުން އެފަދަ އެއްވެސް ބަޔާނެއް ނުވަތަ ވާހަކައެއް ދައްކާފައި ނުވާކަން އެނގުމާއެކު، ސިޔާސީ މަސްރަހުގައި އިތުރު ސުއާލު އުފެދުނެވެ.

މި ހާދިސާއަކީ ސޯޝަލް މީޑިއާގެ ޒަރީއާއިން ފަތުރާ ނުބައި މައުލޫމާތު ދުނިޔޭގެ އެންމެ މަތީ ފެންވަރުގެ ސިޔާސީ ނިންމުންތަކަށް ނުފޫޒު ފޯރުވާ މިންވަރު ދައްކައިދޭ ވަރަށް ސާފު މިސާލެކެވެ.

މި މައްސަލައާ ގުޅިގެން އިޒްރޭލުގެ ސަރުކާރަށް ފާޑުކިޔުންތައް އަމާޒުވެފައި ވެއެވެ. އިންޑިއާގެ މިފަދަ އެކައުންޓްތަކަކީ ހަމައެކަނި އެންމެ ފަހަރަކު މިފަދަ ކަމެއް ކުރި ބައެއް ނޫންކަން ވެސް ތަހުގީގުތަކުން ވަނީ ހާމަވެފައެވެ. މީގެ ކުރިން ވެސް، އިޒްރޭލާއި އީރާނުގެ މައްސަލަތަކުގައި މިފަދަ 'ފޭކް' މައުލޫމާތުތައް މި އެކައުންޓްތަކުން ފެތުރިކަން ރިކޯޑުތަކުން ދައްކައެވެ.

ހިއްސާ ކުރައްވާ!